މިއަދުގެެ މުޖުތަމައުއިން އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ބޭރުގެ މާއްދާތައް ކިޔަވައިދިނުމަށް ސްކޫލުތަކުގައި ތިބޭ ދޭސީންނަށް ވުރެ ބިދޭސީން ގިނަ ތަނެެވެ. ދިވެހި، އިސްލާމް ފިޔަވައި އިތުރު މާއްދާތައް ކިޔަވައިދޭން ސްކޫލެއްގައި ތިބޭ ދިވެހިންގެ އަދަދު އަތުން ގުނާލެވޭހާ މަދު ވާނެކަން ގައިމެވެ. މިއީ އަޅުގަނޑުމެން ދިވެހިން މިއަދު ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މި ދެންނެވި މަދު ދިވެހިންނާ މެދު ފަހުރުވެރި ވުމަކީވެސް އަޅުގަނޑުމެން ކުރުން ކޮންމެހެން މުހިންމު ކަމަކަށް ވާނެ ކަން ކަށަވަރެވެ.

އެގޮތުން ގދ. ތިނަދޫއަށް އުފަން އައިމިނަތު ލިރާރާތު (ލިރާރަތު މިސް)އަކީ މި ލިސްޓުގެ އެންމެ ކުރީގައި ފިޔަޖަހާ އެއް ތަރިއެވެ. އެއީ މިވަގުތު ސީއެޗްއެސްސީގައި ހުރި ކެމިސްޓްރީ ޓީޗަރެކެވެ. އެ ތަރިއަކަށް ވިދުން ގެނެސްދޭ ދަރިވަރުންގެ ލޯބި، ފަނޑުވުމެއް ނެތި ލިބެމުންދާ މުދައްރިސެކެވެ. މިއަދާ ހަމައަށްވެސް އަމިއްލަ އާއިލާއަށް އެެއްވެސް ކަމެއް އުނިވިޔަ ނުދީ ސްކޫލުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ނުހަނު ވިސްނުންތެރިކަމާ އެކުއެވެ.

ރަސްމީކޮށް ކިޔަވައިދިނުމުގެ މައިދާނަށް ނުކުތުމުގެ ކުރިން އޭނާ ވަނީ އެސިޓެންޓް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޯލެވެލް ނިމުމުން ރަށު ސްކޫލު، ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި އެ މަގާމު ފުރުމަށްފަހު އޭލެވެލް ނިންމުމަށްފަހު ގިޔާސުއްދީން ސްކޫލަށް ވެސް ވަނީ ހިދުމަތް ކޮށްދީފައެވެ. ރަސްމީ ސެޓިފިކެޓަކާ އެކު ކިޔަވައިދިނުމުގެ ދާއިރާގައި އެންމެ ފުރަތަަމަ ފައިތިލަ ސާބިތު ކުރީ 2003 ވަނަ އަހަރުއެވެ.

"މިހާރު އެނގޭ އަސްލު އެއްވެސް އިރެއްގައި ހިތަކަށް ނާރެއޭ މި ނޫން ދާއިރާއަކުން ކުރިއަށް ދާނަމޭ. ކުޑައިރުއްސުރެ އެ ޕެޝަން މި އިންނަނީ. ޓީޗިން ނޫން އެހެން ދާއިރާއާކަށް އަސްލު ނެތް ކަން ނޭނގެ އިންޓްރަސްޓެއް ވެސް،"

ކުޑައިރު ބަތް ކައްކާ ކުޅުމުގެ ބަދަލުގައި ލިރާރާތު މިސް ގިނައިން ކުޅެ ހެދީ ކިޔަވައިދިނުމާ ގުޅުން ހުރި ކުޅިވަރުތަކެވެެ. އަދި ކުޑައިރު މާ 'އިންސްޕަޔާ' ވާ ކަހަލަ ބަޔަކު ނުފެންނަ ކަމަށް ލިރާރަތު މިސް ބުނެއެވެ. ލިރާރަތު މިސްމެން ފުރާވަރަށް އަޅައިގެން އައި ދުވަސްވަރަކީ މާ ގިނަ ފުރުސަތުތަކެއް ހުޅުވިފަ ހުރި ދުވަސްވަރެއް ނޫނެވެ. ނުވަތަ އެ ފުރުސަތުތަކުގެ މައުލޫމާތު ރަނގަޅަށް އެނގިފައި ނެތީއެވެ.

