28 Feb 2012, 14:35
އާސެނަލްގެ ރަޝިޔާ ފޯވާޑް އަންދުރޭ އަރްޝަވީން ލޯނުގެ ދަށުން އޭނާގެ ކުރީގެ ކުލަބު ޒެނިތު ސެންޓް ޕީޓާސްބާގް އާއި ގުޅިއްޖެ އެވެ.
އަރްޝަވީން އަށް މިސީޒަނުގައި މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ރަޝިޔާގެ ގައުމީ ޓީމުގައި ލީޑަރެއްގެ މަގާމު ފުރަމުންދާ އަރްޝަވީން އަށް ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް މިދިޔަ މަހު މެންޔުނައިޓެޑާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން އާސެނަލް ބަލިވި މެޗުގައި އެލެކްސް އޮކްސްލޭންޑް ޗެމްބަލެން ބޭލުމަށް ފަހު އަރްޝަވީން އެރުވުމުން ސަޕޯޓަރުންގެ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"ލޯނުގެ ދަށުން ޒެނިތާއި އަރްޝަވީން ވަނީ ގުޅިފައި. މިކުލަބުގައި އަރްޝަވީން މި ސީޒަން ނިމެންދެން މަޑުކުރާނެ. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. ކުރިން އާސެނަލް އަށް ދޫކުރީ ދޫކުރާހިތަކުން ނޫން. އެކުލަބަށް އަރްޝަވީން ދޫކުރީ އޭނާގެ ކުރިއެރުމަށްޓަކައި،" ވެންގާ ބުންޏެވެ.
އަރްޝަވީން އަކީ އާސެނަލް އާއި ގުޅުނު ފުރަތަމަ ދުވަސްކޮޅު ވިދާލި ހުނަރުވެރި ކުޅުންތެރިއެކެވެ. އޭގެ އިތުރުން ވެސް ރަޝިޔާ ގައުމީ ޓީމަށް ވެސް އަރްޝަވީން މޮޅު ކުޅުމެއް ދައްކާފައި ވެއެވެ.