29 Sep 2021, 16:16
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ މަޖިލީހުގެ އިދާރާއިން ބަލަން ފަށައިފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް ވިދާޅުވީ ޖާބިރު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަ އާއި އެ މައްސަލަ ހިނގައިފައިވާ ގޮތް މަޖިލީހުގެ އިދާރާއިން މިހާރު ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ޖާބިރު ވިދާޅުވީ ދިވެހިންނަކީ އެކި ގައުމުތަކުން "ބެހިގެން" ރާއްޖެއަށް އައިސް ތިބި "ވަކަރުގޭ ދަރިން" ކަމަށެވެ. އަދި ދިވެހިން ކިތަންމެ ރީތިކޮށް ހެދުން އެޅި ނަމަވެސް ދިރިއުޅުން ތަހުޒީބު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެކިއެކި ގޮތް ގޮތުން މި ރާއްޖެ އަށް އައިސް ތިބި މީހުން، އަޅުގަނޑުމެން ކިތަންމެ ރީތި، ރަން، ވިދާ ހެދުމާ އެއްޗެހި ލިޔަސް އަޅުގަނޑުމެން ތަހުޒީބު ވާން އެބަ ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.
އެއަށް ފަހު، އިސްލާމީ ޝަރީއަތާއި ގުރުއާން ތަހުޒީބުވެފައިވާ ކަމަށް ވިދާޅުވެ، ޖާބިރު ގޮވާލެއްވީ އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތް ހެދުމަށެވެ.
"ޝަރިއްޔާ ތަހުޒީބު. ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅާ އެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގަ މާ މޮޅު ދީންވެރިއަކު ނުއެއް ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް، لَكُمْ دِينُكُمْ وَلِىَ دِينِ މި ގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާގަ އުޅެވެން ވާނެޔޭ،" ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވިކަން ފާހަގަ ކުރައްވާ، މުޅި ދުނިޔެއިން އެ ތަގުރީރު ބަލައިގަނެފައިވާ ކަމަށް ވިދާޅުވެފައިއެވެ.
ހަމައެއާއެކު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި އއ. މަތިވެރީގައި ޖާބިރުއަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މަޖިލީހުން ތަހުގީގު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.