އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު މިއަދު ވިއްކަން ފަށާނެ ކަމަށާއި ކޮންމެ މީހަކަށް އެއް ފަހަރާ ގަނެވޭނީ ފަސް ޓިކެޓު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް އަންނަ ހުކުރު ދުވަހު މާލޭގެ ގަލޮޅު ދަނޑުގައި ފަށަން ހަމަޖެހިފައިވާ އިރު މިއަދު ޓިކެޓު ވިއްކާނީ 14:00އިން 23:00އަށެވެ. އަދި މާދަމާ ޓިކެޓު ވިއްކާނީ 10:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 23:00އަށެވެ.

އެގޮތުން ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓު ވިއްކާނީ 75 ރުފިޔާއަށެވެ.

އެ މުބާރާތުގެ އެންމެ ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރު، ލަންކާ އާއި ބަންގުލަދޭޝްއިންނެވެ. އަދި އެ ރޭ ދެވަނަ މެޗުގައި ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ.

އޭގެ ތެރެއިން ފުރަތަމަ މެޗުގެ ޓިކެޓު ވިއްކާނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ސިޑިބަރި ކައިރީ ހުންނަ ކައުންޓަރުންނެވެ. އަދި ގައުމީ ޓީމުން ކުޅޭ މެޗުގެ ޓިކެޓު ވިއްކާނީ އޮލިމްޕަސް ސިނަމާ ކުރިމަތީ ހުންނަ ކައުންޓަރުންނެވެ.

އެފްއޭއެމްއިން ވަނީ ކޮންމެ މީހަކަށްވެސް ގިނަވެގެން ގަނެވޭނީ ފަސް ޓިކެޓު ކަމަށް ބުނެފައިއެވެ. އަދި އެ ޓިކެޓު ބޭނުން ކުރާނެ ކޮންމެ މީހެއްގެ ވެކްސިން ކާޑާއި އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށް ބުނެފައިއެވެ.

މީގެ އިތުރުން މެޗު ފެށުމަށް ފަހު، ހާފް ޓައިމްގައި ސްޓޭޑިއަމްއިން ބޭރަށް ނުދެވޭނެކަންވެސް އެފްއޭއެމްއިން ފާހަގަކުރިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކުރި ގައުމީ ޓީމުން ފަރިތަކުރުންތައް ނިންމާލުމަށްފަހު މާލެ އައިސް، މިހާރު ތިބީ ހޮޓެލް ޖެންގައިއެވެ.