ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުއްވައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ނޯޓިސް ފޮނުއްވެވީ ޕޮލިސް ބޯޑުން އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ލަފާދެއްވައިފައި ވަނިކޮށްނެވެ.

ގިނަ އަދަދެއްގެ ފުލުހުން ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާދިން ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ސީޕީ ހަމީދު ނޯޓިސް ފޮނުއްވައިފައިވަނީ ހަމައެކަނި އެ ދެބޭފުޅުން ވަކި ކުރުމަށެވެ.

ފުލުހުންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ދެ ބޭފުޅުންނަށް ފޮނުއްވައިފައި ނޯޓިސްގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހު މަގާމުން ވަކި ކުރުމުގެ އިޖުރާއަތްތައް ފަށާނެ ކަމަށެވެ. .

ސީޕީ ހަމީދު މި ނިންމެވުމުން ނިންމެވީ ޕޮލިސް ބޯޑުން ހަތް އިސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމިތާ ދެމަހަށް ވުރެ ވެސް ގިނަވީ ފަހުންނެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިނީ:

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

  • އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  • ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

އެ ދެ ބޭފުޅުންގެ ތެރެއިން އޭސީޕީ ޖަމްޝީދަކީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮންގޮއްވާލި މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ޖަމްޝީދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕޮލިސް އިންޓެލްގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ.

އޭސީޕީ އަހްމަދު މުހައްމަދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ކްރައިމް ކޮމާންޑްގެ ވެރިއަކަށް ހުންނެވި ބޭފުޅެކެވެ.