02 Oct 2021, 12:00
އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގަންގޫބާއި ކަތިއަވާޅީ" އަށް ތާރީޚެއް ދީފިއެވެ.
ގިނަދުވަސްތަކެއް ވަންދެން ރިލީޒްނުކުރެވި މި ފިލްމު މިހާރު އަޅުވަން ނިންމި ތާރީޚަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. ފިލްމުގެ ޓީޒާކޮޅެއް ވެސް މިހާރު އާންމުކޮށްފައިވާ މި ފިލްމަކީ އާލިއާގެ ވަރުގަދަ ކެރެކްޓާއެއް ފެނިގެންދާނެ ފިލްމެކެވެ.
ގަންގޫބާއިގެ ޝޫޓިން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ކޮވިޑްގެ ޕެންޑެމިކްގެ ސަބަބުން ފިލްމުގެ ޝޫޓިން ނުނިމި ދިގުދެމިގެން ދިޔަ މި ފިލްމުގެ ޝޫޓިން ނިމުނީ މި އަަހަރުގެ ކުރީކޮޅުގައެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.
ފިލްމުގެ ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީއެވެ. މި ފިލްމުގެ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ ބައިލޮޖިކަލް ކްރައިމް ޑްރާމާ އެކެވެ. ގަންގޫބާއި އަކީ ޓީވީ އެކްޓަރު އަދި ނެށުންތެރިޔާ ޝަންތަނޫ މަހޭޝްވަރީ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެއެވެ.