ކޮވިޑް-19ގައި އަތޮޅުތަކުން 108 މީހުންނާއެކު މިއަދު ޖުމްލަ 141 ކޭސް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 4،410 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 29 މީހެއްގެ އިތުރުން، އަތޮޅުތަކުން 108 މީހަކާއި ރިޒޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދުގެ ކޭސްތަކާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 84،720 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,601 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 19 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 82،875 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 231 ގައެވެ.