30 Sep 2021, 12:57
ރާއްޖެއިން އިންޑިއާގެ ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މީހަކު ގަވާއިދާ ހިލާފަށް ދެ ކިލޯގެ ރަން އެތެރެކުރަން އުޅެނިކޮށް، އެގައުމުގެ ކަސްޓަމްސްއިން އެ ރަން އަތުލައިފިއެވެ.
އިންޑިއާގެ ނޫހަކުން ބެންގަލޫރު އެއާޕޯޓުގެ މަސްދަރަކާ ހަވާލާދީ ބުނީ އެ މީހާ ބެންގަލޫރަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު، ގޯ ފަސްޓް އެއާލައިންގެ ފްލައިޓަކުން ކަމަށެވެ.
އެ ނޫހުގައިވާ ގޮތުން 23 އަހަރުގެ އެ މީހާ ބެންގަލޫރަށް އެތެރެ ކުރަން ގެންދިޔައީ 2.098 ކިލޯގެ "ގޯލްޑް ޕޭސްޓް"އެވެ. އެއީ އެއާޕޯޓު ފަދަ ތަންތަނުގެ މެޓަލް ޑިޓެކްޓަރަށް ނާރާ ގޮތަށް ރަން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް، ރަނާއި ދަގަނޑުގެ އެހެން ބާވަތްތަަކުގެ ޕައުޑަރު އެއްކޮށްގެން ހަދާ ޕޭސްޓެކެވެ.
އެ މީހާ އެ ރަން އެތެރެ ކުރަން އުޅުނީ ޕެކެޓުތަކަށް އަޅައިގެން، އެމީހާގެ އަންނައުނުގައި ފޮރުވައިގެންނެވެ.
ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލް ބުނީ އެ ރަނުގެ އަގު 9.9 މިލިއަން ރުޕީސް (ދެ މިލިއަން ރުފިޔާ)އަށް އަރާނެ ކަމަށެވެ.
މީގެ އިތުރުން އެ މީހާ އަކީ އިންޑިއާގެ ކެރަލާއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކަމަށް އެ ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ނަމަވެސް އޭނާ އޭގެ ފަހުން އައީ ސީދާ ރާއްޖެއަށް ކަމެއް އޮފިޝަލް ހާމަ ނުކުރެއެވެ.
އިންޑިއާގެ ފުލުހުން ދަނީ އެ މީހާ ހައްޔަރުކޮށް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.