28 Feb 2012, 14:11
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ކުރިއެކޭ ވެސް އެއްގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އެ ނިންމުމަށް ބަދަލެއް ގެނެސްފާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.
ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ސަރުކާރުގެ ރަސްމީ ގަޑި ކަނޑައެޅުމާ ބެހޭ ގޮތުން އެ ކޮމިޝަނުން އެޑްވައިޒަރީ ކޮމިޓީއާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެ ކޮމިޓީން އެކަމުގައި ނިންމި ނިންމުމެއް ރައީސް އޮފީހަށް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ.
ރަސްމީ ގަޑި ކުރިއެކޭ ވެސް އެއްގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ތާއީދު ކުރާ ކަމަށް ކުރިން ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފަހުމީ ވިދާޅުވީ އެޑްވައިޒަރީ ކޮމިޓީއާއެކު ކުރި މަޝްވަރާތަކަށްފަހު އިތުރު ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެ ބަދަލަކީ ކޮބައި ކަމެއް ފަހުމީ ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ އެކަންތައްތައް ކޮމިޓީން ނިންމުމުން މީޑިއާއަށް ހާމަކުރައްވާނެ ކަމަށެވެ.
"ބަދަލުތަކެއް އެބަގެންނަން، ޕްރައިވެޓް ސެކްޓަރާ ހިދުމަތް ލިބިގަންނަން މީހުންގެ އާދަކާދަތައް ހަމަޖެހިފައިވާ ގޮތާއި މިހުރިހާ ކަމަކަށް ބަލާފައި،" ފަހުމީ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ސްޕޯކްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ގަޑި ބަދަލު ކުރުމަށް ވަކި ދުވަހެއް އަދި ކަނޑަނޭޅި އުޅޭނީ ސިވިލް ސާވިސް ކޮމިޝަނުން އެކަމާ ބެހޭ މަޝްވަރާތަކެއް ކުރާތީ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް އެކަންތައް ކެބިނެޓެއް ހުށަހަޅައި ވަކި ދުވަހެއް ކަނޑައެޅިގެންދާނެ ކަމަށާއި ގަޑި ބަދަލު ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"އަދި ވަކި ދުވަހެއް ކަނޑައެއް ނޭޅޭ. ނަމަވެސް ސަރުކާރުގެ ޕޮލިސީ އޮތީ އެކަން އެގޮތަށް ކުރާ ގޮތަށް. އެކަން ގެންދަންޖެހޭ ގަވާއިދުތަކާއި ތަރުތީބުތައް ހަމަޖެއްސުމުގެ ކަންތައްތައް ކުރިއަށްދަނީ،" އައްބާސް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑއޯ