30 Sep 2021, 13:02
ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް 24 ގަޑިއިރު ޓްރެކް ކުރެވޭ ނިޒާމެއް ގާއިމްކުރުމަށް ރާއްޖެއިން އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދުވަހާ ގުޅިގެން ރާއްޖެއިން އިންޑިއާއާއެކު ސޮއިކުރީ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން (އެންއާރުއައިޓީ) އެއްބަސްވުމެއްގައެވެ.
އިންޑިއާއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
އިންޑިއާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ސަފީރު ސަަންޖޭ ސުދީރެވެ.
މި އެއްބަސްވުމާއެކު ރާއްޖެއަށް އިންޑިއާގެ އެލްއާރްއައިޓީ ހިދުމަތްތައް، ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެލްއާރްއައިޓީ ކޮންފޯމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭއިރު މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭ، އައިއެމްއޯ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާ ނުލާ އަދާކުރެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ގާއިމް ކުރާ ޕޯޓަލްއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް ޓްރެކް ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް މިނިސްޓަރު ނަހުލާ މިއަދު ވިދާޅުވިއެވެ.