03 Oct 2021, 20:32
ހުޅުމާލޭ ދިވަނި ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާންމުނަށް އެ ސަރަހައްދުން ދިރާގުގެ ހިދުމަތް ލިބޭނެހެން މިއަދު ދިރާގުގެ ހިދުމަތްތައް ތައާރަފްކޮށްފިއެވެ.
މިއަދު ތައާރަފްކޮށްފައިވަނީ ދިރާގު ޓީވީގެ ހިދުމަތާއި، ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑް ބޭންޑްގެ ހިދުމަތެވެ. މި ހިދުމަތްތައް ދެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށެވެ.
މި ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ޓަކައި އެކަމުގެ ހަފްލާ ބާއްވާފައިވަނީ މިއަދު ހަވީރު އެޗްޑީސީގައެވެ. ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ ބޭނުމަކީ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުން އަންނަ މީހުންނަށް ހެޔޮ އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދިނުންކަަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރާގުގެ ހިދުމަތް ފެށުން -- ފޮޓޯ/ ދިރާގު
"އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަކީ ވެސް މާލޭގެ އެހެން ސަރަހައްދުތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި، އަގުގެ ތަފާތެއް ނެތި، އެއް އަގެއްގައި ދެވޭނެ ހިދުމަތްތަކެއްކަން ޔަގީން ކުރުން،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިރާގުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަަކަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އަމާޒުކަމަަށެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް ވިދާޅުވީ އެ ކުންފުނީގެ އެންމެ މުހިންމު ބޭނުމަކީ ހުޅުމާލެ ޑިޖިޓަލް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުންކަމަށެވެ.
"މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ 'ސްމާޓް ސިޓީ'އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" ސުހެއިލް ވިދާޅުވިއެވެ.
ދިރާގުގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ދިރާގުގެ މުވައްޒަފުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ހަވީރު 4:00ކުން ހަވީރު 6:00އަށް ހަރަކާތްތެރިވާނެއެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެގޮތުން ހުޅުމާލޭގައި އެކަނި ވެސް 50،000އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދެމުން އަންނަކަމަށް ދިރާގުން ބުންޏެވެ.