ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނާއި އޭސީއާއި ފްލޯރިންއާއި ބަދިގޭގެ ކަބަޑު ސެޓު ފަދަ ތަކެއްޗަކީ ކުޑަކުޑަ ހޭދައެއް ނޫނެވެ. އެއީ ގެއެއް ގެއަކަށް ހެދުމަށްޓަކައި ވަރަށް މުހިންމު ތަކެއްޗެވެ. ބޮޑު ހޭދައެއް ކުރަން ޖެހޭ ތަކެއްޗެވެ. ގިނަ ބައެއްގެ ދިރިއުޅުމުގެ އުންމީދުތަކާ ގުޅިފައިވާ ހިޔާ ފްލެޓުތަކުގެ ތަޅުދަނޑިތައް އޭގެ ހައްގުވެރިންގެ އަތްމައްޗަށް އައީ ވެސް ކުރު މުއްދަތެއްގައި އެ ބޮޑު ހޭދަ ކުރަން ޝަރުތު ކޮށްގެންނެވެ. ކޮވިޑް-19 ގެނައި އިގްތިސާދީ ރާޅުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއް އަމިއްލަ ހަރަދުގައި ހޯދަން ޖެހުމުގެ ޒިންމާއާއި ބުރައާ އެކުގައެވެ.

ފައިނޭންޝަލް ސްކީމްތަކާއި ދަރަންޏަށް ފައިސާ ނަގައި، އަތުގައި ނެތް ހަރަދު ކޮށްގެން ފްލެޓުގައި ދިރިއުޅުމަށް ކުރާ ބޮޑު އިންވެސްޓްމަންޓް، ދިމާވާ ހާދިސާއެއްގެ ސަބަބުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެސް ހިނގައިދާނެއެވެ. މޮޅިއާއި ހިތާމައިގެ އިތުރުން ލިބެނީ މާލީ ބޮޑު ގެއްލުމެކެވެ. މިކަހަލަ ކަމަކަށް ތައްޔާރުވެ، ކުރިމަތިވާނެ މާލީ ބުރައިން ސަލާމަތްވުމަށް ފިޔަވަޅެއް އެޅުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫނެވެ.

"އަހަރެންގެ ހިޔާ" އަކީ މިކަމުގެ ހައްލެވެ. އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ތަޢާރަފުކުރި މި ޕެކޭޖަކީ ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަ ގޭތެރޭގެ ސާމާނަށް ރައްކާތެރިކަން ފޯރުކޮށްދޭ "ހޯމް ކޮންޓެންޓް ތަކާފުލް"ގެ ކަސްޓަމައިޒޭޝަނެކެވެ. އާންމު އުސޫލުން ތަކާފުލް ނެގުމަށްޓަކައި ގޭތެރޭގައި ހުންނަ ސާމާނުގެ އަދަދާއި އަގާއި ބްރޭންޑާއި މޮޑެލް ނަންބަރު ފަދަ މައުލޫމާތާއި ތަކެތީގެ ފޮޓޯ ހުށަހަޅަން ޖެހުން ފަދަ "ރަސްމީ މަސައްކަތް" ބޮޑެވެ. ނަމަވެސް އެއާ ހިލާފަށް "އަހަރެންގެ ހިޔާ" އަކީ މި ބޮޑެތި މަސައްކަތްތައް އެއް ފަރާތްކޮށް ހިޔާ ފްލެޓަށް ބަދަލުވާ އާއިލާތަކަށް ގޭތެރޭގެ ތަކެއްޗަށް ބޮޑު ރައްކާތެރިކަމެއް ފަސޭހައިން ލިބިދޭ ޕެކޭޖެކެވެ. ޖެހޭނީ ހަމައެކަނި "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިން ފޯމެއް ފުރާލާށެވެ.

"މީގެ ކުރިން އެންމެން ވެސް ކުރާ ޝަކުވާއެއް ފްރިޖާއި ދޮންނަމެޝެނުގެ ފޮޓޯ ނަގައި މޮޑެލް ނަންބަރާއި އަގާއި އުމުރު ޖެހުމަކީ ފަސޭހަ ކަމެއް ނޫނޭ. މިހާރު މި އޮތީ މިކަން ނުކޮށް ވާނެ ގޮތަށް ޕްރޮޑަކްޓެއް ބައްޓަން ކޮށްފައި،" އަޔާދީ ތަކާފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވިއެވެ.

"އަހަރެންގެ ހިޔާ"ގައި ތިން ގިންތިއެއް ހިމެނެއެވެ. އެއީ އަހަރަކު 200 ރުފިޔާ ދައްކައިގެން 150,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ބޭސިކް"، އަހަރަކު 300 ރުފިޔާ ދައްކައިގެން 250,000 ރުފިޔާގެ ކަވަރޭޖު ލިބޭ "އެކްސެލް" އަދި އަހަރަކު 400 ރުފިޔާ ދައްކައިގެން 350,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ޕްރީމިއަމް"އެވެ.

މި ޕެކޭޖުން އެނދު، ގޮދަޑި، އޭސީ، އަލަމާރި، ފްރިޖު، ފަންކާ، ދޮންނަމެޝިން، ބަދިގެ ކަބަޑުސެޓު، މައިކުރޯވޭވް އަދި އަވަނާއި ޓީވީ ފަދަ ގޭގައި ގެންގުޅޭ ވަރަށް ގިނަ ބާވަތުގެ މުދަލަށް ގެއްލުމުގެ ބަދަލު ފޯރުކޮށްދޭނެއެވެ. ކޮންމެ އައިޓަމަކަށް ވެސް ބަދަލު ލިބިދޭ ލިމިޓު، ކޮންމެ ޕެކޭޖެއްގައި ތަފާތުވާ ކަމަށް އަޔާދީ ތަކާފުލްގެ އެސިސްޓަންޓް މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވިއެވެ.

"މިސާލަކަށް އޭސީއަށް ބަލާކަމަށް ވަނީނަމަ، ބޭސިކް ޕެކޭޖުގައި މާލީ ބަދަލެއްގެ ގޮތުގައި ދެވޭނީ 18,000 ރުފިޔާގެ ލިމިޓާ ހަމަޔަށް. އެކްސެލްގައި 27,000 ރުފިޔާ އަދި ޕްރީމިއަމްގައި 33,000 ރުފިޔާއާއި ހަމަޔަށް. ގޭގައި 10,000 ރުފިޔާއަށް ދޭ ތިން އޭސީ ހަރުކޮށްފައިވާނަމަ އެއީ ޖުމްލަ 30,000 ރުފިޔާ. އެހެން ވެއްޖެ ނަމަ އެ ބޭފުޅަކަށް އޭސީއަށް ފުރިހަމަ ރައްކާތެރިކަމެއް މި ލިބެނީ ޕްރީމިއަމް ޕެކޭޖުން." ފަރީދާ ވިދާޅުވިއެވެ.

"އަހަރެންގެ ހިޔާ"ގެ ޕެކޭޖުތަކުގެ އެކި ގިންތިން ރައްކާތެރިކަން ލިބިދޭ ގޭގައި ގެންގުޅޭ ތަކެއްޗަށް ބަދަލު ދޭ ލިމިޓުތަކާ ބެހޭ އިތުރު މައުލޫމާތު އެލައިޑް އިންޝުއަރަންސްގެ "އަހަރެންގެ ހިޔާ" ވެބްޕޭޖުން ލިބޭނެއެވެ.

އަޔާދީގެ "އަހަރެންގެ ހިޔާ" ޕެކޭޖުގެ ދަށުން ބަދަލު ދެނީ ވަކި ހާދިސާތަކެއް ނުވަތަ ސަބަބުތަކެއް ދިމާވެގެން މުދަލަށް ގެއްލުން ލިބުމުންނެވެ. އެގޮތުން އަލިފާނުގެ ހާދިސާ، އެއްޗެއް ގޮވުން، ދުމުގެ ސަބަބުން ގެއްލުން ލިބުން، ފެންބޮޑުވުމާއި ތޫފާނެއް އައުމާއި ބިންހެލުން ފަދަ ގުދުރަތީ ހާދިސާތައް، ހިނގާ މުޒާހަރާއެއްގެ ތެރެއިން ގެއްލުމެއް ލިބުން، ފެންހޮޅިއެއް ފަޅައިގެން ދިއުން، އަދި ތަނެއް ފަޅާލައިގެން ވަދެ ވައްކަން ކުރުން ފަދަ ހާދިސާތަކަށް، ނަންގަވާ ޕެކޭޖުގެ ގިންތީގައި ކަނޑައެޅިފައިވާ ލިމިޓުން ބަދަލު ލިބޭނެއެވެ.

"ކުޑަ ކޮންޓްރިބިއުޝަނެއް ދައްކާ އިރު، ފުރަތަމަ އަހަރުތަކުގެ ތެރޭގައި ކަމެއް ނުވެދާނެ. އެކަމަކު ހަތަރުވަނަ އަހަރު ތެރޭގައި މިސާލަކަށް ކަމެއް ދިމާވެއްޖެ ނަމަ ކަސްޓަމަރަށް ލިބޭނީ ކޮންޓްރިބިއުޝަނަށް ދެއްކި މިންވަރަށް ވުރެ ވެސް މާ ބޮޑު ބަދަލެއް. ޖުމްލަ ގޮތެއްގައި މިއީ ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެއް. ލިބިދާނެ މާލީ ގެއްލުމަކުން އަރައިގަތުމަށް އަމިއްލަ ހިތްހަމަޖެހުމަށް ކުރެވިދާނެ އެންމެ ރަނގަޅު އިންވެސްޓްމެންޓަކަށް ވާނެ އެއްޗެއް މިއީ،" އަޔާދީގެ ޖެނެރަލް މެނޭޖަރު ފިރުޝާން ވިދާޅުވިއެވެ.

ކަމެއް ވާނީ ބުނެފައެއް ނޫނެވެ. މާލޭގެ ބޮޑު އާބާދީއެއް ހިޖުރަކުރަން ތައްޔާރުވަނީ އަތުން ހަރަދުތަކެއް ވެސް ކޮށްގެން އާ ޝަހަރެއް އާބާދުކޮށް ބިނާ ކުރުމަށެވެ. އެހެންކަމުން އެތަނަށް ކުރި ބޮޑު އިންވެސްޓްމަންޓު ހިމާޔަތްކުރުމަކީ ބުއްދިވެރި ގޮތެކެވެ.

މި ޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އަޔާދީ ތަކާފުލްއިން މިރޭ ކުރިޔަށް ގެންދަން ރާވާފައިވާކްލަބްހައުސް އިވެންޓުންލިބޭނެއެވެ.