އެހެންކަމުން ޓީޗިން ނުވަތަ ސިއްހީ ދާއިރާ ނޫން އިތުރު ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން އޭރުގެ ކުދިން ނުގެންގުޅެއެވެ. ލިރާރަތު މިސްވެސް ސިއްހީ ދާއިރާއަށް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނެތުމުން ޓީޗިން ދާއިރާ އިހްތިޔާރު ކުރިއެވެ.

"އެހެންވީމަ ޓީޗިން ވޯޒް މައި އޮޕްޝަން. އެކަމަކު މިހާރު އެއީ ޕެޝަން އޭ ބުންޏަސް ރަނގަޅުވާނެ. އެއީ ހަމަ އެއްކަލަ އެ ލިބޭ ހިތްހަމަ ޖެހުމަކީ ވަރަށް ތަފާތު ހިތްހަމަ ޖެހުމެއް މި ދާއިރާގަ އުޅެގެން." ކިޔަވައިދިނުމަށް ޖެހިފަ އޮތް ލޯބި ލިރާރަތު މިސްގެ ދުލުން ހާމަވެއެވެ.

ސީއެޗްއެސްއީގެ ޓީޗަރު އައިމިނަތު ލިރާރާތު ކްލާހެއްގައި ކިޔަވައިދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މިސްއަށް މިހިސާބަށް އާދެވުނީ ގަދަ ވަޔާއި އޮއިގައި ދަތުރު ކޮށްގެންނެވެ. ކަނޑު އޮމާން ދުވަހާއި ކަނޑުގެ ބިޔަ ރާޅުތަކާ ތޮޅެން ޖެހުނު ދުވަސްތައް ވެސް މަދެއް ނުވާނެއެވެ. އެންމެ އުފާވި ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް ލިރާރަތު މިސްއަށް ފާހަގައެއް ނުކުރެވެއެވެ. އަދި އެއްޗެއް ނޭނގޭ ކުއްޖަކަށް އެއްޗެއް ބުނެ ދެވުމަކީ ކޮންމެ ދުވަހެއްގެ ވެސް ހިތްހަމަ ޖެހުން ގެނުވައިދޭ ކަމެކެވެ.

"ކޮންމެ ދުވަހަކީވެސް އާ ދުވަހެއް މި ފީލްޑްގައި އުޅޭއިރު. އެއްވެސް ދުވަހެއް ޕްރެޑިކްޓެއް ނުކުރެވޭނެ އެ ދުވަސް ނިމިގެން ދާނީ މިހެންނެކޭ. ސޯ އެވްރީ ޑޭ އިޒް އަ ވެރީ ޗެލެންޖިން ޑޭ. ކޮންމެ ދުވަހަކުވެސް އޭޒް އަ ޓީޗަރ އަޅުގަނޑުމެންވެސް ދަސްކުރާނެ ކުދިންނަށް ކިޔަވައިދިނުމުގެ އިތުރުންވެސް."

މި ޒަމާނުގައި ހާހަކުން ފަހަރަކު ނޫނީ ނުފެންނަ 'އެޕްރިޝިއޭޓް' ކުރުމުގެ ސިފަ ލިރާރަތު މިސް ކިޔަވައިދޭ ގިނަ ކުދިންގެ ފަރާތުން ފެންނާތީ އޭނާ ވަރަށް އުފާވެއެވެ. އެ ބުނެލާ 'ތެންކިއު' އަކީވެސް ލިރާރަތު މިސްއަށް ވަރަށް ބޮޑު އެއްޗެކެވެ.

ސީއެޗްއެސްއީގެ ޓީޗަރު އައިމިނަތު ލިރާރާތު --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ހޮޅި ނަގާފަ އައި ރާޅުތަކުން ރެކުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ހަނދާނުން ފުހެލަން ދަތި ތަޖުރިބާގެ ވާހަކަތައްވެސް ލިރާރަތު މިސް ހިއްސާ ކުރިއެވެ. އެގޮތުން އާ ކުރީ މީގެ ދެ އަހަރު ކުރީގެ ހަނދާންތަކެވެ. މިސް ކިޔަވައިދިން ދެ ކުއްޖަކު 'ވޯލްޑް ޓޮޕް 10'އަށް އެރުމަކީ މިސްގެ ކިޔަވައިދިނުމުގެ ނަވުގައި މާލިމީއެއްގެ ގޮތުގައި ހުރެ ލިބުނު އެންމެ ބޮޑު ފަހުރެވެ.

"ވަރަށް އުފާވި ދުވަހެއް އެއީ. އެ ލެވެލްގަ އަޅުގަނޑު ކިޔަވައިދިން ދެ ކުއްޖަކަށް އެ އެޗީވްމެންޓް ލިބުނީމަ،"

މިއީ ބުރަކަން ބޮޑު އުނދަގޫ މަަސައްކަތެކެވެ. ބައިވަރު ކަންކަން ފުނި ޖެހުނަސް މިއީ ކުރާ ހިތުން ކޮށްފި މީހަކަށް ނުކުރޭވަރުގެ ކަމެއް ނޫން ކަމަށް ލިރާރަތު މިސް ބުންޏެވެ. ވަޒީފާއެއްގެ ގޮތުގައި ނަގައިގެން މި ދާއިރާގައި ފައިތިލަ ސާބިތު ކޮށްލަން އުނދަގޫ ވާނެއެވެ. ދުވަސް ނިމޭއިރު ކޮންމެ މުދައްރިސަކުވެސް ހަނދާން ކުރަންވީ ކަމަކީ މުޖުތަމައުއެއް ބިނާ ކުރެވޭ ކަމެވެ. ދަރިންތަކެއް ތަރުބިއްޔަތު ކުރެވޭ ކަމެވެ. އެހެންކަމުން މި ދާއިރާއަށް އަލަށް ނުކުންނަ ޓީޗަރުން ވިސްނަންވީ ލިބޭ އާމްދަނީއަކަށް ނޫނެވެ. ލިރާރަތު މިސް ފަދައިން ގައުމު މިއަދު ހަވާލު ކޮށްފައިވާ އަމާނާތްތައް ކޫރުމެއްވެސް ނޭޅި އަނބުރާ ގައުމަށް ރައްދު ކުރެވޭތޯއެވެ.

މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކަނޑައެޅިފަ އޮންނަ އަށް ގަޑިއިރު މަަސައްކަތް ކުރުމެއް ނޫނެވެ. މިއީ ދުވާލު ދާ ހަތަރު ދަމުގެ ކަމެކެވެ. އެއް ދުވަހެއްގެ ގަޑި ނިންމާލުމަށްފަހު ޖެހިގެން އަންނަަ ދުވަހަށް ތައްޔާރު ވާން ޖެެހެއެވެ. ތިރީސް ކުދިންގެ ކުލާހެއް ނަމަ ކޮންމެ ކުއްޖަކަށް ވިސްނޭނެ ފަދައިން ފިލާވަޅުތައް ބައްޓަން ކުރަން ޖެހެއެވެ. އެކި ކުދިން ކިޔަވާ ގަޑިތައްވެސް ނުހަނު ތަފާތެވެ. ލިރާރަތު މިސް ކިޔަވައިދެނީ މަތީ ސާނަވީ ގްރޭޑުތަކަށް ވުމުން ދަންވަރު ކިޔަވާ ކުދިންގެ އަދަދު ގިނައެވެ. އެހެންކަމުން މި ކުދިންގެ އިތުރު ސުވާލުތަކުގެ ޖަވާބު ގޭގަ އިންނަ ވަގުތުވެސް ފޯރު ކޮށްދޭން ޖެހެއެވެ.

