ހިޔާ ފްލެޓްގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާ މީހުންގެ ނަންތައް އާއްމުކޮށްފިއެވެ.

ޖުމުލަ 70 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ހެނދުނު ފެށި އިރު، ސޮއިކޮށް ނިމޭ ގަޑިއެއް ކަމަށް ކަނޑައަޅާފައި ވަނީ މެންދުރު 12:00އެވެ.

މިއަދު ސޮއިކުރަން ތާވަލް ކޮށްފައިވާ މީހުންނަކީ، އެއްބަސްވުން ފުރިހަމަ ކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތައް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ އެއްބަސްވުމަށް ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާފައި ނުވާ މީހުން ސޮއިކުރަން ދާއިރު ފޯމުތައް ހަމަކޮށް ގެންދިއުމަށް އެޗްޑީސީން ވަނީ އެދިފައިއެވެ. އަދި އެމީހުންނަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން، ފްލެޓް ބަދަލު ކުރަން ހުށަހަޅާފައިވާ ފަރާތްތައް ފިޔަވައި،ލިސްޓުގައިވާފަރާތްތަކުން ގަޑިއަށް ސޮއިކުރަން ހާޒިރު ވުމަށް އެޗްޑީސީން އެދެއެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ މީހުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި، އެއްބަސްވުމުގައި ސޮއި ކުރާ މީހާގެ ހެކިވެރިއަކު ގެންދިޔުމާއި ހެކިވެރިއާގެ އައިޑީކާޑުގެ ކޮޕީއެއް ގެންދިޔުން މުހިއްމު ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.

ހަމައެހެންމެ ފްލެޓުގެ ވެރިފަރާތުގެ ބަދަލުގައި "ޕަވާ އޮފް އެޓާނީ"އެއް ހާޒިރުވާ ނަމަވެސް ހެކިވެރިއަކު ގެންދިޔުމަށް އެޗްޑީސީން އެދިފައިވެއެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކޮންމެ މީހަކުވެސް އަމިއްލަ ގަލަމާއި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "ދެލި ޕެޑް" ގެންދިޔުން އެދެވިގެންވާ ކަމަށް އެޗްޑީސީން ބުންޏެވެ.