"ކުރީގަ އަސްލު ޝައުގުވެރިކަން ހުންނަ ދާއިރާއެއް ނޫން މިއީ. އެކަމަކު އަބަދުވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވޭ، އެކުދިންނާއެކު ވަރަށް އުޅޭ ހިތްވޭ"

އިސްކަންދަރު ސުކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 14 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރަމުން އަންނަ އައިމިނަތު ސިޔާނާ އޭނާގެ ކިޔަވައިދިނުމުގެ ދާއިރާ ފެށިގެން އައި ގޮތް ކިޔައިދެމުން ފުރަތަމަ ވެސް ބުނީ މިހެންނެވެ.

ދާއިރާއަށް އެއްވެސް ޝައުގެއް ނެތި މި ދާއިރާއަށް ވަން ސިޔާނާއަށް މިއަދު އެހެން ދާއިރާއެއްގައި އޭނާ މަސައްކަތް ކުރާތަން ހިޔާލަށް ގެންނަން ވެސް ދައްޗެވެ. މިއަދު ކިޔަވައިދިނުމަކީ އޭނާގެ ހަޔާތުގެ އެއް ބައެވެ. އިސްކަންދަރު ސުކޫލަކީ އޭނާގެ ދެވަނަ ގެއެވެ. އޭނާ ކިޔަވައިދޭ ދަރިންނަކީ އޭނާ އަމިއްލަ ދަރިން ފަދައިން ލޯބިވާ ކުދިންނެވެ.

ނާސިން އިން ފުރުސަތު ނުލިބުމުން ޓީޗިންއަށް

ސ.ހުޅުދޫއަށް އުފަން ސިޔާނާ ތައުލީމީ ހަޔާތް ނިންމާލުމަށްފަހު މަތީ ތައުލީމަށް ވަނުމާ ދޭތެރޭގައި މަސައްކަތް ކުރަމުން އައީ އަމީނިއްޔާ ސުކޫލުގެ އެޑްމިން ސްޓާފެއްގެ ގޮތުގައެވެ. ކިޔަވައިދިނުމަށް އެއިރު އެއްވެސް ޝައުގެއް ނުހުންނަ ކަމަށް ސިޔާނާ ބުންޏެވެ. އެހެންނަމަވެސް އެންމެ ގާތް ރަހުމަތްތެރިޔާ އިސްކަންދަރު ސުކޫލުގައި މުދައްރިސެއްގެ ގޮތުގައި އުޅޭތީ ސިޔާނާއަށް ވަނީ ކޮންމެވެސް ވަރަކަށް ދާއިރާގައި ހިނގާ ކަންކަމުގެ ތެރޭގައި އެއިރު ވެސް އުޅެވިފައެވެ.

ސިޔާނާގެ ކިޔަވައިދިނުމުގެ ދާއިރާ ފެށުނު ހިސާބަކީ އޭނާ އެޕްލައި ކުރި ނަރުސް ކޯހުން ޖާގަ ނުލިބުނު ހިސާބެވެ. އެއިރު އޮންނަނީ ފުރަތަމަ ފޯމު ލާ ކުދިންނަށް ޖާގަ ދޭ އުސޫލުކަމުން އެ ފުރުސަތު އޭނާއަށް ނުލިބުނީއެވެ.

ނަރުސް ކޯހުން ޖާގަ ނުލިބުމުން މާޔޫސްވި ސިޔާނާ "ގޮތް ބަލާލަން" ދެން ހުށަހެޅީ ޓީޗިން ކޯހަށެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ ފަރާތުން ހިތްވަރު ލިބިގެންނެވެ. ކުޑަކުދިންނަށް ކުރާ ލޯތްބާއި މީހުން އަބަދު ވެސް ކިޔަމުން އަންނަ ވާހަކަތަކުގެ ސަބަބުންނެވެ. މަންމަގެ އުއްމީދުތައް ފުރިހަމަކޮށްދެމުންނެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރު އައިމިނަތު ސިޔާނާ ދަރިވަރުންނަށް ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"މަންމަ ވެސް އަސްލު ވަރަށް ބޭނުންވޭ [ސިޔާނާ] ޓީޗަރަކަށް ވާން. އެކަމު މަންމަ އެއިރަކު އަނެއްހެން ނުއެއް ބުނޭ އެހެނެއް. ދެން ފަހުން ފަހުން އައިސް ވާހަކަތަކުން އެކަން އެނގުނީ. ދައްތަ މެން ވެސް ކިޔާނެ. އަދި ވަރަށް ގިނަ މީހުން ކިޔާނެ ވަރަށް ގުޅޭނެ އޭ އެ ދާއިރާ. ވަރަށް ރަނގަޅު ޓީޗަރަކަށް ވާނެއޭ. އެކަމަކު އަމިއްލައަށް އެ ޝައުގު ނުހުންނާތީ އަޅާ ނުލާ ހުރީ. ދެން އެޕްލައި ކުރަން ބޭނުން ނުވެފަ ހުރެގެން، ކޮންމެހެން ހޮވޭނެ ކަމަކަށް ނޫން އެޕްލައި ކުރީ،" ސިޔާނާ ބުންޏެވެ.