މި ދަތުރަށް އަށާރަ އަހަރުވީ ނަމަވެސް ހުރަސް ކުރަން ޖެހޭ ކަނޑުތަކާ ރާސްތާތައް އަދިވެސް އޮތީއެވެ. އެހެންކަމުން މި ރާސްތާއަށް ވާސިލުވުމަށްޓާކައި ލިރާރަތު މިސްގެ އުންމީދުތަކެއް ވެސް އެބަހުއްޓެވެ.

"ޓީޗިންއަށް ވަންއިރު ސޮކޮލާޝިޕެއް އިނީމަ އެ ހިސާބަށް ދާން ބޭނުންވީ ފުރަތަމަ. އިރާދަ ކުރެއްވިއްޔާ އެއާ ހަމައަށް ވާސިލް ވެވުނު. ޑިގްރީ ނިންމާލެވިއްޖެ. މާސްޓާސްވެސް ހެދިއްޖެ. ބޭނުން ވަނީ ދާއިރާއިން ދެވޭނެ އެންމެ ކުރިއަކަށް ދާން."

ދާއިރާގެ އެންމެ އުހަށް އެރުުމުގެ އަޒުމުގާ ހުރި ލިރާރަތު މިސް މެނޭޖްމޭންޓާ ގުޅޭކަށް ގަސްތެއް ނުކުރެއެވެ. އެހެން ސްކޫލުތަކުގައި ލީޑިން ޓިޗަރެއްގެ މަގާމު އަދާކުރެވި އެފަދަ ތަޖުރިބާތަކެއް ވެސް ލިބިފައި ހުރެމެ ލިރާރަތު މިސް ބޭނުންވަނީ ކްލާސްރޫމްގެ ތެރެއިން އުދުހެވޭ އެންމެ އެހުގައި އުދުހޭށެވެ. އަދި ޔުނިވާސިޓިއެއް ނުވަތަ ކޮލެޖެއްގެ ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދޭން ދިއުމުގެ މަގު ތަނަވަސްވުމަކީ ހަމަ 'ޑްރީމް ކަމް ޓްރޫ'އެއް ކަމުގައި ލިރާރަތު މިސް ބުންޏެވެ.

ސީއެޗްއެސްއީގެ ޓީޗަރު އައިމިނަތު ލިރާރާތު ކްލާހެއްގައި ކިޔަވައިދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ލިރާރަތު މިސް ކުރި އެންމެ ތަފާތު ތަޖުރިބާއަކި މަޖީދިއްޔާ ސްކޫލުގެ ހިޔާވަހިން ކުރެވުނު ތަޖުރިބާއެވެ. ސްކޫލު ތެރެ ހަލަބޮލިވެގެން ދިޔަ ދުވަސްވަރު ކުދިންގެ ކިޔެވުމަށް ބުރޫ އަރާ ދަރިވަރުންގެ ނަތީޖާތައް އެ ދުވަސްވަރު ދުވަހެއް ދުވަހަކަށް ދިޔައީ ދަށްވަމުންނެވެ. މެނޭޖަމެންޓް ބަދަލުވުމާ ގުޅިގެން ދެން އަންނަން ފެށި ބަދަލުތަކަކީ އެއަށް ހޭނެން ކުޑަކޮށް އުނދަގޫވި ދުވަސްތަކަކަށް ވިއެވެ. އެހެންނަމަވެސް އެކަމަށް ވަގުތު ހުސްކޮށްގެން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ 'ޔޫ' ގްރޭޑު ލިބުނު ދަރިވަރުންގެ އަދަދު މަދުވުމެވެ.

ކެމިސްޓްރީ އަދި ހިސާބު ޓީޗަރެއް ކަމުގައި ވީނަމަވެސް ލިރާރަތު މިސް އެންމެ ކިޔަވައިދޭ ހިތުން ކިޔަވައިދެނީ ކެމިސްޓްރީއެވެ. އެއީ ވަރަށް ތަފާތު އަދި ޝައުގުވެރި މާއްދާއަކަށް ވުމުން މިއަދުގެ އެހެން ޓީޗަރުންނަށް ނަމޫނާ ދައްކަމުން ލިރާރަތު މިސް ދަނީ އަދިވެސް ކިޔަވައިދިނުމުގައި ކުރި ހޯދަމުންނެވެ.