ކުރީގެ އެޓޯލްސް މިނިސްޓްރީން އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑު ސިސްޓަމްތައް ގަތުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސަލީމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ އޭނާ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވައިގެން އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓް އިއުލާންކުރުމެއް ނެތި ގަވާއިދާއި ޚިލާފަށް ނޭޒާ އެންޓަޕްރައިޒަސް އާއި ހަވާލުކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އެ ޕްރޮޖެކްޓު ނޭޒާ އާއި ހަވާލުކޮށްފައި ވަނިކޮށް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމުގެ ގަވާއިދާއި ޚިލާފަށް އެ ޕްރޮޖެކްޓްގެ 50 ޕަސެންޓް ނޭޒާ އަށް ދީފައިވާކަމަށް ވެސް ދައުވާގައި ވެއެވެ.

މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދައުވާގެ އަސްލަށް ސަލީމް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެޓޯލްސް މިނިސްޓްރީން ޕްރޮޖެކްޓުތަކަށް އިއުލާން ކުރާފަރާތަކީ ސަލީމް ނޫންކަމަށް ސަލީމްގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

އެ މައްސަލައިގައި ސަލީމްގެ ފަރާތުން ހެކިބަސް ދިން ދެ މީހަކު ޝަރީއަތުގައި ބުނެފައި ވަނީ އެޓޯލްސް މިނިސްޓްރީން ޕްރޮޖެކްޓުތަކަށް އިއުލާން ކުރާފަރާތަކީ ސަލީމް ނޫންކަމަށާއި، އެ އިއުލާން ކުރެއްވީ އެ މިނިސްޓްރީގައި މަސައްކަތް ކުރެއްވި ނަސީމާ މޫސާ ކިޔާމީހެއް ކަމަށާއި އޭނާ މިހާރު މަރުވެފައިވާކަމަށެވެ.

ގާޒީ ވިދާޅުވީ ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ނޭޒާއަށް ދިނުމަށް ސަލީމް ހުއްދަދީފައިވާ ފައިސާ އަކީ އެޓޯލްސް މިނިސްޓްރީ އާއި ނޭޒާ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނޭޒާއަށް ދޭންޖެހޭ ފައިސާއެއް ކަމާއި، އެފައިސާއަކީ އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސދާއެއް ނޫންކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެން ކަމުން ސަލީމް އެ ފައިސާ ޚަރަދުކުރުމަށް ހުއްދަ ދީފައިވަނީ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމުގެ ގަވާއިދާއި ޚިލާފަށް ކަން ޝަރީއަތަށް ސާބިތުނުވާކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

"އަހުމަދު ސަލީމް ޚަރަދުކުރުމަށް ހުއްދަ ދީގެން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ނޭޒާ އެންޓަ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާއަކީ އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއެއް ނޫންކަން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ބުނެވިދިޔަ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާއިރު، އަހުމަދު ސަލީމް އެ ފައިސާ ޚަރަދުކުރުމަށް ހުއްދަދިނީ ސަރުކާރުގެ މުދަލާއި، ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެ ދައުލަތުން ހުށަހެޅި އެއްވެސް ލިޔުމަކުން އަހުމަދު ސަލީމް އެކަން އެގޮތަށް ކޮށްފައިވާކަން އެނގެން ނެތުމާއި އެކު އަހުމަދު ސަލީމްގެ މައްޗަށް ދައުލަތުން ދައުވާކުޅަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިންކަމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

ހުކުމްކުރުމާއެކު ކޯޓުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ އޭނާ އެމްޑީޕީއާއި ކޯލިޝަން ހެދި ދުވަސްވަރު އޭނާއަކީ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތް މީހެއްކަމަށް އެ ޕާޓީގެ އިސްވެރިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ވަކިވުމާއި އެކު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުން ގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަނަކީ ފޮހެވޭނެ އެއްޗެއް ނޫންކަމަށާއި ކޮރަޕްޝަން ހިންގާފައއިވާނަމަ އެކަން ފެންނަން އޮންނާނެ ކަމަށެވެ.

ކޮރަޕްޝަނޭ ކިޔައިގެން އޭނަޔަށް އެއްވެސް "ބޮނޑިއެއް" ނުދެވޭނެ ކަމަށާއި، އެޓޯލްސް މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު އެތާގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

" ކޮރަޕްޝަނަކީ ގެއްލޭނެ، ފޮހެވޭނެ އެއްޗެއް ނޫން. ކޮރަޕްޝަންގެ އަމަލެއް ހިންގާފަ އޮތްނަމަ އެ އެކަން ފެންނަން އޮންނާނެ. ކޮރަޕްޝަނޭ ކިޔައިގެން އަޅުގަނޑަކަށް ބޮނޑިއެއް ނުދެވޭނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް މިއަދު ހުކުމް ކުރެއްވި އިރު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތަށް އެ ދަރަނި އަދާކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަށް ހުކުމް ކޮށްފައިވާތީ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ ގޮނޑިވެސް ވަނީ ގެއްލިފައެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން މިހާރު ޖިނާއީ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވަނީ ހަމައެކަނި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުގެ މައްޗަށް އެކަންޏެވެ.