ގއ. ވިލިނގިލީ ޕޯސްޓް އޮފީހުގެ ތިޖޫރީ ވަގަށް ނަގަން ވަން ބަޔަކު ތިޖޫރީ ބަރުކަމުން ތިޖޫރީ ދޫކޮށްލުމަށްފަހު ފިލައިފި އެވެ.

ކައުންސިލް މެމްބަރު މުހައްމަދު މުޖުތަބާ ވިދާޅުވީ ޕޯސްޓް އޮފީސް ހިންގަނީ ރަށުގެ ގެއެއްގައި ކަމަށާއި ތިޖޫރީ ވަގަށް ނަގަން މަސައްކަތްކޮށްފައި ވަނީ ފާރައަށް ވޮޗަރުން ވެސް ތިއްބާ ފުރާޅުގެ ސިމެންތި ޓިނުތަކެއް ކަފާލައި ވާގަނޑެއް ބޭނުންކޮށްގެން ކަމަށެވެ. ޕޯސްޓް އޮފީސް ތެރެއަށް ވަދެ ތިޖޫރީގެންދަން އުޅުނުކަން ޑިއުޓީގައި ތިބި ވޮޗަރުންނަށް ނޭނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ތިޖޫރީ ނުގެންދެވިގެން ބަހައްޓާފައި ހުރިއިރު ތިޖޫރީއަށް އެއްވެސް ގެއްލުމެއް ދީފައިނުވާ ކަމަށެވެ. އަދި ޕޯސްޓް އޮފީހުގެ އިތުރު ތަނަކަށް ވެސް ގެއްލުމެއް ދީފައިނުވާ ކަމަށެވެ. ބަރުވެގެން ވަގުންނަށް ގެންދެވޭ ގޮތް ނުވެގެން ދޫކޮށްލި ތިޖޫރީގައި ހުރީ ކިހާ ފައިސާ އެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

ވިލިނގިލީ ޕޯސްޓް އޮފީސް ހިންގަމުންގެންދަނީ އެރަށު އެވަލާސްޓް ކިޔާ ގެއެއްގަ އެވެ. އެގެ ހުންނަނީ ރަށު ކޯޓާއި އިންވެގެން ކައުންސިލް އިދާރާ ދޮރުމައްޗަށްވާ ގޮތަށެވެ. އެ ސަރަހައްދުގައި ހަ ވޮޗަރުން އަބަދު ވެސް ޑިއުޓީ ކުރަން ތިބެ އެވެ. ރޭ ދަންވަރު ވަގުން ވަން ގަޑީގައި އެ ސަރަހައްދުގައި ތިބީ ވޮޗަރުންގެ ތެރެއިން ބިދޭސީ ދެ ވޮޗަރުން ފިޔަވައި ދެންތިބީ ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު ވޮޗަރުންނެވެ. ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.