ރާއްޖޭގެ ބައެއް ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވަނީ މިދިޔަ މަހު އޮޅިގެން އިތުރަށް މުސާރަ ޖަމާ ކުރެވުނު މައްސަލައިގެ ސަބަބުން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ލަސްވަމުން އަންނާތީ ބައެއް މުވައްޒަފުން ވަނީ މީސް މީޑިއާގައި ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއިން ވަނީ ނ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، ޏ. އަތޮޅު، ހއ. އަތޮޅު، ބ. އަތޮޅުގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް، ސަރުކާރުގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ލަސްވެގެން އުޅެނީ މިދިޔަ މަހު އޮޅިގެން ބައެއް މުވައްޒަފުންނަށް އިތުރަށް މުސާރަ ޖަމާވި މައްސަލައިގައި ކަމަށެވެ.

"އެ މައްސަލަ ދިމާވުމާ ގުޅިގެން މިހާރު އަންނަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓް ކުރަމުން. ހުރިހާ މުވައްޒަފުންގެ ވެސް އެންމެ ފަހުގެ މައުލޫމާތު މި ހިމަނަނީ. މުސާރަ ލަސްވެގެން އުޅެނީ މައުލޫމާތު ބަދަލުކުރަން ޖެހޭ މުވައްޒަފުންގެ." އޮފިޝަލް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ލިބުން ލަސްވަނީ މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓްކުރަމުން އަންނާތީ ކަން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޝޫބާ ވެސް ވަނީ "ސަން"އަށް ވިދާޅުވެފައެވެ.

ޝޫބާ ވިދާޅުވީ އަޕްޑޭޓްކޮށް ނިމުނުހާ އަވަހަށް، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ދުވަހު މުސާރަ ޖަމާވާނެ ކަމަށެވެ.

މިދިޔަ މަހު މުސާރަ ޖަމާކުރެވުނުއިރު ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް ވަރަށް ބޮޑެތި އަދަދުތަކުން މުސާރަ ޖަމާވެފައިވެއެވެ. މައްސަލަ ފެންމަތިވުމާއެކު ފިނޭންސް މިނިސްޓްރީން ވަނީ މުވައްޒަފުންނަށް އިތުރަށް ޖަމާކުރެވުނު އަދަދު އަނބުރާ ނެގުމުގެ މަސައްކަތް ކޮށްފައެވެ.