28 Feb 2012, 15:06
އިނގިރޭސިވިލާތުގެ ލިވަޕޫލް އިން ފްރާންސްގެ ލިލޭ އާއި ލޯނުގެ ދަށުން މިސީޒަނުގައި ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޯކޯލް، ގައުމީ ޓީމަށް އަލުން ނަގަންޖޭހެކަމަށް އޭނާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީން ލިވަޕޫލް އަށް ބަދަލުވެ އިނގިރޭސި މިޑްފީލްޑަރު ކޯލް އަށް ވަނީ މާއެދެވޭ ކުޅުމެއް ނުދެއްކިފަ އެވެ. ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުމުގެ ސަބަބުން މިސީޒަނުގައި ކޯލުގެ މަންޒިލަކަށް ވެގެން ދިޔައީ ފްރާންސް ގެ ލިލޭ އެވެ. ލިލޭ އާއި ކޯލް ގުޅިނީ އެއް ސީޒަނުގެ ލޯނުގެ ޓްރާންސްފާ އެއްގައެވެ.
"އަހަރެން މިހާރު ދައްކަމުން މިދަނީ ރަނގަޅު ކުޅުމެއް ކަމަށް އަހަރެން ގަބޫލުކުރަން. ފްރާންސް ލީގަކީ ވެސް ވަރުގަދަ ލީގެއް. އެމީހުންނަކީ ވެސް ޗެމްޕިއަންސް ލީގު ކުޅޭ ބައެއް. އަހަރެން ކުޅެމުން މިދަނީ ފްރާންސް ލީގުގެ އެންމެ ވަރުގަދަ ކުލަބުތަކުގެ ތެރެއިން ކުލަބަކަށް." ކޯލް ބުންޏެވެ.
ކޯލު ލިލޭ އަށް ކުޅެދިން ފުރަތަމަ މެޗުން ވެސް އެކުލަބުގެ ސަޕޯޓަރުންގެ ހިތް ދަމައިގެނެފައިވާ ކަން ފާހަގަ ކުރެވެއެވެ. ކޯލުގެ ފުރަތަމަ މެޗުގައި އޭއެސް ސޭންޓް-އެޓީނޭ އާއި ވާދަކުރި މެޗުގައި ހަތަރު ޑިފެންޑަރުން ކައިރިން ކެޓުވުމަށް ފަހު ޓީމުގެ އެހެން ކުޅުންތެރިއަކަށް އެހީތެރިވެދީފައި ވެއެވެ. އެމެޗުގައި ކޯލުގެ ފަރާތުން ގޯލެއް ނުފެނުނު ކަމުގައި ވިޔަސް މޮޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަ ކޮށްލެވެއެވެ.