ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި އިއްޔެގެ ނިޔަލަށް ސޮއި ކޮށްފައިވާ މީހުންގެ ގްރޭސް ޕީރިއަޑް މިއަދު ގުނަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ އެއްބަސްވުމުގެ އަށް ވަނަ މާއްދާގެ "ނ"ގައިވާ ގޮތުން ފްލެޓް ތަކުގެ ގްރޭސް ޕީރިއަޑް ގުނަން ފަށާނީ އެ ފްލެޓްތަކަށް ފެނާއި ކަރަންޓުގެ ހިދުމަަތް ފޯރުކޮށްދެވުމުންނެވެ.

އެޗްޑީސީން މިއަދު ބުނީ ހިޔާ ފްލެޓުތައް ހިމެނޭ ހުރިހާ ޓަވަރަކަށްވެސް މިހާރު ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެހެންކަމުން އިއްޔެގެ ނިޔަލަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންގެ ގެރޭސް ޕީރިއަޑް މިއަދު ގުނަން ފަށާނެ ކަމަށެވެ. އެ ގްރޭސް ޕީރިއަޑް ކުރިއަށް ދާނީ ތިން މަސް ދުވަހަށެވެ.

ގްރޭސް ޕީރިއަޑްގެ ތިން މަސް ދުވަސް ހަމަވުމުން އެއްބަސް ވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓް ފީ އާއި މެނޭޖްމެންޓް ފީ ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ކުރިން ނިންމަވާފައެވެ.

އެ ފްލެޓުތަކަށް ކުލީގެ ގޮތުގައި ހަމަޖައްސައިފައިވަނީ މަހެއްގެ މައްޗަށް 7،500 ރުފިޔާއެވެ.