ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

ފުލުހުން ބުނީ ސާފް ޗެމްޕިއަންޝިޕްގެ ސެކިއުރިޓީ ކޮމާންޑަރަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން ކަނޑައަޅައިފައިވާ ކަމަށެވެ.

ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމްއެވެ.

މީގެ އިތުރުން ފީލްޑް ކޮމާންޑަރުންގެ ގޮތުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސޮބާހާއި، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލުތުފީގެ އިތުރުން އިންސްޕެކްޓާ އޮފް ޕޮލިސް ސައީދު ޢަބްދުލްހަކީމް ވަނީ ހަމަ ޖައްސައިފައެވެ.

ފުލުހުން ބުނީ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަންގައި ހަރަކާތްތެރިވާ އެހެނިހެން ފުލުހުން ކަނޑައަޅައި މާދަމާއިން ފެށިގެން އޮޕަރޭޝަން ނިމެންދެން މި އޮޕަރޭޝަންގެ ބޭނުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާނީ މާދަމާއިން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ އިތުރުން ދެން މުބާރާތުގައި ބައިވެރިވާ ހަތަރު ގައުމުގެ ޓީމު މިހާރު ވަނީ ރާއްޖެ އައިސްފައެވެ.