29 Sep 2021, 14:37
އަންނަ ހޮނިހިރު ދުވަހު ފަށައި ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ނެގި ފައިނަލް ސްކޮޑުގައި ހިމެނުނު ދެކުޅުންތެރިން ކަމަށްވާ އަލީ ހައިޝަމް (ޗުމްޕު) އާއި މުހައްމަދު ނާއިމަށް އަނިޔާވުމާއެކު އެ ދެކުޅުންތެރިންނަށް ސްކޮޑުން ޖާގަ ގެެއްލިއްޖެއެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުން ގަތަރުގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕުގައި ވެސް ބައިވެރިވި ނާއިމްއާއި ޗުމްޕު ވަނީ ކޭމްޕުގައި ކުޅުނު މެޗުތަކުގައި ވެސް ކުޅެފައެވެ. އެގޮތުން ޗުމްޕު ވަނީ ގައުމީ ޓީމުން ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ލުސައިލް އެފްސީ ކޮޅަށް ދެ ގޯލު ޖަހައި، ޕެނަލްޓީއެއް ހޯދައިދީފައެވެ.
އެ މެޗުގެ ތެރޭގައި ޗުމްޕުގެ އުކުޅުވަޅަށް އަނިޔާވެފައިވާއިރު، ނާއިމްއަށް އަނިޔާވެފައިވަނީ އެންމެ ފަހުން ކޭމްޕުގައި ގަތަރުގެ އާމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ނާއިމްގެ ކަކުލަށް ލިބުނު އަނިޔާއާ އެކު އޭނާއަށް ވެސް އޭރު ސާފު ކުޅުމާ މެދު ޝައްކު އުފެދިިފައި އޮއްވާ އެފްއޭއެމުން ސާފުގެ ފައިނަލް ސްކޮޑުގެ ނަމުގައި 24 ކުޅުންތެރިންގެ ސްކޮޑެއް މިފަހުން ވަނީ ނެރެފައެވެ.
އެ ސްކޮޑުގައި ޗުމްޕުއާއި ނާއިމްގެ ނަން ހިމެނުނު ނަމަވެސް އަނިޔާއިން ރަނގަޅު ނުވާ ނަމަ އެ ކުޅުންތެރިންގެ ޖާގަ ގެއްލިދާނެ ކަމަށް އެފްއޭއެމުން އޮތީ ބުނެފައެވެ.
އެގޮތުން އެފްއޭއެމުން މިއަދު ބުނީ ޗުމްޕު އާއި ނާއިމް އަނިޔާގައި ހުރުމާ އެކު އެ ދެކުޅުންތެރިން ސްކޮޑުގައި ނުހިމަނާ ކަމަށެވެ. އޭގެ ބަދަލުގައި ޓީމުގައި ހިމަނާނީ ފައިނަލް ސްކޮޑުން ޖާގަ ގެއްލުނު މޫސާ ޔާމީން (ޔާމްބެ) ކަމަށެވެ.
ސާފުގެ ފައިނަލް ސްކޮޑު:
މާޒިޔާ: އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ), މޫސާ ޔާމީން (ޔާމްބެ(
އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މއަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް)
ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)
ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު
ދަ ގްރާންޑޭ: ގާސިމް ސައްމާމު (ސައްމެ)