30 Sep 2021, 19:43
މާދަމާ ފަށާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ދިވެހި ޓީމުގެ ސްކޮޑު މިވަގުތު ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިބި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެތަނަށް ވަޑައިގެން ޓީމާ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ޓީމުގެ ކުޅުންތެރިންނާއި، މެނޭޖްމެންޓްގެ ސްޓާފުންނަށް ހިތްވަރު ދެއްވާ ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ގައުމީ ޓީމާ މުޚާތަބުކުރައްވައި ރައީސް ވަނީ ރާއްޖެއަކީ ފުޓްބޯޅައަށް ލޯބިކުރާ ގައުމެއް ކަމަށާއި، ދިވެހިންގެ އުއްމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށްކަމުގައި ހާމަކުރައްވާފައެވެ.
އަދި މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި، ކުޅިވަގެ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ގައުމަށާއި ފުޓުބޯޅައަށް ދިމާވި ދަތިތަކާއެކު ވެސް މި ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ގައުމީ ޓީމުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ އަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަމުގައި ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމުގައި ވިދާޅުވެފައެވެ.
ރާއްޖޭގެ ގައުމީ ޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލު ކުރާނީ އަވަށްޓެރި ނޭޕާލާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މާދަމާ ރޭ 09:00ގައެވެ.