ޔޫތު އެފްއޭކަޕް ފުޓް ބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅުނު މެޗް 3-0 ލަނޑުން މާޒިޔާ ސްޕޯޓްސް ކުލަބް ކާމިޔާބު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މާޒިޔާއިން ޖެހީ މެޗުގެ ހަ ވަނަ މިނެޓުގައި ހަސަން ޝިފާޒެވެ. އަދި އޭނާ ވަނީ ފުރަތަމަ ހާފް ނިމެންދަނިކޮށް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް 2-0 ލަނޑަށް ބަދަލުކޮށްފަ އެވެ. މެޗުގައި ވީބީ އައްޑޫ އެފްސީކޮޅަށް މާޒިޔާއިން ޖެހި ތިން ވަނަ ލަނޑު އެޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި އަމްދާން އަލީ އެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ދޭއްގައި ހިމެނޭ އީގަލްސް އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:10ގަ އެވެ.

މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ، މި މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.