28 Feb 2012, 15:09
ވެނެޒުއޭލާ އާއި ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗުގެ ސްޕެއިން ގައުމީ ޓީމުގެ ސްކޮޑުން ޗެލްސީ ފޯވާޑް ފެނާންޑޯ ޓޮރޭސް ބާކީ ކުރެވުނީތީ ހިތާމަކުރާ ކަމަށް ބުނެ، ޔޫރޯގެ ސްކޮޑުން ޖާގަ ހޯދުމަށް މަސައްކަތް ކުރުމަށް ޓޮރޭސް އަށް ސްޕެއިން ގައުމީ ޓީމުގެ ކޯޗް ވިސެންޓެ ޑެލް ބޮސްކޭ ގޮވާލައިފި އެވެ.
ޓޮރޭސް އަށް މިސީޒަނުގައި ޗެލްސީ އަށް ކާމިޔާބު ކޮށްދެވިފައިވީ އެންމެ ހަތަރު ގޯލެވެ. އަނިޔާގެ ސަބަބުން ސްކޮޑުން ބާކީކުރި ބާސެލޯނާގެ ފޯވާޑް ޑޭވިޑް ވިޔާ އާއި ޓޮރޭސްގެ ބަދަލުގައި ސްކޮޑަށް އިތުރު ފޯވާޑުން ވަނީ ނަގާފަ އެވެ.
ސްޕެއިން ގައުމީ ޓީމަށް ފަހުން ނެގި ސްކޮޑުގައި ހިމެނޭ ފޯވާޑުންގެ ތެރޭގައި ފެނާންޑޯ ލޮރެންޓެ އާއި، އިކާ މުނިއައިން އާއި، އަލްވާރޯ ނެގްރެޑޯ އާއި، ރޮބާޓޯ ސޮލްޑާޑޯގެ އިތުރުން ހުއާން މަޓާ ހިމެނެ އެވެ.
"ސްކޮޑުން ޓޮރޭސް ބާކިކުރަން ޖެހުމުން ހިތާމަކުރަން. ނަމަވެސް އަހަރެން ބޭނުންވީ އިންސާފުވެރި ކަމާއެކު ސްކޮޑު ނަގަން. ޓޮރޭސްގެ ކުޅުން ދަށް ކަމަށް އަހަރެންނަށް ފާގަވުމުން އޭނާ ބާކީކުރީ. އެހެން ނަމަވެސް ޔޫރޯ ސްކޮޑަށް އެރުމުގެ ފުރުސަތު އަދިވެސް ޓޮރޭސް އަށް އެބައޮތް. އޭނާ އަށް މިހާރު އޮތީ އެކަމަށް މަސައްކަތް ކުރުން." ޑެލްބޮސްކޭ ބުންޏެވެ.
ސްޕެއިން ގައުމީ ޓީމަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯ މުބާރާތް ކާމިޔާބު ކުރި ޓީމެވެ. އޭގެ އިތުރުން ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތީވެސް ސްޕެއިން އެވެ.