މާދަމާ ހަވީރު މާލޭގައި ފަށައި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމުން ބޭނުން ކުރާ އޮފިޝަލް ޖާޒީ ދައްކާލައިފިއެވެ.

އެފްއޭއެމްއިން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ޓީމުގެ އައު ޖާޒީ ވަނީ ދައްކާލައިފައެވެ. ގައުމީ ދިދައިގެ ކުލަތަށް ކަމަށްވާ ރަތާއި، ފެހި އަދި ހުދު ކުލައިގެ އިތުރުން ދިދަ ރަމްޒުކޮށްދޭ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޖާޒީ ދައްކާލި އިރު، މިފަހަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ އައިލެންޑް އެޕެރަލްސްއެވެ.

ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ގައުމީ ޓީމުގެ ޖާޒީ ---

މިރޭގެ ރަސްމިއްޔާތުގައި ގައުމީ ޓީމުން މުބާރާތުގައި ބޭނުން ކުރާނެ ތިން ކިޓެއް ވަނީ ދައްކާލައިފައެވެ. އެއީ ޓީމުން ބޭނުން ކުރާނެ ދެ ކިޓާއި، ކީޕަރުގެ ޖާޒީއެވެ.

ގައުމީ ޓީމަށް އެންމެ ފަހުން ކިޓް ފޯރުކޮށްދީފައިވަނީ ސްޕެއިނުގެ ކެލްމީ އިންނެވެ. އެފްއޭއެމުން ނިންމީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ވަންތަކޮށް ކުރިއަށް ދިއުމަށް ރާއްޖޭގެ ބްރޭންޑަކާ އެކު ކުރިއަށް ދިއުމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމުން ބޭނުންކުރާ ޖޯޒީގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ރާއްޖޭގައެވެ.

އައިލެންޑް އެޕަރަލްސް އިން ބުނީ މުބާރާތުގައި ގައުމީ ޓީމު ބޭނުންކުރާ ޖޯޒީ އަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖޯޒީއަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބާ ކުރުމަށް އައިލެންޑް އެޕެރަލްސް އިން ވަނީ އެދިފައެވެ.

ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައިވަނީ ޢަބްދުﷲ ނަޝާތު އެވެ.