03 Oct 2021, 10:39
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޓަކައި ދޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްއިން ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އެ އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލާ ގުޅިގެން ކޮންމެ ދެ އަހަރުން އެއްް އަހަރު ދެމުން އަންނަ އެވޯޑެކެވެ.
އެވޯޑު ދިނުމަށް ކަނޑައަޅާފައިވަނީ ހަ ދާއިރާއަކުންނެވެ. އެއީ؛
ނުކުޅެދުންތެރިކަން ހުންނަ މީހުން (ދެ ފަރާތް)
- ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ވަކި އަދަދެއް ކަނޑައަޅާފައި ނުވޭ)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (އެއް ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ (އެއް ފަރާތް)
- ފަންނީ ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (އެއް ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އެއް ފަރާތް)
އެ ދާއިރާތަކުން އެވޯޑަށް ކުރިމަތިލުމަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެން ފަރާތަކުން ނަން ނޮމިނޭޓް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
ރިވެލި އެވޯޑް ދޭނެ ފަރާތްތައް ހޮވާނީ ޖެންޑާ މިނިސްޓްރީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ ފަރާތުން އެކުލަވާލާ ކޮމިޓީއަކުންނެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް، މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް (ސީޓްރެކް ބިލްޑިންގްގެ 7ވަނަ ފަންގިފިލާ)ގެ ކައުންޓަރުންނާއި އެ މިނިސްޓްރީގެވެބްސައިޓްއަދި އެ މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބޭނެއެވެ.
އެންމެ ފަހުން ޑިސްއެބިލިޓީ އެވޯޑު ދިނީ 2019 ވަނަ އަހަރުގައެވެ.