16 Jul 2010, 05:20
10:00
ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ އެއްވެސް މީހަކު ދޫވެގެންދިޔަދީގެން ނުވާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް އަންގަންޖެހޭ ހުކުމް އިއްވުމުގައި ފަސްނުޖެހުމަށް ފަނޑިޔާރުންނާއި ގާޒީންނަށް، އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީގެ ފަރާތުން ދަރުބާރުގޭ ބިއްދޮށުގައި އޮންނަ އުސް ފަސްގަނޑުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން ކާމިޔާބުވާނެ ކަމަށް ވެސް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ. މި އެއްވުމުގައި ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަތި ކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި އެކަން އެގޮތަށްވިޔަ ނުދެއްވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މި އެއްވުމުގައި ވާހަކަދެއްކި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި، އިދިކޮޅު ލީޑަރުން ހައްޔަރު ކުރުމަށް ގޮވާލައިފަ އެވެ.