30 Sep 2021, 13:12
ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ކޮވިޑް-19ގެ ދުވަސްވަރު ޕޯޓް މަސައްކަތްތެރިންނާއި ބޯޓު ދަތުރުފަތުރުކުރާ މީހުން ވެފައިވާ ގުރުބާނީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޝުކުރު އަދާކުރައްވައިފިއެވެ.
ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ނަހުލާ ދެއްވި ހިތޯބުގައި ވިދާޅުވީ ކަނޑުދަތުރުފަތުރު މެދުވެރިކޮށް މުދާ އުފުލުމަކީ ފާއިތުވެދިޔަ އެތައްހާސް އަހަރެއްގެތެރޭ ދުނިޔޭގެ ވިޔަފާރީގެ މައިބަދަ ކަމަށާއި ދުނިޔޭގެ ވިޔަފާރީގެ 90 ޕަސެންޓު މުދާ އެއްބައްރުން އަނެއް ބައްރަށް ގެންދިޔުމަށް ބޭނުންކުރެވޭ އެންމެ އިތުބާރުކުރެވޭ، ހަރަދުކުޑަ ވަސީލަތަކީ ކަނޑުމަގުން މުދާ އުފުލުން ކަމަށެވެ.
މިނިސްޓަރު ވަނީ ދުނިޔެއަށް ކުރިމަތިބި ކޮވިޑް-19 ބަލިމަޑުކަމުގައި ބޯޓު ދަތުރުކުރާ މީހުން ވެފައިވާ ގުރުބާނީ ފާހަގަކުރައްވާފައެވެ.
"ކޮވިޑްގެ ބަލިމަޑުކަމުގައި ބޭހާއި، ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށް ބޯޓު ދަތުރުކުރާ ދެ މިލިއަނެއްހާ މީހުން ކުރި ބުރަ މަސައްކަތާއި ވީ ގުރުބާނީ ވަރަށް ފާހަގަ ވެގެންދިޔަ. މިބަލިމަޑުކަމުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކުވެސް ޝިޕިންގް އިންޑަސްޓްރީން ކުރި މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރެވިގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ކޮވިޑްގެ އެންމެ ދަތި އުނދަގޫ ދުވަސްވަރުގައި ބަނދަރުތަކާއި ބޯޑަރު ހުޅުވައިގެން ޕޯޓު ހިދުމަތްތެރިންނާއި އެހެނިހެން ކަނޑުދަތުރުކުރާ މުވައްޒަފުން ވި ގުރުބާނީއަށް ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރުގެ ކަނޑުދަތުރުކުރުމުގެ ދުވަހުގެ ޝިއާރަކީ "ސީފެއަރާސް: އެޓް ދަ ކޯ އޮފް ޝިޕިން ފިޔުޗަ" ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މި ދާއިރާ ތަރައްގީކޮށް ކުރި އެރުވަމަކީ މުހިންމުކަމެއް ކަން ފާހަގަކުރައްވާފައިވެއެވެ.
"މިސިނާއަތް ކުރިއެރުވުމަށް އެންމެ ބޭނުންވަނީ މިކަމުގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގާބިލް މީހުން އުފެއްދުން. އެހެންކަމުން މިދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށްޓަކައި ގައުމީ ޔުނިވަސިޓީއާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވާކަން އުފަލާއިއެކު ފާހަގަކުރަން. އެމްއޯޔޫގެ ދަށުން ޑެކް އޮފިސަރުންނާއި އިންޖީނު އޮފިސަރުން ތަމްރީނު ކުރެވިގެން ދާނެ. މިކަމުގެ ބޭނުމަކީ ޒުވާނުންނަށް މިދާއިރާއަށް ވަނުމަށް ހިތްވަރުދިނުމާއި މިކަމަށް މިދާއިރާގައި ހުރި ފުރުސަތުތައް ބުނެދިނުން،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު އިންޑިއާއެކު ސޮއިކުރާ އެންއާރުއައިޓީ އެއްބަސްވުމުގެ ދަށުން އެކަމަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް ޓްރެކް ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސިނާއީ މަސައްކަތުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށްޓަކައި އަދި މަސައްކަތްތައް ކުރިއަރުވުމަށްޓަކައި ބޭނުންވާ ކަންތައްތައް ދެނެގަތުމަށް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއެކީ ގާތް ގުޅުމެއް ބާއްވައި ކަންކަމުގައި މަޝްވަރާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ސަރުކާރުން އަބަދުވެސް އެ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށެވެ.