ދިވެހި ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް އަހްމަދު ޝާކިރު (ޝާކިއްޓޭ)ގެ ނަމަަކީ އާ ނަމެއް ނޫނެވެ.

ރާއްޖޭގެ ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ރިކޯޑެއް އޮތް ޝާކިއްޓޭއަކީ 2018ވަނަ އަހަރު ރާއްޖޭގެ ޓީމު ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރު މުހިންމު ދައުރެއް އަދާކުރި މީހެކެެވެ. އެ ފަހަރު އޭނާ ހުރީ ރާއްޖޭގެ ކޯޗިން ޓީމުގައެވެ.

މިއަހަރުގެ ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް ފުރަންވެފައި އޮއްވާ ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ހެޑު ކޯޗު އަލީ ސުޒައިން ކޮވިޑަށް ޕޮސިޓިވް ވުމެވެ.

އެ ދަތި ދަނޑިވަޅުގައި ވެސް ޓީމަށް އެހީތެރިވުމަށް ޝާކިއްޓޭ ނުކުތެވެ. އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ)ގެ ލީޑަރޝިޕްގެ ދަށުން ގަތަރަށް ޓީމު ދިޔުމާއެކު، އިންމަ އަށް އެހީވުމުގެ ގޮތުން އެފްއޭއެމް އިން ނިންމީ ޝާކިއްޓޭ ޓީމުގެ ޓްރެއިނިންތަކަށް އެހީވާން ފޮނުވުމަށެވެ.

"ސަން"އާ ވާހަކަ ދައްކަމުން ޝާކިއްޓޭ ބުނީ މިފަހަރުގެ ޓްރެއިނިންގައި ކުޅެވުނު ދެ މެޗަށް ބަލާއިރު މިދިޔަ ފަހަރު [2018ގައި] ޓީމުގެ ފަރާތުން ފެނުނު ކަންކަމަށްވުރެ މާ ޕޮސިޓިވް ކަންކަން ފެނުނު ކަމަށެވެ.

އެހެންކަމުން މިއަހަރުގެ މުބާރާތް ރާއްޖޭގެ ޓީމަށް ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމުގައި ޝާކިއްޓޭ ފާހަގަ ކުރިއެވެ. އެ އުއްމީދު ޝާކިއްޓޭ ކުރާ އެންމެ ބޮޑު ސަބަބަކީ މިއަހަރުގެ މުބާރާތް އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުމެވެ.

ޝާކިއްޓޭ ބުނީ 2018ވަނަ އަހަރު ރާއްޖެއިން ބޭރުގައި ވެސް ދިވެހީން ފަޚުރުވެރިވާ ނަތީޖާއެއް ގައުމީ ޓީމުން ނެރުނު ކަމަށެވެ. އެހެންކަމުން ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު އެ ފުރުސަތު މާ ބޮޑުކަމަށް އޭނާ ބުންޏެވެ.

ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރާއި ޓީމުގެ ތައްޔާރީތަކަށް ބަލާއިރު ތަށި ކާމިޔާބު ނުކުރެވެންވީ ސަބަބެއް ޝާކިއްޓޭއަކަށް ނުފެނެއެވެ.

" ޕްލޭޔަރުން މޯޓިވޭޓްވެފައި ތިބިވަރާ އެމީހުންގެ ކޮމިޓްމަންޓާ މިހުރިހާ އެއްޗަކަށް ބަލާއިރު ވަރަށް ޕޮސިޓިވްކޮށް ހުރިހާ ޕްލޭޔަރުން ވެސް ތިބީ. ތަށި ނަގަން ވަރަށް ރެޑީގައި. އެ އަޒުމު ހުރިހާ ޕްލޭޔަރުންގެ ފަރާތުން ވެސް ފެނޭ،" ޝާކިއްޓޭ ބުންޏެވެ.

ޝާކިއްޓޭ ބުނީ މި މުބާރާތުގައި ހުރިހާ ސަޕޯޓަރުން ވެސް ދަނޑަށް ގޮސްް ޓީމަށް ސަޕޯޓު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ސަޕޯޓަރުންގެ އެހީއާ ނުލާ މިކަން ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެކަމުގައި އޭނާ ފާހަގަ ކުރިއެވެ.

" ކޮންމެކޮންމެ ފަހަރަކު ލިބޭނެ ފުރުސަތެއް ނޫން އަމިއްލަ ގައުމުގައި ކުޅުމަކީ، އެހެންވީމަ ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަކީ މުހިންމު ކަމެއް. ދަނޑަށް ނުވަދެވޭ ސަޕޯޓަރުން ވެސް ޓީވިއާއި ރޭޑިއޯމެދުވެރިކޮށް ޓީމާއެކު ތިބެދޭށޭ އަޅުގަނޑު ބުނާނީ،"

ރާއްޖޭގެ ގައުމީ ޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލު ކުރާނީ އަވަށްޓެރި ނޭޕާލާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މާދަމާ ރޭ 09:00ގައެވެ.