މިއަދު ރާއްޖޭގައި ފެށި އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ސްރީލަންކާ ބަލިކޮށް ބަންގްލަދޭޝްއިން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝްއިން ލަންކާގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބަންގްލަދޭޝްއަށް މުބާރާތުގައި ކުރިއަށް ދިއުމަށް ހިތްވަރެއް ލިބިގެންދިޔައިރު، ފުރަތަމަ ބައްޔާއެކު ލަންކާއަށް ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފައެވެ.

މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ ބަންގްލަދޭޝްއިން ފުރަތަމަ ހާފުގައި ރަނގަޅު ބޯޅަތަކެއް ކުރިއަށް ކުޅުނު ނަމަވެސް ނިންމާލެވޭ ގޮތެއް ނުވިއެވެ. އެ ހާފުގައި ބަންގްލަދޭޝް ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 45 މިނަޓު ހަމަވުމުން ރެފްރީ ދިން އިތުރު ވަގުތުގެ ތިން މިނަޓުގައި ޓޮޕޫ ބަރްމާން ފޮނުވާލި ހަމަލާއެވެ. ޓޮޕޫ ވަރަށް ބަލާލައިފައި ބޮލުން ފޮނުވާލި އެ ހަމަލާ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ބަދަލަކާ އެކު ބަންގްލަދޭޝްއިން ފަށައި، ޓީމު ކުރިއަށް ޖައްސައިގެން ކުޅުނު އިރު، އެ ޓީމުން އެ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ.

އެ ޓީމުން މެޗުގައި ލީޑު ނެގީ 55 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ލަންކާގެ ޑިފެންޑަރު ޑަކްސަންގެ އަތުގައި ޖެހުނު ކަމަށް ނިންމާ ރެފްރީ ދިން ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ބަންގްލަދޭޝްގެ ފޯވާޑް ޓޮޕޫއެވެ.

މި ޕެނަލްޓީއަށްފަހު ރެފްރީ ގާތު ޝަކުވާ ކުރުމުން ޑަކްސަންއަށް ދެވަނަ ރީންދޫ ކާޑެއް ވަނީ ދައްކާ، ދަނޑުން ފޮނުވާލައިފައެވެ. އެއާއެކު 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުމުން ލަންކާ މެޗު ނިންމާލީ ޑިފެންސް ކުރުމަށް މުޅި ޓީމު ކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެންނެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ރާއްޖެ އަދި ނޭޕާލްއެވެ. އެ މެޗު ފަށާނީ މިރޭ 9:00 ޖަހާއިރު އެވެ. މި މެޗުގެ ލައިވްބްލޮގް ސަންގެ ވެބްސައިޓުން ފެންނާނެއެވެ.