28 Feb 2012, 15:03
މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އަކީ އެކުލަބަށް ޕްރެމިއާ ލީގު ހޯދައިދިނުމަށް އެހީތެރިވެވިދާނެ ކަމަށް ގަބޫލު ކުރާކަމަށް އެޓީމުގެ ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފި އެވެ.
ތިން މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު، އެޓީމަށް މައާފަށް އެދުމަށް ފަހު ޓެވޭޒް ވަނީ އަލުން މެންސިޓީ އާއި ގުޅިފަ އެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބެޔާން މިއުނިކާއި ދެކޮޅަށް ކުޅެން އެރުމަށް ދެކޮޅު ހެދުމުން ކުރި ސަސްޕެންޝަނަށް ފަހު ޓެވޭޒް ވަނީ މެންސިޓީގެ ހުއްދައަކާއި ނުލައި އާޖެންޓީނާ އަށް ގޮސްފަ އެވެ.
"އޭނާ ކުލަބާއި ގުޅުމުން އަހަރެން އުފާކުރަން. ފަހަކަށް އައިސް އުފެދުނު އެންމެ މޮޅެތި ފޯވާޑުންގެ ތެރޭގައި ޓެވޭޒް ހިމެނޭނެ. އަހަރެމެންނަށް ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިނުމަށް ޓެވޭޒް އަށް އެހޯތެރިވެވިދާނެ ކަން އަހަރެން ގަބޫލުކުރަން. އެއްވަނާގައި އޮވެ، ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެމެދު އޮތް ފަރަގު އިތުރު ކުރެވޭތޯ އަހަރެމެން މަސައްކަތް ކުރަންޖެހޭނެ." އަގުއެރޯ ބުންޏެވެ.
މިސީޒަނުގައި އަގުއެރޯ ވަނީ 15 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. މިހާރު އަގުއެރޯ ކުރަމުންދާ މަސައްކަތަކީ ޕްރެމިއާ ލީގުގެ ގޯލު ލިސްޓުގެ އެންމެ ކުރީގައި އޮތް އާސެނަލްގެ ރޮބިން ވެން ޕާސީގެ ކުރިއަށް އެރުމަށެވެ.