އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލެއް "ސަން"އަށް ވިދާޅުވީ ޝާހިދު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ކަމަށެވެ.

މިހާރު ވެސް ޝާހިދު އަންނަނީ އެކި ގައުމުތަކަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވަމުންނެވެ. އެގޮތުން އިއްޔެ ޝާހިދު ވަނީ ޔޫއޭއީއަށް ވެސް ރަސްމީ ދަތުރުފުޅެއްގައި ވަަޑައިގެންފައެވެ.

އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނަށް ދައުވަތު އެރުވީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ. އެ ދައުވަތު އަރުވާފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމާ ޝާހިދު ހަވާލުވެވަޑައިގެންނެވި ކަމުގައިވީ ނަމަވެސް އަދި ވެސް ފޮރިން މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާނީ އޭނާއެވެ.

ނަމަވެސް މިވަގުތު އެ މިނިސްޓްރީ ހިންގުމުގެ މަސައްކަތް ކުރައްވަމުން އަންނަނީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.