ޓޫރިޒަމް ދާއިރާގެ ފުންނާބު އުސް ވެރިންނާއެކު ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ޓީޓީއެމް އެވޯޑްސް އަދި ގާލާ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ކްރޮސްްރޯޑްސް މޯލްޑިވްސްގައި ބާއްވަން ނިންމައިފިއެވެ.

މި އެވޯޑް ހަފްލާއަކީ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް އެވޯޑް ދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.

މި އަހަރުގެ އެވޯޑް ހަފްލާގެ އިވެންޓަކީ ދެ ދުވަހަކަށް ދެމިގެންދާ ގޮތަށް ހަރަކާތްތައް ކުރިއަށްދާނެ އިވެންޓެކެވެ. އެގޮތުން ނޮވެމްބަރު 28ވަނަ ދުވަހުން ފެށިގެން 30ވަނަ ދުވަހާ ހަމައަށް މިފަހަރުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި އަހަރު ވެސް ޓީޓީއެމުން، ޓީޓީއެމް ޓްރެވެލް ސަމިޓް ބާއްވާއިރު ސަމިޓުގައި ބައިވެރިވެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް މި ދާއިރާގައި އުޅޭ ފަރާތްތަކަށް ހުޅުވާލާނެއެވެ. އެގޮތުން ސަމިޓުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަަށް ހާއްސަ ހިދުމަތްތައް ލިބޭނެއެވެ. އޭގެތެރޭގައި "ކަނެކްޓް: ސޮފްޓްވެއާގެ އެހީގައި ކުރިޔާލާ ބައްދަލުވުންތައް ރޭވުުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޓީޓީއެމް އެވޯޑްސްގެ ރަސްމީ ހަފްލާގައި ބައިވެރިވުމުގެ ދައުވަތުގެ އިތުރުން ގާލާ ނައިޓުގެ ދައުވަތު ވެސް ލިބޭނެއެވެ.

ޓީޓީއެމުން އަންނަނީ ކޮންމެ އަހަރަކު ވެސް 500އަށްވުރެ ގިނަ ވިޔަފާރިވެރިން ހިމެނޭހެން 3000އަށްވުރެ ގިނަ ބައްދަލުވުން ބާއްވަމުންނެވެ. މި ބައްދަލުވުންތަކުގައި ކޮންމެ އަހަރަކު ވެސް އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އިންވެސްޓުމަންޓް ކޮންޓްރެކްޓުތަކުގެ މަޝްވަރާ ކުރެއެވެ.