ހަށިގަނޑު ތެރޭގައި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެ އެތެރެވި ޕާކިސްތާނުގެ ދެ ފިރިހެނަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މިއަދު މެންދުރު ފަހު ކަސްޓަމް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ކަސްކަމްސް އޮފިސަރު އަހްމަދު ޝިމާއު ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު މާލެ އައި މި ދެ މީހުންގެ ހަށިގަނޑުން ޖުމްލަ 1.116 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ.

ޝިމާއު ވިދާޅުވީ މި ދެ މީހުން މާލެ އައުމުން ކަސްޓަމްސް ބަލާ ފާސް ކުރުމުގެ ތެރޭގައި މަސްތުވާ ތަކެތި ހަށިގަނޑު ތެރޭގައި ހުރި ކަމަށް ޝައްކު ކުރެވިގެން ހޮސްޕިޓަލަށް ގެންގޮސްގެން ބެލި ބެލުމުން ދެމީހުން އަތުން ޖުމްލަ 137 ބްލެޓް ގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ އަގު މަގުމަތީގެ އަގުން ބަލާނަމަ 2.2 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ވެސް ޝިމާއު ވިދާޅުވި އެވެ.

އަތުލައިގެންފައި ވަނީ އިމްތިޔާޒު ހާނު32، އާއި އިޝްފާގު 25، އެވެ. މީގެ ތެރެއިން އިމްތިޔާޒުގެ ހަށިގަނޑުން 55 ބްލެޓް ފެނުނެވެ. އިޝްފާގުގެ ހަށިގަނޑުން 82 ބްލެޓް ފެނުނެވެ.

"މި ތަކެތި އަޅުގަނޑުމެން ޓެސްޓްކޮށްގެން އޭގެ ބަރުދަން ބެލިއިރުގައި ޕެކިނާއެކު އިޝްފާގު އަތުން ފެނުނު ބްލެޓްގެ ބަރުދަނުގައި 667.920 ގްރާމް ހުރި. އަދި އިމްތިޔާޒް އަތުން ފެނުނު 55 ބްލަޓްގެ ބަރުދަނުގައި 448.347 ގްރާމް ހުރި " ޝިމާއު ވިދާޅުވި އެވެ.

ޝިމާއު އިތުރަށް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރި ދެ މީހުނާއި ސުވާލު ކުރުމުން އެ ތަކެތި އެމީހުނާއި ހަވާލުކޮށްފައިވަނީ ޕާކިސްތާނުގެ ބައެއް ކަމަށް ބުނި ކަމަށާއި އަދި މި ތަކެތި ދިރުވާލާފައިވަނީ ވެސް މި ދެމީހުން އެއްތަނެއްގައި ތިބެގެން މި މަހުގެ 11 ވަނަ ދުވަހު ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

މި ދެމީހުންނާއި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރުމުން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.