ޓީޕީ: ހަޔާތް ބަދަލުކޮށްލި

ސިޔާނާ ކޯހަށް ކުރިމަތިލީ މުދައްރިސަކަށް ވާ ހިތަކުން ނޫނެވެ. ކޯސް ފެށިއިރު ވެސް ދާއިރާއަށް މާ ބޮޑު ޝައުގެއް ނުހުރެއެވެ. އެހެނަސް ސިޔާނާގެ ހަޔާތް ބަދަލުކޮށްލީ 2005 ވަނަ އަހަރު ޓީޗިން ޕްރެކްޓިސް (ޓީޕީ)އަށް ސުކޫލަކަށް ގޮސް ކިޔަވައިދޭން ފެށުމުންނެވެ. ދާއިރާއަށް ޝައުގު ޖެހުނީ ކުދިންގެ ފަރާތުން ލިބުނު ލޯބީގެ ސަބަބުންނެވެ. ދާއިރާއަށް މުޅިން ވަދެވުނީ ވެސް އެ ހިސާބުންނެވެ.

ކޯސް ނިންމާލުމަށް ފަހު ގިނަ އުންމީދުތަކާއެކު ސިޔާނާ އެންމެ ފުރަތަމަ ގުޅުނު ސުކޫލަކީ އިސްކަންދަރު ސުކޫލެވެ. 2007 ވަނަ އަހަރު އެ ސުކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ގުޅުނު ސިޔާނާ މިއަދު ވެސް ހިދުމަތް ކޮށްދެމުން އަންނަނީ އިސްކަންދަރު ސުކޫލަށެވެ. އެ ސުކޫލަކީ މިހާރު އޭނާގެ މި ދަތުރުގެ އެންމެ މުހިންމު ބައިވެރިޔާއެވެ.

އިތުރު ދެ ސުކޫލަކުން ލިބުނު މަތީ މަގާމުތައް ވެސް އޭނާ ދޫކޮށްލީ އިސްކަންދަރު ސުކޫލު ދޫކޮށްލަން ބޭނުން ނުވާތީއެވެ. އަދި މަތީ މަގާމުތަކަށް ވުރެ ކްލާހުގައި ކުދިންނަށް ކިޔަވައިދީގެން ލިބޭ ހިތްހަމަ ޖެހުން ބޮޑުވުމުންނެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރު އައިމިނަތު ސިޔާނާ (ވ) --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ސިޔާނާގެ ހިތް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅިފައި

ސިޔާނާ ތަމްރީނު ވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެެވެ. މިހާރު ކިޔަވައިދިނުމުގައި ބޭނުން ކުރަނީ އިންކްލޫސިވް ނުވަތަ ބައިވެރިކޮށްގެން ކިޔަވައިދިނުމުގެ ނިޒާމެއް ކަމުން އެކަމުގައި ސިޔާނާއަށް ވެސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކްލާހުގައި ތިބެމެ، އެ ކުދިންނަށް އެހީ ވާނެ ގޮތުގެ ތަމްރީނު މެއިންސްޓްރީމް ޓީޗިންގައި ހިމަނައިފައިނުވުމަކީ ސިޔާނާގެ ކަންބޮޑުވުމެވެ.

ސިޔާނާގެ އެންމެ ބޮޑު އުންމީދަކީ ވެސް ކޮންމެ ޓީޗިން ކޯހެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ މާއްދާތައް ހިމަނައި، އެކަމަށް މުދައްރިސުން ތަމްރީނުކުރުމެވެ.

"ތަފާތު ކުދިންތައް ކްލާހަށް އައިމަ އެ ކުދިންނަށް ކިތަންމެ ބޮޑަށް އެހީ ވާން ބޭނުން ވިޔަކަސް ނޭނގެ އެ ކުދިންގެ ހުންނަ ސްޕެޝަލް ނީޑްސް ތަކަކީ ކޮބައި ކަން އައިޑެންޓިފައި ކުރާކަށް. އަޅުގަނޑު ވަރަށް އިންޓްރެސްޓު ހުރޭ އެ ކަހަލަ ކުދިންނަށް ކިޔަވައިދޭން، އެކަމަކު މެއިންސްޓްރީމް ޕްރައިމަރީ ޓީޗިން ހެދީމަ އޭގެއިން ނީނދޭ އެއްވެސް ކަހަލަ ޓްރެއިނިން ލިބިފައެއް. " ސިޔާނާ ބުންޏެވެ.

އެ ދާއިރާއަށް ހުންނަ ޝައުގުގެ ބޮޑުކަމުން ސިޔާނާގެ މާސްޓާސް ފުރިހަމަ ކުރިއިރު އޭނާގެ ޑެސިޓޭޝަންގެ މައުލޫއަކަށް ނަގައިފައިވަނީ "ޓީޗާސް އެޓިޓިއުޑް ޓުވާޑްސް ސްޕެޝަލް އެޑިއުކޭޝަން" އެވެ. ސިޔާނާ އުންމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަމްރީނެއް ފުރިހަމަ ކުރާށެވެ.

މިކަމުގައި ސިޔާނާއަށް އެންމެ އުނދަގޫ ކަމަކަށް ދިމާވަނީ ހާއްސަ އެހީއަށް ބޭނުންވާ އިންޓަލެކްޗުއަލް ޑިސެބިލިޓީސް ހުންނަ ކުދިންގެ ބެލެނިވެރިން އެއީ އެ ފަދަ ކުދިން ކަމަށް ގަބޫލުކުރަން ބޭނުން ނުވުމެވެ. ސިޔާނާ ބުނި ގޮތުގައި މުދައްރިސުން އެ ކުއްޖަކަށް އެހީ ވާން ބޭނުން ވީ ނަމަވެސް އެ ހާލަތުގައި ބެލެނިވެރިންގެ އެހީތެރިކަން ނުލިބެއެވެ.

އެންމެ އުފާވެރި ހަނދާންތައް ވެސް ހިތްދަތި ހަނދާންތައް ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅިފައި

ސިޔާނާގެ ކިޔަވައިދިނުމުގެ ހަޔާތުގެ އެންމެ ހިތްދަތި ހަނދާންތަކާއި އެންމެ އުފާވެރި ހަނދާންތައް ވެސް ގުޅިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެވެ. އެގޮތުން އެންމެ އުފާވެރި ހަނދާނަކަށް ސިޔާނާ ފާހަގަކުރީ އޭނާގެ ކްލާހުގައި އިންނަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ސުކޫލުގެ ނެޓްބޯޅަ މުބާރާތެއްގެ މެޗެއްގައި ބައިވެރިކޮށްގެން އެންމެންގެ ފަރާތުން އެ ކުއްޖާއަށް ލިބުނު ސަޕޯޓެވެ. އެއީ ސިޔާނާގެ ލޯ އުފަލުން ފެންކަޅި ކޮށްލި އުފާވެރި ހަނދާނެކެވެ.

" އަޅުގަނޑުމެން ކްލާހުގަ އިންނަ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖާއަށް ހިނގަން ވެސް ކުޑަކޮށް އުނދަގޫ ގޮތެއް ހުންނާނެ، ނެޓްބޯލަ މުބާރާތުގެ ފައިނަލް މެޗުގަ އަޅުގަނޑު ބޭނުންވީ ހުރިހާ ކުދިން ލައްވާ ވެސް ކުޅުވަން، އޭރުގަ އޮތީ ވެސް ލީޑެއް ވެސް ލިބިފަ. ދެން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖާ ކުޅެން އަޅުގަނޑު އެރުވީ" ސިޔާނާ ކިޔައިދިނެވެ.

ސިޔާނާ ބުނީ އެ ދުވަހު އިދިކޮޅު ޓީމުގެ ކުދިންނާއި ބެލެނިވެރިންގެ ފަރާތުން އެ ކުއްޖާއަށް ލިބުނު ސަޕޯޓު ދުވަހަކު ވެސް ހަނދާން ނައްތާނުލެވޭނެ ކަމަށެވެ. އެ ކުއްޖާއަށް ބޯޅަ ދީގެން މެޗު ނިންމާލިއިރު މޮޅުވީ ވެސް ސިޔާނާގެ ކްލާހުގެ ޓީމެވެ. މެޗު ނިންމާލުމަށް ފަހު ވެސް ގިނަ ބެލެނިވެރިން ވެސް ކުއްޖާގެ މޮޅު ވާހަކަ ދައްކައި ތައުރީފް ކުރި ކަމަށް ސިޔާނާ ބުންޏެވެ.

މީގެ އިތުރުން ސިޔާނާ އުފާވާ އެއް ކަމެއް އެބައޮތެވެ. އެއީ މުދައްރިސުންގެ ދުވަހު އޭނާއަށް ބެލެނިވެރިއަކު ލިޔުނު ސިޓީއެކެވެ. އެ ސިޓީގައި "ސިޔާނާ މިސް" ގެ ނަމަކީ އެ ގޭގައި އާންމުކޮށް ބޭނުން ކުރާ ނަމަކަށް ވެފައިވާ ކަމަށާއި ސިޔާނާ ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރާކަމަށް ބުނެފައިވެެއެވެ. އެ ސިޓީން ސިޔާނާގެ ހިތުގެ ހިތުގެ އެންމެ ހިމަ ނާރުތަކަަށް ވެސް އަސަރު ކުރުވިއެވެ.

