14:30


ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން މާލެތެރޭގައި އަޑުގަދަކޮށް، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން މާލެ ތެރޭގައި ރޭ ހަމަނުޖެހުން ހިންގާފައި މިވަނީ ސިފައިންނާއި ފުލުހުން ގުޅިގެން މާލެތެރެ ބެލެހެއްޓުމުގެ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައިވަނިކޮށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ދިރިއުއްޅާ ގ. އާބިން ކައިރިއަށް ރޭ 11:30 ހާއިރު އެއްވެ އެމްޑީޕީގެ ސަޕޯޓަރުން ވަނީ އޭނާ ހައްޔަރުކުރުމަށް ގޮވާ އަޑުގަދަކޮށްފަ އެވެ.


މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމާއި މިނިވަން މުއައްސަސާއަކަށް ބިރު ދައްކާ ނުފޫޒު ފޯރުވަން މަސައްކަތްކުރުމުގެ އިތުރުން ސިޔާސީ ފަރާތްތަކަކަށް ޖިސްމާނީ ގެއްލުން ދިނުމަށް ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، މިހާރު ކޯޓު އަމުރެއްގެ ދަށުން ގޭބަންދުކޮށްފައިވާ ޕީއޭގެ ނައިބު ރައީސް ނާޒިމް ވަގުތުން ހައްޔަރުކުރުމަށް އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުންދިޔަ އެވެ. އަދި މި ހަމަނުޖެހުންތަކުގައި ނާޒިމްގެ ގެއަށް ބަޔަކު ގާ އުކައި، އެ ގޭގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅާލައިފަ އެވެ.


އެ ސަރަހައްދަށް އިދިކޮޅު ފަރާތްތަކުގެ ބައެއް ސަޕޯޓަރުން ވެސް އެއްވެ، އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. އެގޮތުން ދެ ފަރާތުގެ ދެމެދުގައި ގަލުގެ ހަމަލާތަކެއް ބަދަލުކުރި މަންޒަރު އެ ސަރަހައްދުގައި ތިބި ސަންއެފްއެމްގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.


ހަމަނުޖެހުން ބޮޑުވާން ފެށުމުން އެ ސަރަހައްދު ކޮންޓްރޯލް ކުރުމަށް ގޮސް ތިބި ރައަޓް ފުލުހުންނާ ދިމާލަށް ވެސް ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި، ދެ ފަރާތުގެ ސަޕޯޓަރުން ވެސް އަޑުގަދަކުރަމުންދިޔަ އެވެ. އެހެން ނަމަވެސް، ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދިނުމަށް ފަހު، ރައަޓް ފުލުހުން ވަނީ، ޝީލްޑް ބޭނުން ކޮށްގެން ރޭ އެކެއް ޖަހާކަންހާއިރު އެ މީހުން އެ ސަރަހައްދުން ދުރަށްޖައްސާފަ އެވެ.


ނަމަވެސް، އޭގެ ފަހުން ވެސް ދެ ޕާޓީގެ ސަޕޯޓަރުން ވެސް ދުރުގައި ތިބެގެން އަޑުގަދަކުރަމުންދިޔަ އެވެ.


އަދި މި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ވަނީ ގެންގޮސްފަ އެވެ.


މީގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ ގޭ ދޮށަށް ވެސް ރޭ ދަންވަރު ދެ ފަހަރެއްގެ މަތިން އެއްވެ އޭނާގެ އިސްތިއުފާ އަށް ގޮވާފަ އެވެ. ބެލެވޭ ގޮތުގައި، ހައިކޯޓުގެ އިސް ފަނޑިޔާރު ޣަނީގެ ގޭ ދޮށަށް އެމްޑީޕީ މީހުން އެއްވެ ފަނޑިޔާރު ހައްޔަރުކުރާށޭ ބުނެ ގޮވާ އަޑުގަދަކުރީ، އެއީ ގާސިމް އިބްރާހިމާއި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލުން ހައްޔަރުކުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ސަރުކާރުން އެދުމުން، އެ އަމުރު ނެރެދެއްވެން ނެތް ކަމަށް ވިދާޅުވި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ގެ ކަމަށް ހީކޮށެވެ.


މި ހަމަނުޖެހުން ވެސް ކޮންޓްރޯލްކޮށްފައިވަނީ ރައަޓް ފުލުހުން ގޮސްފަ އެވެ.


ސިފައިންގެ ބެލުމުގެ ދަށުގައިވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލާ ޑީއާރްޕީގެ ސަޕޯޓަރުންތަކެއް ވެސް ރޭ ވަނީ އެ ޕާޓީގެ އޮފީސް ހުންނަ ސަރަހައްދަށް އެއްވެ، އަޑުގަދަކޮށްފަ އެވެ. އަދި އެ ސަރަހައްދަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ގޮސް، ޑީއާރްޕީގެ ސަޕޯޓަރުންނާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.


މި ހަމަނުޖެހުންތަކުގެ އިތުރުވެސް މާލެތެރޭގައި އެކި ސަރަހައްދުތަކުގައި ރޭ ހަމަނުޖެހުންތައް ހިންގާފައިވެ އެވެ. އެހެން ނަމަވެސް، އެއްވެސް މީހަކު ޒަޚަމްވިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ބައެއް މީހުން ހަމަ ރޭ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.