03 Oct 2021, 16:49
ބްރަޒީލިއާ (އޮކްޓޯބަރު 3): ބްރެޒިލްގެ ރައީސް ޖަޔިރް ބޮލްސޮނާރޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި އެގައުމުގެ އާންމުންގެ އެތަށް ހާސްބަޔަކު ވެރިރަށް ބްރަޒީލިއާ ގައާއި އެނޫންވެސް ސިޓީތަކުގައި އިއްޔެ މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރި މީހުން އިހްތިޖާޖް ކުރީ ބްރެޒިލްގައި ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖްކުރުމުގައި ބޮލްސޮނާރޯ ގެންގުޅުއްވި ފަނާކުރަނިވި ސިޔާސަތުގެ ސަބަބުން އެގައުމުގައި ކޮވިޑް އާދަޔާ ޚިލާފަށް ފެތުރި އެބަލީގައި އެތަށް ލައްކަ ބަޔަކު މަރުވެދިޔުމާ ގުޅިގެންނެވެ. ބޮލްސޮނާރޯއަކީ ކޮވިޑް އަކީ އާދައިގެ އަރިދަފުސް ރޯގާއެއްކަމަށް ވިދާޅުވެ އެބައްޔަށް ސަމާލުކަން ދިނުމަށް ފާޅުގައި ދެކޮޅު ހެއްދެވި ބޭފުޅެކެވެ.
މީގެއިތުރުން ކޮވިޑް އާ ދެކޮޅަށް ބްރެޒިލްގެ އާންމު ސިއްހަތާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތަކަށް ތަބާވެވަޑައިގަތުމަށްވެސް ބޮލްސޮނާރޯވަނީ ދެކޮޅު ހައްދަވާފައެވެ. މިކަމުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ބޮލްސޮނާރޯގެ ސަރުކާރުން މާބޮޑު ސަމާލު ކަމެއް ދީފައެއް ނުވެއެވެ. ނަތީޖާއަކަށްވީ ދުނިޔޭގައި އެމެރިކާ ފިޔަވައި ދެން ކޮވިޑް ޖެހުނު މީހުންނާއި އެބަލިގައި މަރުވި މީހުންގެ އަދަދު އެންމެ ގިނަ ގައުމަކަށް ބްރެޒިލް ވެގެންދިޔުމެވެ. މިކަމުގެ ސަބަބުން ބްރެޒިލްގެ އެތަށް އާއިލާތަކަކުން އެތަށް ބަޔަކުވަނީ މަރުވެގެން ގޮސްފައެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ބޮލްސޮނާރޯގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިނަމަ ބްރެޒިލްގެ އެތަށް ލައްކަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސްކަމަށް ސިއްހަތާބެހޭ އެގައުމުގެ ތަޖްރިބާކާރުން ވިދާޅުވެފައިވެއެވެ. އިއްޔެ ވެރިރަށް ބްރަޒީލިއާ ގައި މުޒާހަރާކުރި ވަގުތު ބްރެޒިލްގެ 200 އަށްވުރެ ގިނަ އެހެން ސިޓީތަކުގައި ބޮލްސޮނާރޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާތައް ކޮށްފައިވެއެވެ.
އަންނައަހަރު ބްރެޒިލްގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ބޮލްސޮނާރޯގެ މަގްބޫލުކަން އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށްގޮސްފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ. ކަނާތު ފިޔައިގެ ހަރުކަށި ޕޮޕިއުލިސްޓް ފިކުރުގެ ބޭފުޅެއްކަމަށްވާ ބޮލްސޮނާރޯ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހުމަކީވެސް ބޭކާރުކަމެއްކަމަށް ސިފަކުރައްވާފައެވެ. އަދި ބޮލްސޮނާރޯ ވަނީ ކޮވިޑްއާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ޖެހުމަށްވެސް ދެކޮޅު ހައްދަވާފައެވެ.
ބޮލްސޮނާރޯ ގެ ވެރިކަމުގައި ބްރެޒިލްގެ އިގްތިސާދުވަނީ ފާއިތުވި 20 އަހަރުތެރޭގައިވެސް ދަށަށް ނުދާ މިންވަރަށް ދަށަށްގޮސްފައެވެ. އަދި އިންފްލޭޝަން މަތިވުމާއެކު އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތީގެ އަގުތައްވެސްވަނީ ބޮޑުވެފައެވެ.
ބޮލްސޮނާރޯ މަގާމުން ދުރުކުރުމަށްޓަކައި އޭނާ އިންޕީޗް ކުރުމަށް ގޮވާލާ 100 ވަރަކަށް ޕެޓިޝަން ބްރެޒިލްގެ ރައްޔިތުން އެގައުމުގެ ޕާލަމެންޓަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއިން އެއްވެސް ޕެޓިޝަނެއް ބްރެޒިލްގެ ޕާލަމެންޓްގެ ތަޅުމަށް ގެންދިޔުމަށާ އެމައްސަލަ އާބެހޭގޮތުން ޕާލަމެންޓަށް ހުށަހަޅައިގެން ބަހުސް ކުުރމަށް ޕާލަމެންޓްގެ ރައީސް އާތޫރު ލީރާ ވަނީ ދެކޮޅު ހައްދަވާފައެވެ. އާތޫރު ލީރާ އަކީ ބޮލްސޮނާރޯ ގެ ވަރަށް އަރިސް ބޭފުޅެކެވެ.