ފާޑުކިޔުންތަކެއްގެ ސަބަބުން ކުޅުމެއް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް ބުނެފި އެވެ. ލުއިޒް މިހެން ބުނެފައިވަނީ ފަހަކަށް އައިސް އޭނާ އަށް ގިނަބަޔަކު ފާޑު ކިޔާފައި ވާތީ އެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބޮލްޓަން ވެންޑަރާސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ އަށް ފުރަތަމަ ލީޑު ނަގައިދިނީ ލުއިޒް އެވެ. އެމެޗުގައި ދެއްކި މޮޅު ކުޅުމާއެކު، އޭނާ އަށް ވަނީ އެމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފަ އެވެ.

"އަހަރެންނަށް ކިޔާ ފާޑުކިޔުމަކާ އެކު، އަހަރެންގެ ކުޅުމަކަށް އެއްވެސް އަސަރެއް ނުކުރާނެ. ފާޑުކިޔާ ބަޔަކަށް އަހަރެން ބުނެލަން އޮތީ، އެކަން ހުއްޓާލާށޭ. އެއީ ބޭކާރު ކަމެކޭ. އަހަރެމެންނަށް ކާމިޔާބު ލިބެނީކީ ވަކި އަހަރެން އެކަނި ކުރާ މަސައްކަތަކުން ނޫން. އެއީ މުޅި ޓީމުގެ މަސައްކަތެއް." ލުއިޒް ބުންޏެވެ.

ލުއިޒް ފާހަގަވެގަފައި ވަނީ އެޓޭކިންގް ފުޓްބޯޅައެއް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ލުއިޒް އަކީ މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާ ގައި ފެނާންޑޯ ޓޮރޭސް އާއި އެކު ޗެލްސީ އާއި ގުޅުނު ކުޅުންތެރި އެކެވެ.