Last Updated:
4 year 2 month ago

މޮޅަށް ކުޅުނު ރާއްޖެ ބަލިކޮށް ނޭޕާލް ކުރިއަށް

    ބުލޮގު ޚުލާސާ

    ސާފް ޗެމްޕިއަންޝިޕް ތިންވަނަ ފަހަރަކަށް ކާމިޔާބު ކުރުމަށް ރާއްޖެއިން އަތުކުރި އޮޅާލައިފައިވާއިރު، މިރޭ މުބާރާތުގެ ދެވަނަ މެޗުގައި ދިވެހި ޓީމުން ނުކުންނާނީ މިފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ނޭޕާލްއާ ދެކޮޅަށެވެ.

    މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ނޭޕާލާއި ރާއްޖެ ބައްދަލު ކުރާ މެޗަށް ނުކުންނަ އިރު ރާއްޖެއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު މުބާރާތް އޮތް އިރު، އެފަހަރުގެ ސެމީ ފައިނަލުގައި ރާއްޖޭގެ ޓީމުން ވަނީ ނޭޕާލް ބަލިކޮށްފައެވެ.

    ދިވެހިރާއްޖެ އަދި ނޭޕާލް އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 1984 ވަނަ އަހަރު ސައުތް އޭޝިއަން ފެޑެރޭޝަން ގޭމްސްގަައެވެ. ނުވަތަ މިހާރުގެ ގޮތުން ބުނާނަން ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ނޭޕާލް މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއާއި ނޭޕާލް އެންމެ ފަހުން ބައްދަލުކުރީ 2018 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

    މިރޭ ބައްދަލުކުރާ މި މެޗަކީ މި ދެޓީމުގެ ތާރީހަށް ބަލާއިރު 17 ވަނަ ކުރިމަތިލުމެވެ. މީގެތެރެއިން ރާއްޖެއިން ވަނީ 8 ފަހަރު ނޭޕާލް އަތުން މޮޅުވެފައެވެ. ނޭޕާލަށް މޮޅުވެވުނީ 4 ފަހަރެވެ. އެއްވަރުވީ ވެސް ހަތަރު ފަހަރެވެ. ނޭޕާލް އަތުން ރާއްޖެ އެންމެ ފަރަގުބޮޑުކޮށް މޮޅުވެފައިވަނީ ރާއްޖެއާއި ލަންކާ ގުޅިގެން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ރާއްޖެ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

    އޫރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޝެޑިއުލް
    - އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހިރާއްޖެ

    - އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

    - އޮކްޓޯބަރު 10 (ހަވީރު): ދިވެހިރާއްޖެ - ސްރީ ލަންކާ

    - އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހިރާއް

    ނޭޕާލުގެ ކޯޗަކީ ކުވެއިތުގެ އަބްދުﷲ އަލްމުންތާރީ އެވެ. އަލްމުންތާރީ އަކީ މި އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ކުރިން، ގަތަރު ފުޓުބޯޅަ އެސޯސިއޭޝަންގެ އެހީގައި ހަމަޖެއްސި ކޯޗެކެވެ. މަގާމާ ހަަވާލުވުމުގެ ކުރިން އޭނާ ވަނީ ކުވޭތާއި ސައުދީ އަރަބިއާގެ ކްލަބްތަކުގެ އިތުރުން ކިރްގިސްތާނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.

    ސާފް ޗެމްޕިއަންޝިޕް 2021 ގައި ނޭޕާލްގެ މެޗު ޝެޑިއުލް

    - އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހި ރާއްޖެ

    - އޮކްޓޯބަރު 4 (ރޭގަނޑު): ސްރީ ލަންކާ - ނޭޕާލް

    - އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

    22:49

    މެޗު ނިމުނީ. ރާއްޖެ 0 - 1 ނޭޕާލް.

    22:45

    '90 + 5 - ރާއްޖެއަށް ކޯނަރެއް. ކޯނަރުގެ ބޭނުން ނުކުރެވި ނޭޕާލް ކުޅުންތެރިން ބޯޅަ ސާފުކޮށްލައިފި

    22:43

    '86 - ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ނޭޕާލްގެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަނީޝް ޑަންގީ.

    22:36

    '79 އަނެއްކާވެސް ދާދުއަށް ރަނގަޅު ފުރުސަތެއް، ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެއް ކުޅުންތެރިއެއްގެ ކައިރިން ނައްޓާލި ބޯޅަ ދާދު ފޮނުވާލުމުގެ ކުރިން ކީޕަރު ވަނީ ހޯދައިފަ

    22:36

    '85 - ނޭޕާލް ގޯލް

    22:34

    '78 - ދާދު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށް.

    22:33

    '77 އުމަރިއު އާއި އީސަ ކުޅެން ނިކުމެއްޖެ، ފެއިބީ އަސައަދު އަލީ (އަޑުބަރޭ) އާއި އަލީ ފާސިރު (ސެންޓޭ)

    22:30

    '73 ރާއްޖޭގެ އިސްމާއީލް އީސަ އާއި މުހައްމަދު އުމައިރު ކުޅެން އެރުމަށް ތައްޔާރުވަމުން އަންނަނީ

    22:29

    '75 - ސެންޓޭ ފޮނުވާލި ބޯޅަ ކީރަން ދިފާއުކުރުމުން ރިބައުންސަށް ނުކުން ބޯޅަ ލިބުނީ އަޝްފާގަށް. އަޝްފާގު ފޮނުވާލި ބޯޅަ ދިޔައީ އަރިމަރިން ބޭރަށް.

    22:28

    '71:46 - ރާއްޖެ 0 - 0 ނޭޕާލް.

    22:27

    '70 - އަލީ ފާސިރަަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ނޭޕާލުގެ ސުމަންއަށް ރީންދޫ ކާޑު.

    22:25

    '68 - އިބްރާހިމް މަހުދީގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ނާއިޒް (ދާދު)

    22:23

    '67 - އަޝްހަދު އަލީ (އަޑުބަރޭ) ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީންދޫ ކާޑު ދައްކައިފި.

    22:18

    '64 - ނޭޕާލުގެ ފޯވާޑް އަންޖަން ބިސްޓާ ރާއްޖޭގެ އޭރިއާ ތެރެއަށް ވަދެފަ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް ދިފާއުކޮށްފި.

    22:17

    '60 - ނޭޕާލަށް ކޯނަރެއް. ނޭޕާލްގެ ކޯނަރު ދިޔައީ ބޭނުން ނުކުރެވި.

    22:16

    '59 - ސެންޓޭ ނަގައިދިން ހުރަހަކުން ސަމުއްޓޭ ގޯލަށް ފޮނުވާލި ބޯޅަ ރޮނގު މަތިން ނޭޕާލްގެ ކީޕަރު ކިރަން ދިފާއުކޮށްފި. މިއީ މެޗުގެ އެންމެ ނުރައްކާތެރިއެއް ހަމަލާ.

    22:15

    '58 - ދިވެހި ޓީމުން ބަދަލެއް. އައިސަމްގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް ވަހީދު (އިއްބެ)

    22:13

    '56 - ރާއްޖޭގެ ޓީމުން ޕްރެޝަރުގައި ކުޅެމުން ދިޔުމުގެ ފައިދާ ނަގައި، ނޭޕާލުން ހަމަލާތައް އިތުރު ކޮށްފި.

    22:10

    ދެވަނަ ހާފު ފެށުމަށްފަހު ނޭޕާލްގެ ޓީމުން އިހުނަށް ވުރެން ކުރިއަށް ޖައްސާ، ހަމަލާތައް އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން.

    22:06

    '51:00 - ރާއްޖޭގެ ޑިފެންޑަރު ހުސައިން ޝިފާއު (ކުރޯ) ކުރި ފައުލަކާ ގުޅިގެން ރީންދޫ ކާޑު ދައްކައިފި.

    22:02

    '46:00 - ރާއްޖެއަށް ކޯނަރު. ކޯނަރު ނަގަން ގޮސް ހުރީ އަޝްފާގު

    21:57

    ދެވަނަ ހާފަށް ދެ ޓީމުވެސް ދަނޑަށް ނުކުމެއްޖެ. މި ހާފުގެ ކޮށްޓުން ރާއްޖެއަށް.

    21:50

    2008 ވަނަ އަހަރުގެ ތަށި ރާއްޖެއަށް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ މުޙުތާރު ނަސީރު (ޓޫކިލޯ) ސާފް ޗެމްޕިއަންޝިޕުގެ ތަށްޓާއެކު --- ފޮޓޯ/އެފްއޭއެމް

    2008 ވަނަ އަހަރުގެ ތަށި ރާއްޖެއަށް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ މުޙުތާރު ނަސީރު (ޓޫކިލޯ) ސާފް ޗެމްޕިއަންޝިޕުގެ ތަށްޓާއެކު --- ފޮޓޯ/އެފްއޭއެމް

    21:48

    މިރޭ މެޗުގެ ފުރަތަމަ އެގާރަ

    21:41

    21:39

    '45 +1 - ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. ރާއްޖެ 0 - 0 ނޭޕާލް

    21:38

    '38:46 - ނޭޕާލްގެ ޑިފެންޑަރަކަށް އަނިޔާވެގެން ފަރުވާ ދެނީ.

    21:34

    '35:00 - ދިވެހި ރާއްޖެ 0 - 0 ނޭޕާލް

    21:33

    މިރޭގެ މެޗުގައި އަޝްފާގުގެ ތަފާތު ހުނަރުތަކެއް ދަނީ ފެންނަމުން. ދިވެހި ޓީމަށް މަދުވަނީ ގޯލެއް އެކަނި.

    21:31

    '32: 00 - އަލީ އަޝްފާގު (ދަގަނޑޭ) ނޭޕާލްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ކިރަން ދިފާއުކޮށްފި.

    21:30

    21:29

    ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހުރީ 2018 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބު ކުރި އިރު، ހުރި އަކްރަމް އަބްދުލް ޢަނީ.

    21:28

    މިއަދުގެ މެޗަށް ދޫކުރި ހުރިހާ ޓިކެޓެއް ވަނީ ހުސްވެފަައި. ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ރަތް ކުލައިން ވަނީ ދިއްލާލައިފައި. މި މަންޒަރު އަލުން އަނބުރާ ގައުމީ ޓީމުން މި ފެންނަނީ ގާތް ގަނޑަކަށް 10 ވަރަކަށް އަހަރު ފަހުން.

    21:26

    '27:00 - އަލީ ފާސިރު ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

    21:25

    މެޗުގެ މިހާ ހިސާބަަށް އައި އިރު، ގިނަ ފުރުސަތުތަކެއް ލިބިފައިވަނީ ރާއްޖެއަށް. އަލީ ފާސިރު (ސެންޓޭ) އަށް ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ވަނީ ލިބިފައި.

    21:23

    '24 - މިވަގުތުގެ ބޯލް ޕޮޒެޝަންއަކީ ދިވެހި ރާއްޖެ 64 (ޕަސަންޓް) - 36 (ޕަސަންޓް) ނޭޕާލް

    21:12

    '20:30 - އަސްހަދު އަލީ (އަޑުބަރޭ) ކުރި ފައުލަކާ ގުޅިގެން ނޭޕާލްއަށް ޖެހުމެއް.

    21:11

    '10 - ނޭޕާލްއަށް ކޯނަރެއް. މިއީ އެ ޓީމުގެ ފުރަތަމަ ކޯނަރު. ކޯނަރުގެ ބޭނުން ފުރިހަމަކޮށް ހިފޭ ގޮތެއް ނުވި.

    21:04

    ދިވެހިރާއްޖޭގެ ފުރަތަމަ އެގާރަ:

    މުހައްމަދު ފައިސަލް (ކީޕަރު)

    ސަމޫހު އަލީ

    އަކްރަމް އަބްދުލް ޢަނީ (ކެޕްޓަން)

    ހައިޝަމް ހަސަން

    އަލީ އަޝްފާގު

    އިބްރާހިމް މަހުދީ ހުސެއިން

    ހަމްޒާ މުހައްމަދު

    އައިސަމް އަލީ

    އަސްހަދު އަލީ

    ހުސައިން ޝިފާއު (ކުރޯ)

    އަލީ ފާސިރު

    21:03

    '7 ރާއްޖޭއަށް ކައިރި ކައިރީގައި ތިން ކޯނަރު

    21:01

    ދިވެހި ރާއްޖޭގެ ޓީމުން މި މެޗުގައި ބޭނުން ކުރަނީ ހުދު ކުލައިގެ ޖާޒީ. ނޭޕާލް ޓީމުން ލައިގެން ތިބީ އެމީހުންގެ ރަސްމީ ނޫ ޖާޒީ.

    21:00

    '1:00 - ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގަށް ނޭޕާލް ކުޅުންތެރިއަކު ފައުލު ކުރުމާ އެކު ހިލޭ ޖެހުމެއް ރާއްޖެއަށް.

    20:59

    '0:00 - މެޗުގެ ކުޅުން ފެށުނީ. ކޮށްޓީ ނޭޕާލްގެ ޓީމުން.

    20:55

    މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ރާއްޖެއާއި ނޭޕާލް ނުކުންނަ އިރު، މި މެޗުގެ ކުރިން މުބާރާތް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ. މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ބަންގްލަދޭޝް އަދި ސްރީ ލަންކާ. އެ މެޗު 0-1 އިން ކާމިޔާބު ކުރީ ބަންގްލަދޭޝް.

    20:54

    ސާފް ޗެމްޕިއަންޝިޕް 2021 ގެ ދެވަނަ މެޗުގައި ރާއްޖެއާއި ނޭޕާލް ބައްދަލު ކުރާ މެޗުގެ ލައިވްބްލޮގަށް މަރުހަބާ!