ޕީސީއާރު ޓެސްޓު ނަހަދައި ދެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނިކޮށް، މިއަދު ހެނދުނު އދ. މަހިބަދޫ މޮނިޓަރިންއަށް ލައިފިއެވެ.

އދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ބުންޔާމިން ހަސަން "ސަން" އަށް ވިދާޅުވީ މަހިބަދޫ މޮނިޓަރިންއަށް ލީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ޕޮޒިޓިވްވެ، އެމީހުންނާ ބައްދަލުވި ބަޔަކުވެސް ޕޮޒިޓިވް ވުމުން ކަމަށެވެ.

ޕީސީއާރް ޓެސްޓް ނަހަދާ ދަތުރު ކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްރަށެވެ.

ޕީސީއާރް ޓެސްޓް ނަހަދާ ދެވޭނެ ރަށްރަށް އެޗްޕީއޭއިން ވަނީ މި ހަފްތާ ތެރޭގައި އަޕްޑޭޓް ކޮށްފައެވެ. އެ 88 ރަށުގެ ތެރޭގައި މަހިބަދޫވެސް ހިމެނެއެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ "ސަން" އަށް ވިދާޅުވީ، އެރަށު ހޯމް ކަރަންޓީނުގައި ތިބި ދެމީހުން ހިމެނޭ ގޮތަށް، އެ އާއިލާގެ 10 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ކުދިން ސްކޫލަށް ގޮސްފައި ހުރުމުން އެ ކްލާސް ކުދިންވެސް ކޮންޓެކްޓުންގެ ގޮތުގައި އެބަތިބި ކަމަށް ރަޝާދު ވިދާޅުވިއެވެ.

ރަށުގައި އިތުރަށް ބަލި ފެތުރިފައި ވޭތޯ ބެލުމަށް، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރަޝާދު ފާހަގަކުރެއްވިއެވެ.

އެއީ މަހިބަދޫ މޮނިޓަރިންއަށް ލީ ހަތަރުވަނަ ފަހަރެވެ.