ބ. އޭދަފުށްޓަށް އުފަން މުހައްމަދު ވަޖީހު, އެ ރަށު ސްކޫލުން ވަކި ހިސާބަކަށް ކިޔެވުމަށްފަހު، ސާނަވީ ތައުލީމު ފުރިހަމަ ކުރީ މާލެއިންނެވެ. އީޕީއެސް ސްކޫލް ނިންމިއިރު، އޭނާއަކީ އޭރު އެ ސްކޫލުން ކިޔެވި ދަރިވަރުންގެ ތެރެއިން ދިވެހި ބަހަށް ވަރަށް މޮޅު ދަރިވަރެކެވެ. ދިވެހި ޓީޗަރެއްގެ ގޮތުގައި ހިދުމަތް ކުރުމުގެ ފުރުސަތު ވަޖީހަށް ހުޅުވުނު ސަބަބަކީ ވެސް މިއީއެވެ.

އޭރު ކަން އޮންނަ ގޮތުން، ސާނަވީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ސަރުކާރަށް ދެ އަހަރު ހިދުމަތް ކުރަން ޖެހެއެވެ. އީޕީއެސްއިން ކިޔަވައި ނިންމައިގެން އެ ބޮންޑު ފުރިހަމަ ކުރަން ވަޖީހު އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރަން ދިޔައީ މައުހަދަށެވެ. އެއީ ވެސް ތައުލީމީ ދާއިރާއާ ގުޅުން ހުރި ވަޒީފާއެކެވެ.

ބޮންޑުގެ މުއްދަތު ހަމަވުމާއެކު އޭރު އީޕީއެސްގެ ޕްރިންސިޕަލަކަށް ހުންނެވި ހަސަން މާހިރުގެ ފަރާތުން ވަޖީހަށް ދައުވަތެއް ލިބުނެވެ. އޭރު އީޕީއެސް ސްކޫލުގައި ކިޔަވައިދެއްވަމުން ގެންދެވި ދިވެހި މުދައްރިސު، ބޭސްފަރުވާއަކަށް އިންޑިއާއަށް ދާން ޖެހުމުން، މާހިރު ވަޖީހަށް ހުށަހެޅުއްވީ އެ ވަޒީފާއެވެ. އީޕީއެސްގެ ޓީޗަރެއްގެ ގޮތުގައި ވަޖީހު ހޭދަކުރި އެތައް އަހަރުގެ ކެރިއަރު ފެށުނީ އެ ހިސާބުންނެވެ.

"އެންމެ ފުރަތަމަ ކިޔަވައިދިނީ ގުރޭޑު ނުވަޔަކަށް. އޭރު މަސައްކަތް ކުރަމުން ގެންދިޔައީ އީޕީއެސްގައި ދިވެހި ޑިޕާޓްމަންޓުގެ ހެޑަކަށް ހުންނަވާނީ އަބްދުﷲ ސާދިގު (ސޯދުބެ)ގެ ބެއްލެވުމުގެ ދަށުން. އަޅުގަނޑުމެން ކިޔެވިއިރު ގުރޭޑް 7، 8، 9 އަދި 10އެއްގައި ދިވެހި ކިޔަވައިދެއްވީ ވެސް ސޯދުބެ. ޖެހިގެން އައި 1992 ވަނަ އަހަރު އަޅުގަނޑަށް ލިބިއްޖެ އެޗްއޯޑީގެ މަގާމު. އެއީ ސޯދުބެ މުސްކުޅި ކުރެއްވީމަ." ދެ އަހަރުގެ ތެރޭގައި ޓީޗަރެއްގެ މަގާމުން ޑިޕާޓްމަންޓުގެ އިސް މަގާމަށް އާދެވުނު ގޮތް ވަޖީހު ހިއްސާ ކުރައްވިއެވެ.

އެޗްއޯޑީއެއްގެ މަގާމުގެ އިތުރުން ވަޖީހު އޭރު ގެންދެވީ ސުޕަވައިޒަރެއްގެ މަގާމު ވެސް އަދާ ކުރަމުންނެވެ. އީޕީއެސްގެ އަދަބީ އަދި ސަގާފީ ޖަމިއްޔާ ވެސް ހިންގައި ބަލަހައްޓަމުންދިޔައީ ވަޖީހެވެ. އަދި ގުރޭޑު ނުވައެއްގެ އިތުރުން ގުރޭޑު 10އަކަށް ވެސް ހަމަ އެ އަހަރު ކިޔަވައިދެމުން ދިޔައެވެ.

އޭގެ އިތުރަށް ވެސް އީޕީއެސްގައި ކުރިއަށްގެންދިޔަ އަދަބީ ހުރިހާ ހަރަކާތެއްގެ މުގުލުގައި ހުރީ ވަޖީހުއެވެ.

"1992 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާނެ އަތޮޅު ނަމޫނާ ބައްދަލުވުން ކިޔާ ހަރަކާތެއް. ފަހުން އެއީ އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާ. އޭގެ ގާތްގަނޑަކަށް 14 ބައްދަލުވުމުން 1،500 އެއްހާ ދަރިވަރުން ތަމްރީން ކުރެވުނު." ވަޖީހު ބުންޏެވެ.

ތައުލީމީ ދާއިރާއަކީ ވަޖީހު ދުރާލާ ރާވައިގެން ވަން ދާއިރާއެއް ނޫނެވެ. ވަޖީހުގެ ބައްޕައަކީ ވިޔަފާރިވެރިއަކަށް ވުމާއެކު، ބައްޕަ ބޭނުންވީ ވަޖީހު ކިޔަވައި ނިމުމުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ.

"ބޮޑަށް ހަމަ ހަސަން މާހިރު ނުވަތަ އަބްދުﷲ ސާދިގުގެ ސަބަބުންނޭ ވެސް ބުނެވިދާނެ މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ. އެގޮތަށް ކިޔަވައިދޭން ފެށިތާ މިހާރު 30 ވަނަ އަހަރު މިއީ." ވަޖީހު ބުންޏެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއާ ލީޑިން ޓީޗަރު މުހައްމަދު ވަޖީހް

އެންމެ ދެރަވީ އީޕީއެސްއިން ވަކިވާން މަޖުބޫރުވުމުން

އީޕީއެސް ސްކޫލުގެ މެނޭޖްމަންޓް ބަދަލުވެ، 2009 ވަނަ އަހަރު ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލަށް ބަދަލު ކުރުމާ ހަމައަށް ވެސް ވަޖީހު ހުރީ އެ ސްކޫލުގެ އެޗްއޯޑީއެއްގެ މަގާމުގައެވެ.

މެނޭޖްމަންޓު ބަދަލުވެގެން އާ މެނޭޖްމަންޓާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ދެ ޓީޗަރުންގެ ތެރޭގައި ވަޖީހު ހިމެނުނެވެ. އަދި ސްކޫލަށް ދަރިވަރުން ހޯދުމުގައި ޕްރިންސިޕަލްއާ ގުޅިގެން މަސައްކަތް ވެސް ކުރިއެވެ.

"ފަހުން ވީ ގޮތަކީ 2009 ވަނަ އަހަރު އޭދަފުށި ދާއިރާއިން އަޅުގަނޑު މަޖިލީހަށް ކުރިމަތިލީ. ދެން ޕްރިންސިޕަލް ގުޅުއްވާފައި ވިދާޅުވެއްޖެ ދެ ކަމުންކުރެ ކޮންމެވެސް އެއް ކަމެކޭ ކުރެވޭނީ. މަޖިލީހަށް ކުރިމަތިލާނަމަ މިތަނަކު ނޫޅެވޭނޭ. އަޅުގަނޑު ބުނިން އަދި ހޮވުނީއެއް ވެސް ނޫނޭ، ކުރިމަތިލައިގެންނޭ އުޅެނީ. ބުނީމަ ވިދާޅުވީ ދޫކޮށްލާށޭ. ދެން އަޅުގަނޑު ބުނިން މިހާރު ކިހިނެއްތޯއޭ ދޫކޮށްލާނީ، އިއުލާނު ވެސް ކޮށްފީމޭ، ކެމްޕޭން ވެސް ފެށިއްޖޭ. ދެން ޕްރިންސިޕަލްއާ ބައްދަލުކޮށްފައި އަޅުގަނޑަށް ޖެހުނީ ސްކޫލު ދޫކޮށްލަން." ތައުލީމު ހާސިލުކޮށް 18 އަހަރު ވަންދެން އެތަނަލަށް ހިދުމަތް ކުރި ސްކޫލު ދޫކޮށްލަން ޖެހުނު ގޮތް އަސަރާއެކު ވަޖީހު ކިޔައިދިނެވެ.

އީޕީއެސްއިން ވަކިވުމަށްފަހު ވަޖީހު ބައްދަލުކުރީ އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލާއެވެ. އަދި އީޕީއެސްގައި އަދާކުރި ވަޒީފާއާއި ކުރި ހުރިހާ މަސައްކަތެއް އަހުމަދިއްޔާއިން ކުރެވޭ ގޮތަށް، ޖެހިގެން އައި ދުވަހު އެ ސްކޫލުގެ ވަޒީފާއަށް ނުކުތީ އާ އަޒުމަކާ އެކުގައެވެ.

ވަޖީހު ކިޔަވައިދިނުމުގައި ރަން ތިރީސް އަހަރު

ވަޖީހުގެ 30 އަހަރުގެ ކެރިއަރުގައި އެތައް ހާސް ދަރިވަރުންނަކަށް ވަނީ އުނގަންނައިދީފައެވެ. މިކަމުގައި ހޭދަ ކުރި މުއްދަތުގެ ދިގު ކަމާއެކު، އެންމެ އުފާވާ ދުވަހަކީ ކޮބައިތޯ ސުވާލު ކުރުމުން ވަކި ދުވަހެއް ފާހަގަކުރަން ވަޖީހަށް ދަތިވިއެވެ.

"އެންމެ އުފާވަނީ ރަނގަޅު ނަތީޖާއާ މެދު. ކުދިންނަށް މި ކޮށްދެވޭ މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހު." ވަޖީހު ބުންޏެވެ.

އަހުމަދިއްޔާ ސްކޫލުގައި ހިދުމަތް ކުރަން ފެށިތާ މިހާރު ގާތްގަނޑަކަށް 13 އަހަރު ވެފައިވާއިރު، ފާއިތުވެދިޔަ 10 އަހަރަށް ބަލާލާއިރު ވެސް، އިމްތިހާނުގައި ބައިވެރި ކުރާ ކުދިންގެ ނިސްބަތުން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ސްކޫލަކީ އަހުމަދިއްޔާ ސްކޫލް. އެވަރޭޖްކޮށް ކޮންމެ އަހަރަކު ވެސް 98، 99 އިންސައްތަ ކުދިން މި ދެންނެވި ގޮތަށް އެންމެ ރަނގަޅު ނަތީޖާ ނެރޭ."

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއާ ލީޑިން ޓީޗަރު މުހައްމަދު ވަޖީހް ކްލާހެއްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އެގޮތަށް ބަލާއިރު އެންމެ އުފާވަނީ ތިން އަހަރަކު ވަޖީހު ކިޔަވައިދިން ހުރިހާ ދަރިވަރުން ރަނގަޅު ނަތީޖާއެއް ނެރުމުން ކަމަށް އޭނާ ބުންޏެވެ.

"އޭގެ އިތުރުން ބްރިލިއަންސް އެވޯޑު، އެއީ މުޅި ރާއްޖެއިން ދިވެހި އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރަކަށް ވެސް އަހުމަދިއްޔާގައި އަޅުގަނޑަށް ކިޔަވައިދެވުން. އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއް."

