01 Oct 2021, 15:58
ހައުސިން ޑިވިލޮޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި 55 ބައިވެރިންނަށް އިއްޔެ ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ހުޅުމާލޭ ޝުވެކް ސިނަމާގައި ބޭއްވި އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.
ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ހަ ދާއިރާއަކުން މީހުން ތަމްރީނު ކުރިއެވެ. އޭގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިން، މޭސަނަރީ، ގާޑަނިން، އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާ ހިމެނެއެވެ.
އެޗްޑީސީން ބުނީ ގިނަ ދާއިރާތަކުން ޒުވާނުން ބިނާ ކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭން އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އެ ޕްރޮގްރާމް ހިންގުމަށް ސްޕޮންސަރުންގެ ގޮތުގައި ހަތަރު ކުންފުންޏަކުން އެހީ ފޯރުކޮށްދިންކަން އެޗްޑީސީން ފާހަގަ ކުރިއެވެ. އެއީ އިލާ މޯލްޑިވްސް އާއި އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެފް.ޑަބްލިއު ކޮންސްޓްރަކްޝަން އަދި މުނި އެންޓަޕްރައިޒަސްއެވެ.
މީގެ އިތުރުން އެޗްޑީސީގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކަށް ބަލައި، އެޕްރެންޓިސްޝިޕް ޕްރޮގްރާމުން އެންމެ ފާހަގަކޮށްލެވޭ މީހުންނަށް ވަޒީފާ ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.