ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކަށް، ކޮނޑުމަތީގައި ކުޑަކުއްޖަކު އުފުލި މަންމައަށް މަލާމާތްކޮށް ޖެންޑާގެ މިނިސްޓްރީގެ މުވައްޒަފަކު ފުރައްސާރަކުރި މައްސަލާގައި އެ މިނިސްޓްރީން މާފަށް އެދިއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީގެ ކުރިން ބަސް ދަތުރުތައް ގާއިމްވެފައި ނެތުމުގެ ސަބަބުން އެ މަންމަ އޭނާގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު އުފުލަމުން އައީ ކޮނޑުމަތީގައެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު އައީ އެ މަންމަގެ ހިތްވަރަށް ތައުރީފްކޮށްފައެވެ. ބައެއް މީހުން ވަނީ އެހީތެރިކަން ވެސް ފޮރުކޮށްދީފައެވެ.

މި މަންމައަށް ފުރައްސާރަކޮށް މީސްމީޑިއާގައި ޕޯސްޓުކޮށްފައިވަނީ ތ. އަތޮޅު ވޭމަންޑޫ ޖެންޑާގެ އެންމެ އިސް ވެރިޔާ، ރިލްވާން އަބްދުﷲއެވެ. އޭނާ ވަނީ ހާއްސަ އެހީއަށް ބޭނުންވާ މަންމައަށް އެހީތެރިކަމެއް ބޭނުންނުވާ ފަދަ ގޮތަކަށް ކޮމެންޓުކޮށްފައެވެ. އޭނާ އަކީ ތ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ބުނީ މިނިސްޓްރީގެ މުވައްޒަފު މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މުވައްޒަފު ބަޔާންކޮށްފައިވަނީ މިނިސްޓްރީން ދެކޭ ގޮތް ނޫން ކަމަށެވެ.

"އެކަމަށް ޓަކައި މައާފަށް އެދެމެވެ. ކުރިއަށް އޮތްތަނުގައި އެފަދަކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން މިގެންދަނީ ކުރަމުންނެވެ." ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިހާރު ވަނީ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީން ފަށައިފައެވެ.