ފުޓުބޯޅައަކީ ދިވެހިންގެ މެދުގައި ގައުމީ ރޫހާ ގުޅިފައިވާ ކުޅިވަރުކަމުުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ގައުމީ ޓީމާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ގައުމީ ޓީމާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ އަޒުމަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށް ތިންވަނަ ފަހަރަށް ތަށި ގައުމަށް ގެނައުންކަމަށެވެ.

މީގެ އިތުރުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ކޮންމެ ކުޅިވަރަކަށް ވެސް ދޭންޖެހޭ ސަމާލުކަން ދީފައިވާކަމަށެވެ. އަދި ކުޅިވަރުތައް ތަރައްގީކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ.

އެގޮތުން އެ މަސައްކަތްތަކުގެ ދަށުން ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑަށް ބޭނުންވާ މުހިންމު ހިދުމަތްތަކާއި ތަރައްގީކުރަންޖެހޭ ކަންކަން ކުރުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ކުޅޭ މެޗުތަަކުން ކާމިޔާބު ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި ފައިސާގެ އިނާމުގެ އިތުރުން، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ މާދަމައެވެ.

އެ މުބާރާތުގެ އެންމެ ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރު، ލަންކާ އާއި ބަންގުލަދޭޝްއިންނެވެ. އަދި އެ ރޭ ދެވަނަ މެޗުގައި ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ.