މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ސަން ސިޔާމް ގްރޫޕުގެ ޗެއާމަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ގައުމީ ޓީމަށް ހިތްވަރު ދެއްވައި ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ސިޔާމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

"ދިވެހި ގައުމީ ފުޓްބޯޅަ ޓީމަކީ އަދުގެ ބަތަލުން. އުންމީދުކުރަނީ މާތްﷲގެ ހެޔޮ ރަހުމަތުން މި ގައުމު ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ލިބުން،" ސިޔާމް ވިދާޅުވިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.

އެ މުބާރާތުގެ އެންމެ ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރު، ލަންކާ އާއި ބަންގުލަދޭޝްއިންނެވެ. އަދި އެ ރޭ ދެވަނަ މެޗުގައި ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ.