ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރާނެ އޮފީހެއް އަވަށްޓެރި އިންޑިޔާގައި ހުޅުވަން ނިންމައިފި އެވެ.

އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަބުދުލް އަޒީޒު ޔޫސުފްއާ ހަވާލާދީ އިންޑިޔާގެ އޮންލައިން ނޫސް، ޓްރެވަލް ބިޒް އިން އިއްޔެ ބުނީ ރާއްޖޭގެ ޓޫރިޒަމް އިންޑިއާގައި ޕްރޮމޯޓް ކުރަން ހުޅުވާ ރާއްޖޭގެ އޮފީސް ގާއިމް ކުރުމަށް އެންމެ ރަނގަޅީ އިންޑިއާގޭ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ކަމަށެވެ.

އަޒީ. އެނޫހުގައި ވިދާޅުވެފައިވަނީ އިންޑިޔާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވަނީ ރާއްޖެއާ ބެހޭ މައުލޫމާތު އެކަށީގެންވާ ވަރަށް އިންޑިއާގައި ނުފެތުރޭތީ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގެ ވެރިރަށް ދިއްލީންނާއި މުމްބާއިން ރާއްޖެ އަށް މަތީ ފަންތީގެ ޓޫރިސްޓުން ގެނެވިދާނެ ކަމަށާއި މިދިޔަ އަހަރު އިންޑިޔާގެ 31،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ގާތްގަނޑަކަށް 3.3 ޕަސެންޓެވެ.

އިންޑިއާ އަކީ ރާއްޖޭގެ އިގްތޯސަދަށް މުހިއްމު ބައިވެރިއެއް ކަމަށާއި ތައުލީމީ ދާއިރާ އާއި ދިފާއީ ބާރުތަކުގެ އިތުރުން ޓޫރިޒަމް ތަރައްގީކުރުމަށް އިންޑިޔާއިން ގިނަ އެހީތަކެއް ލިބޭ ކަމަށް އަޒީ ވަނީ ފާހަގަކުރައްވާފަ އެވެ.