އަމިއްލަ ޕާޓީގެ ސަރުކާރެއް ވެރިކަމުގައި އޮންނަ އިރު އެ ސަރުކާރަކަށް ނިސްބަތްކޮށް ފާޑު ކިޔާނީ މެމްބަރުންގެ ކިބައިގައި އެެއްވެސް ޒިންމާދާރުކަމެއް ނެތުމުންކަމަށް ވެރިކަންކުރާ މައި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ރޭ ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ އަމިއްލަ ޕާޓީގެ ސަރުކާރަކަށް ފާޑު ކިޔުމަކީ އެއްވެސް ގޮތެއްގައި ރަނގަޅުކަމެއް ނޫންކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަން ޒިންމާދާރުކަމާއެކު ބުނެދީ ޖަވާބުދާރީކުރުވުމަކީ މުހިންމުކަމެއް ކަމަށެވެ.

"އެހެންނެއް ނޫން. ސަރުކާރު ތެރޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަމުގެ ވާހަކަދައްކާ، ޒިންމާދާރުކަމާއެކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ މައްސަލައެއް ނޫން. އެކަން ކުރަން ވެސް ޖެހޭނެ. އެހެންނަމަވެސް އޭގެ ބޭރުން ރައީސްގެ އިސްތިއުފާއަށް ގޮވައި، ރައީސްގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމްތަކެއް އަޅުވާ އެކަހަލަ މޭރުމަކުން ވާހަކަފުޅު ދެއްކެވީމާ ޕާޓީއަށް އޭގެ ޑެމޭޖު ލިބޭ،" ޑީޑީ ވިދާޅުވިއެވެ.

ޑީޑީ އިތުރަށް ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެމްޑީޕީގެ ތެރޭގައި ފަރުވާކުޑަކުރުންތައް ވެސް ހުރިކަމަށެވެ.

އެހެންނަމަ ވެސް އަމިއްލަ ޕާޓީގެ ސަރުކާރަކަށް ނިސްބަތްކޮށް ޕާޓީގެ އިސްވެރިން ފާޑު ކިޔުމަކީ އެއްވެސް ވަރަކަށް ރަނގަޅުކަމެއް ނޫންކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތްކުރުމަކީ ޕާޓީއަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ޑީޑީ ސިފަކުރެއްވިއެވެ.

"ކޮންމެހެން ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ލިބޭ ޑެމޭޖެއް ނޫން. އަޅުގަނޑުމެން އެންމެން ވެސް ނިސްބަތްވާ ޕާޓީއަށް ލިބޭ ޑެމޭޖު އެބަ ބޮޑުވޭ،" ޑީޑީ ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ޒިންމާދާރުކުރުވުމަކީ ގައުމީ މަސައްކަތެއް ކަމަށެވެ. ނަމަވެސް ސިޔާސީ މަގުސަދެއް ހާސިިލްކުރުމަށް ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ކަމެއްކުރެއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި އިރު އެ ޕާޓީގެ މެމްބަރުންގެ މެދުގައި ވެސް ގިނަ ބަހުސްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބާއެކު ހިޔާލު ތަފާތުވުންތައް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ.

ނަމަވެސް ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ވާހަކަ އެ ޕާޓީގެ އިސް މެންބަރުން ދޮގުކުރެއެވެ.