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއާ ލީޑިން ޓީޗަރު މުހައްމަދު ވަޖީހް

އަގުހުރި ހިދުމަތްތަކަށް ފަހު ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއް

އިންޓަވިއުގެ ތެރެއިން، 2009 ވަނަ އަހަރު މަޖިލިސް އިންތިހާބަށް ކުރިމަތިލެއްވި ވާހަކަ ބުނުމުން އުފެދުނު ސުވާލަކީ، އެއީ ތައުލީމީ ދާއިރާ ދޫކޮށްލުމުގެ ގޮތުން ވަޖީހު ނިންމި ނިންމުމެއް ބާއެވެ. އެހެން ނަމަވެސް އޭރު ވަޖީހުގެ ވިސްނުމުގައި ހުރީ މުޅިން ދާއިރާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"މަޑުމަޑުން ދޫކޮށްލަން ވިސްނީ. އެކަމުގައި (މަޖިލީހުގައި) އުޅެމުން ކޮންމެވެސް ވަރަކަށް މި މަސައްކަތް ވެސް ކުރިއަށް ގެންދެވިދާނެތާ. އެކަމަކު އެ އަހަރު ކުޑަ ބަދަލަކަށް ބޭނުންވީ." ވަޖީހު ބުންޏެވެ.

އޭގެ 13 އަހަރު ފަހުން ވަޖީހުގެ ވިސްނުމަށް އައި ބަދަލަކީ، މުޅިން ތައުލީމީ ދާއިރާ ދޫކޮށްލުމެވެ.

"މިހާރު 30 އަހަރު ވެގެން މި ދިޔައީ. މިހާރު ހިޔާލުގައި އޮތީ އަމިއްލަ މަސައްކަތެއް ފެށިއްޖެނަމަ، މި ދާއިރާ ދޫކޮށްލަން. އެކަށީގެންވާ މުއްދަތަކަށް މި ދާއިރާގައި މަސައްކަތް ކުރެވިއްޖެ. އެކަމަކު ވެސް ކުދިކުދި ކަންތަކުގައި އެހީތެރިވުމާއި ކުދިން ތައްޔާރު ކުރުމުގައި އެހީވުން، މިކަންކަން ދޫކޮށް ނުލާނަން." އޭނާ ބުންޏެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއާ ލީޑިން ޓީޗަރު މުހައްމަދު ވަޖީހް

ވަޒީފާގެ ބުރަ ކަމާއެކު ވެސް އަދަބީ ގިނަ މަސައްކަތްތަކެއް

ވަޒީފާގެ ނަމުން ނަމަ ވަޖީހަކީ މިއަދު އަހުމަދިއްޔާގެ ސީނިއާ ލީޑިން ޓީޗަރެކެވެ. އެހެން ނަމަވެސް އޭނާ ކުރާ ހަމައެކަނި މަސައްކަތަކީ މިއެއް ނޫނެވެ.

ވަޖީހު ވަނީ 15 އަހަރުގެ މުއްދަތަކަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އިމްތިހާން ކަރުދާސް މާކު ކުރުމުގައި ހޭދަކޮށްފައެވެ. އަދި އެޗްއެސްސީއާއި އެސްއެސްސީ އިމްތިހާނުގެ އެގްޒަމިނަރަކަށް ތިން އަހަރު އުޅުނެވެ.

ޓީޗަރުން ތަމްރީނު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަޖީހު ވަނީ ކޮށްފައެވެ. އެގޮތުން އެންއެލްގެ ފަރާތުން ޓީޗަރުން ތަމްރީނު ކުރުމަށް އަތޮޅުތަކަށް ކުރި ދަތުރުތަކުގައި ވަޖީހު ވަނީ ބައިވެރިވެފައެވެ. އެ ދަތުރުތަކުގައި ހދ. ކުޅުދުއްފުށި، ތ. ހިރިލަންދޫ އަދި ރ. މަޑުއްވަރިން 100 އަށް ވުރެ ގިނަ ތީޗަރުން ވަނީ ތަމްރީނު ކޮށްފައެވެ.

މީގެ އިތުރުން ލިޔުންތެރިކަމަށް ހުންނަ ޝައުގުވެރިކަމުގެ ބޮޑުކަމުން ވަޖީހު ވަނީ ދިގު މުއްދަތަކަށް ނޫސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކޮށްފައެވެ.

"މިދިޔަ އަހަރު އަޅުގަނޑު ހެދިން ނޫހެއް. ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން، މި ސްކޫލުގައި ހިންގާ ގޮތަށް. އަހުމަދިއްޔާ 1982 ޑޮޓް އެމްވީގެ ނަމުގައި ހިންގާ ނޫހެއް އެއީ. އަޅުގަނޑަކީ އޭގެ އެޑިޓަރެއް. އެއީ ރާއްޖޭގެ ސްކޫލަކުން ރަޖިސްޓްރީ ކޮށްގެން ނެރޭ ހަމައެކަނި ނޫސް. އެ ނޫޙުގައި ކޮންމެ ދުވަހަކު މި ގެނެސްދެނީ ހަބަރުތަކާއި ސްކޫލުގައި ހިނގާ ކަންކަމާއި ތައުލީމީ ދާއިރާއާ ގުޅޭ ކަންކަން." ވަޖީހު ބުންޏެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ވަޖީހު ކުރި ހަމައެކަނި މަސައްކަތަކީ މިއެއް ނޫނެވެ. ޖުމުލަކޮށް ބުނާ ނަމަ، ކިޔަވައިދިނުމުގައި ހޭދަ ކުރެއްވި 30 އަހަރުގެ ތެރެއިން 20 އަހަރު ދުވަހު އޭނާ ވަނީ ކިޔަވައި ދިނުމާއެކު ނޫސްވެރިކަން ވެސް ކޮށްފައެވެ.

ވަޖީހު ނޫސްވެރިކަން ފެށީ 1989 ވަނަ އަހަރު 'ޒުވާނުންގެ އަޑު' މަޖައްލާއިންނެވެ. އެއީ ވަޖީހުގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކުރި މަޖަައްލާއެކެވެ. ޖެހިގެން އައި އަހަރު ހުކުރު ނޫހުގެ ހާއްސަ ލިޔުންތެރިއަކަށް މަސައްކަތް ކުރުމަށްފަހު ހަވީރު ނޫހުގެ ޒުވާނުންގެ ސަފުހާއާއި ސްކޫލު ކުދިންގެ ސަފުހާ ލިޔުއްވުމުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރިއެވެ.

އޭގެ ފަހުން 1994 ވަނަ އަހަރު އާފަތިސް ނޫހުގައި ވެސް ޒުވާނުންގެ ސަފުހާއާއި ސްކޫލު ކުދިންގެ ސަފުހާއަށް ލިޔެދިނުމަށްފަހު 1996 ވަނަ އަހަރު މިއަދު ނޫހުގައި އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ލިޔުނެވެ. އޭގެ އިތުރުން 'ފިޔެސް' މަޖައްލާއަށް މުނިފޫހިފިވުލުމުގެ ދާއިރާގެ ލިޔުންތައް ވެސް ވަޖީހު ވަނީ ލިޔެފައެވެ.

އީޕީއެސްގައި މަސައްކަތް ކުރިއިރު އެ ސްކޫލުން ނެރޭ ހުރިހާ މަޖައްލާއަކީ ވެސް ވަޖީހުގެ ބެއްލެވުމުގެ ދަށުން ނެރޭ މަޖައްލާތަކެވެ. އީޕީއެސްއަށް 25 އަހަރު ފުރިގެން ނެރުނު 'ރިހި ފޮތުގެ' އެޑިޓަރަކީ ވެސް ވަޖީހެވެ.

ވަޖީހަކީ އީޕީއެސްގެ ކުރީގެ ދަރިވަރުން ގުޅިގެން އުފައްދާފައިވާ އީޕީއެސް ފައުންޑޭޝަނުން ނެރޭ 'އީޕީއެސް ހަނދާން' މަޖައްލާގެ ވެސް އެޑިޓަރެކެވެ. އެ ފައުންޑޭޝަންގެ އެއް ފައުންޑާ މެމްބަރަކީ ވެސް ވަޖީހެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއާ ލީޑިން ޓީޗަރު މުހައްމަދު ވަޖީހް

އެއްވެސް ކުއްޖަކު ބާކީ ނުކުރާ، ނަމޫނާ ޓީޗަރެއް

ތައުލީމީ ދާއިރާގައި ވަޖީހު ހޭދަކުރި ދިގު ކެރިއަރުގައި، ގުނާ އަދަދު ނުކުރެވޭހާ ގިނަ ދަރިވަރުންނަށް ވަނީ އުނގަންނައިދީފައެވެ. އެތަނުން ބައެއް ކުދިން ގާތުގައި ވަޖީހުގެ ކިޔަވައިދިނުމާ ގުޅޭ ގޮތުން ސުވާލު ކޮށްލުމުގެ ފުރުސަތު ލިބުނެވެ. ބައްދަލުވި ކުދިންގެ ފަރާތުން ވަޖީހުއަށް ރައްދުކުރީ ތައުރީފުގެ ބަސްތަކެވެ.

ވަޖީހުގެ ދަރިވަރުން އޭނާ ސިފަކުރަނީ ވަރަށް ކަމަށް ކަމޭހިތައިގެން، ވަރަށް ފަރުވާތެރިކަމާއެކު ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ޓީޗަރެއްގެ ގޮތުގައެވެ. ހަމައެކަނި ކޮންޓެންޓު ކިޔަވައިދިނުމުގެ ބަދަލުގައި ކުދިން އެހެނިހެން ރޮނގުތަކުން ވެސް ކުރިއަށް އެރުވުމަށްޓަކައި ތަފާތު އެކި ހަރަކާތްތަކެއް ރާވާ ޓީޗަރެއްގެ ގޮތުގައެވެ.

"ދިވެހި ދުވަސް، އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާ ކަހަލަ ވަރަށް ގިނަ އިތުރު ހަރަކާތްތަކެއް ކުދިން ދިވެހި ބަހަށް ލޯބި ޖެއްސުމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ހަރަކާތްތައް ރޭވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް." އީޕީއެސްގައި ވަޖީހު ކިޔަވައިދިން އަދި 2003 ވަނަ އަހަރު އެ ސްކޫލުގެ ކެޕްޓަންކަން ވެސް ކުރި ދަރިވަރު މުޖާހިދު ބުންޏެވެ.

މުޖާހިދު ސިފަކުރީ ވަޖީހުއަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ދަރިވަރުންގެ މަންފާއަށާއި ހުރިހާ ކުދިންނަށް ރަނގަޅު ނަތީޖާއެއް ހާސިލުކޮށްދިނުމަށް މަސައްކަތް ކުރި ނަމޫނާ ޓީޗަރެއްގެ ގޮތުގައެވެ.

ދަރިވަރުން ފިޔަވައި ދެން ވަޖީހު އެންމެ ރަނގަޅަށް ދަންނާނެ ފަރާތަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ، މަޝްހޫރު ވާހަކަލިޔުންތެރިޔާ ޔަޝްފާކަން ކަށަވަރެވެ. ވަޖީހުގެ މަސައްކަތާ ގުޅޭ ގޮތުން ޔަޝްފާ ގާތުގައި ކުރި ސުވާލުތަކަށް ޖަވާބު ދިނީ ފަހުރުވެރި ކަމާއެކުގައެވެ.

ޔަޝްފާ ބުނި ގޮތުގައި ސްކޫލުގައި ވަގުތު ހޭދަކުރުމަށްފަހު ގެއަށް އައުމާ ހަމައިން ވެސް ވަޖީހުގެ މަސައްކަތެއް ނުނިމެއެވެ. ވަޖީހު ގެއަށް އައުމަށްފަހު ވެސް ދަރިވަރުންނަށް ބޭނުންވާ ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރު ކުރުމުގައި ރޭގަނޑުގެ ވަރަށް ގިނަ ވަގުތުތައް ހޭދަކުރާ ކަމަށް ވެސް ޔަޝްފާ ބުންޏެވެ.

ޔަޝްފާގެ ވާހަކަތަކުން ވެސް އެނގެނީ ވަޖީހަކީ ހަމައެކަނި ޓީޗަރެއް ނޫންކަމާއި ދިވެހި ބަހާ ގުޅުން ހުރި ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ މީހެއްކަމެވެ.

"މަޖައްލާ ލިޔުމާއި އޮންލައިން ނޫސް އުފެއްދުން ފަދަ ކަންކަމަށް ވަރަށް މޮޅު ވާނެ. ގްރެފިކްސް ޑިޒައިނިން މަސައްކަތް، ފޮތުގެ ލޭއައުޓް ފަރުމާ ކުރުން ފަދަ ކަންކަމަށް ވެސް ވަރަށް މޮޅު ވާނެ. އަހުމަދިއްޔާގެ ނޫސް ވެސް އެ ބަލަހައްޓަވަނީ ވަޖީހު. ވަރަށް ޝައުގުވެރިކަމާއެކު ކޮންމެ މަސައްކަތެއް ވެސް ކުރާނީ." ޔަޝްފާ ކިޔައިދިނެވެ.

ޔަޝްފާ ބުނީ އަމިއްލަ ދަރިއަކަށް ރަނގަޅު ނަތީޖާއެއް ލިބުމާ އެއްވަރަށް ވަޖީހު ކިޔަވައިދޭ ދަރިވަރަކަށް ރަނގަޅު ނަތީޖާއެއް ލިބުމުން އޭނާ އުފާވާ ކަމަށެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއާ ލީޑިން ޓީޗަރު މުހައްމަދު ވަޖީހް --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ވަޖީހުގެ މެސެޖު: ކާމިޔާބު ލިބޭނީ ރަނގަޅު މަސައްކަތުން

މި ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ މީހުންގެ ފަރާތުން ވަޖީހު އެދުނީ ރަނގަޅަށް މަސައްކަތް ކުރުމަށެވެ. އަދި ދަރިވަރުންނަށް ރަނގަޅަށް ފިލާވަޅު ނަގައިދިނުމަށެވެ.

"އަޅުގަނޑު ބުނަން އޮތީ ރަނގަޅަށް މަސައްކަތް ކުރާށޭ، ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ މިއީ ވަރަށް ރަނގަޅަށް ކުރިއަށްދާނެ ދާއިރާއެކޭ. ކެރިގެން، ބުރަ މަސައްކަތާއެކު ރަނގަޅު ކާމިޔާބީއެއް ހާސިލުކުރެވޭތޯ ބަލާށޭ. ދަރިވަރުންނަށް ފިލާވަޅު ބުނެ ދިނުމުގައި ރަނގަޅަށް ތައްޔާރުވެގެން ވަޑައިގަންނަވާށޭ." ވަޖީހު ބުންޏެވެ.

ވަޖީހުގެ ޝުކުރު ލިސްޓު ފެށިގެން އައީ، އީޕީއެސް ސްކޫލުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވި، އަލް މަރުހޫމް ހަސަން މާހިރުއާ ހަމައިންނެވެ. މި ދާއިރާއިން ކުރިއަށް ދިއުމުގެ އެންމެ ބޮޑު ފުރުސަތު ވަޖީހަށް ފަހިކޮށްދެއްވީ މާހިރުއެވެ. އަދި ދިވެހި ބަހުގެ ކަންކަމުގައި ކުރިއަށް ދިއުމުގައި އަބްދުﷲ ސާދިގުގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

އީޕީއެސް ދޫކޮށްލުމުން އަހުމަދިއްޔާއިން ފުރުސަތު ދެއްވީތީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދަށް ވެސް ވަޖީހު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

"މި ދާއިރާއިން ކުރިއަށް ދާން އެންމެ ބޮޑަށް ބާރު އަޅައިދެނީ އަޅުގަނޑުގެ އަންހެނުން. އަންހެނުންނަކީ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ލިޔުންތެރިއެއް."