ބޮލީވުޑް ބަތަލާ ނެހާ ދޫޕިއާ ވިހައިފިއެވެ.

ނެހާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭދީއަށް ވަނީ 2018 ވަނަ އަހަރު އަންހެން ކުއްޖެއް ލިބިފައެވެ. އެ ދަރިފުޅަށް އެމީހުން ދިން ނަމަކީ މެހެރް އެވެ.

ބަތަލާ ނެހާއަށް ދާދިފަހުން ކުއްޖެއް ލިބުނުއިރު މި ފަހަރު ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ނެހާ ވިހެއުމުން އަންގަދު ކުރި ޕޯސްޓެއްގައި ބުނީ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. މި ފެށުނީ ހަތަރު ބައިވެރިންގެ ދަތުރު ކަމަށާއި މި ދަތުރުގައި ހިއްސާވި ހުރިހާ އެންމެންނަށްވެސް ޝުކުރުއަދާކުރާކަމަށް ވެސް ބުންޏެވެ. އަންގަދު ބުނީ މެހެރް ހުރީ ދައްތައަކަށް ވުމުން ވަރަށް އުފާވެފައި ކަމަށާއި މެހެރް ވެގެންދާނީ މި ލިބުނު ދަރިފުޅަށް ނަމޫނާއަކަށް ކަމަށެވެ.

ނެހާ އާއި އަންގަދު ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ. ނެހާ ބަނޑުބޮޑުކަން އިއުލާނުކުރީ ކައިވެނި ކުރިތާ ތިން މަސް ފަހުންނެވެ.

ނެހާ ވަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "ޖޫލީ"، "އޭ ދިލް ހޭ މުޝްކިލް" އަދި "އައި އޭމް 24" ހިމެނެއެވެ.

އަންގަދްއަކީ ވެސް ބޮލީވުޑްގެ ތަރިއެކެވެ. އޭނާ ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ"، "ޑިއާ ޒިންދަގީ" އަދި "ޕިންކް" ހިމެނެވެ.