ސިޔާނާގެ އެންމެ ހިތްދަތި ހަނދާނަކަށް އަންނަނީ އޭނާ ކިޔަވައިދެމުން އައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ދުނިޔެއިން އަލްވަދާއު ކީ ހަނދާނެވެ. އެ ކުއްޖާ ނިޔާވީ، އެ ކުއްޖާ ބަލިވެ އުޅުން ކަން ސިޔާނާއަށް އެނގުނު ދުވަހުގެ އަނެއް ދުވަހުއެވެ.

ކުރާ މަސައްކަތް މުޖުތަމައުން ބަލައިގަންނަން ބޭނުންވޭ

ސިޔާނާ ފަދަ ކޮންމެ މުދައްރިސަކީ ވެސް ގައުމަށްޓަކައި އެތައް ގުރުބާނީއެއް ވަމުން އަންނަ ބައެކެވެ. އެހެންނަމަވެސް މުޖުތަމައަށް އެފަދަ އަގުހުރި މަސައްކަތްތަކެއް ކޮށްދޭ ބައެއްގެ އަގު އަދާ ނުކުރެވޭ ކަމަކީ ގިނަ މުދައްރިސުންގެ ޝަކުވާއެކެވެ.

ސިޔާނާ ވެސް ފާހަގަކުރި ގޮތުގައި އޭނާ ދާއިރާގައި މަސައްކަތް ކުރަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ނަމަވެސް އޭނާ ކުރާ މަސައްކަތް އެހެން މީހން ބަލައިގަންނަން އޭނާ ބޭނުންވެއެވެ. ހަމައެކަނި ބެލެނިވެރިންނާއި ދަރިވަރުންނެއް ނޫނެވެ. މުޖުތަމައުން ވެސް މުދައްރިސުން ކޮށްދޭ މަސައްކަތް ބަލައިގަނެ، އަގުވަޒަން ކުރާނޭ ދުވަހަކީ އެހެން މުދައްރިސުން ފަދައިން ސިޔާނާގެ ވެސް އެދުމެކެވެ.

ހުރިހާ ވެސް ހިތްވަރަކީ އާއިލާއާއި ރައްޓެހިން

ދާއިރާގައި މިހާރު ހުރި ހިސާބަށް އާދެވުނީ އާއިލާއާއި ގާތް ރައްޓެހިންގެ ސަބަބުން ކަމަށް ސިޔާނާ ދެކެއެވެ. ސިޔާނާ ބުނި ގޮތުގައި ސުކޫލުގައި ގިނަ ވަގުތު ހޭދަކުރާއިރު، އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ހައްގު ކަމަށެވެ.

ހަމައެހެންމަ އިސްކަންދަރު ސުކޫލުގެ މެނޭޖްމަންޓުން، މުދައްރިސުންނަށް ފަސޭހަ ކޮށްދިނުމަށް ގިނަ ކަންކަން ކޮށްދޭކަން އޭނާ ފާހަގަކުރިއެވެ. އޭނާ އިސްކަންދަރު ސުކޫލު ސިފަކުރީ ވަރަށް "ފްލެކްސިބަލް ވޯކް ޕްލޭސް"އެއްގެ ގޮތުގައެވެ.

މީގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާ ނުލާ އޭނާއަށް މި ހިސާބަށް އާދެވޭނެ ކަމަށް ސިޔާނާ ގަބޫލު ނުކުރެއެވެ. ކުރިން ކިޔަވައިދިން ކުދިންނާއި މިހާރު ކިޔަވައިދެމުން އަންނަ ކުދިންގެ ފަރާތުން ވެސް ލިބެމުން އަންނަ ލޯތްބަށް ބަދަލެއް ނާދެއެވެ. މިއީ ސިޔާނާގެ އެންމެ ބޮޑު ހިތްހަމަޖެހުން ވެސް މެއެވެ.

މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަން ޝައުގު ނެތް ސިޔާނާ މިއަދު ބޭނުން ވަނީ ކިޔަވައިދިނުމުގެ ދާއިރާއިން ގައުމަށް ކޮށްދެމުން އަންނަ ހިދުމަތް ހުއްޓާނުލާ ކުރިއަށް ގެންދާށެވެ. ސިޔާނާއަކީ މިއަދު އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަން ހުރި ފަހުރުވެރި ދިވެހި ދަރިއެކެވެ.