އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތް ރިޔާސީ ބަޔާން އިއްވަވާނެ ކަމަށާއި އެއީ ގާނޫނީ ގޮތުން ރައީސްލް ޖުމްހޫރިއްޔާ ކުރައްވަން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އައްޑުއާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމާ ލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގަތް ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޒިންމާދާރާު ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ރިޔާސީ ބަޔާން އިއްވުމުގައި މަޖިލީހުގެ އެއްބާރުލެއްވުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އެއީ ގާނޫނީ ގޮތުން [ރައީސުލްޖުމްހޫރިއްޔާ] ކުރަން ޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން. ﷲ އިރާދަކުރެއްވިޔާ އެކަން ކުރެވިގެންދާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ޒިންމާދާރު ބައެއް ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާން ދެއްވާނެ ކަމަށް ރައީސް ވިދާޅުވާއިރު ކުރީގެ ރައީސް މުހަންމަދު ނަޝީދުވަނީ މަޖިލީސް މިއަހަރަށް ހުޅުވާ ދުވަހު ރައީސް ވަހީދު މަޖިލީހަށް ވަދެވަޑައި ނުގަތުމަށްވެސް އިލްތިމާސް ކުރައްވާކަމަށާއި މަޖިލީހަށް ވަޑައިގަތުމަށް އުޅުއްވަނީ މަޖިލީސް ތަޣައްޔަރުކުރަން ކަމަށް ވިދާޅުވެ ރައީސް އަށް ވަރުގަދަ އިންޒާރެއް ދެއްވާފައިވާފަ އެވެ. އަދި ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ވެސް އެކިފަރުމަތިން ވިދާޅުވެފައި ވަނީ ރިޔާސީ ބަޔާން އިއްވަވަން ރައީސް ވަހީދަށް މަޖިލީހަށް ވަޑައި ނުގެންނެވޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.

ރައީސް ވަހީދު އަދި ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓްގައި މިނިސްޓަރުން އައްޔަން ނުކުރައްވާ ހުރި ވުޒާރާތަކަށް މިނިސްޓަރުން އައްޔަން ކުރުމުގައި އަދިވެސް އެމްޑީޕީއަށް އިސްކަން ދެއްވާނެ ކަމަށާއި އެމްޑީޕީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"އެމްޑީޕީގެ ތެރެއިން ވެސް ބައެއް ބޭފުޅުންނާ ވާހަކަދައްކަވަމުން މި ގެންދަނީ. އަޅުގަނޑު އިސްކަން ދޭނަން އެމްޑީޕީގެ ބޭފުޅުންނަށް. ބައެއް ބޭފުޅުންގެ އިންޓަރެސްޓް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ފެބުރުއަރީ އަށް ވަނަ ދުވަހު އައްޑޫގައި ހުޅުޖަހާ އަންދާލި ތަންތަނަށް ލިބުނު ގެއްލުން 200 މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށާއި އެ އިމާރާތްތައް އަލުން އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

"ތިބޭފުޅުންނަށް އިހުސާސްވެސް ނުކުރެއްވޭނެ އައްޑުއަށް ލިބިފައިވާ ގެއްލުންތައް އެކަން ތިބޭފުޅުން އަމިއްލައަށް ނުބައްލަވަނީސް ވެސް. އަޅުގަނޑުމެން އަންދާޒާ ކުރާ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިހުރީ. އަޅުގަނޑު އުންމީދު ކުރަން ވަރަށް އަވަހަށް އެތަންތަން އަލުން އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް. އެކަމަށް އަޅުގަނޑުމެން އަތުގައި ފައިސާ ވެސް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫގެ އިމާރާތްތައް އަލުން އިމާރާތްކުރި ނަމަވެސް އެތަންތަނުގައި ހުރި އައްޑޫ ރައްޔިތުންގެ ހައްގުތައް އަބުރާ ހޯދައިދެވޭނެ ގޮތެއް ނެތް ކަމަށާއި ރައްޔިތުންގެ ގިނަ އަދަދެއްގެ ޑޮކިއުމަންޓްތައް އަދައިގެން ގޮސްފައިވާ ކަމަށެވެ.

"އެއީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ބަޔަކު ކުރި ވަރަށް ބޮޑު އަނިޔާވެރި އަމަލެއް. ޓެރަރިޒަމްގެ އަމަލެއް. އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދިން ނަމަވެސް ރައްޔިތުން ތިބީ އެގޮތަށް ނޫން ކަމަށާއި ސުލްހަވެރިކަމާ އެކު ކުރިއަށް ދިޔުމަށް ކަމަށެވެ. ރައީސް ވަނީ ކައުންސިލުތަކުން ވެސް ސަރުކާރަށް އެއްބާރުލުން ދެއްވަން ކައުންސިލްތަކަށް ގޮވާލާފަ އެވެ.

"އެއްވެސް ހާލެއްގައި ރައްޔިތުންނާއި ދެކޮޅަށް ކައުންސިލްގެ މެންބަރުން ކޮޅެއް ނުކުމެ މަސައްކަތް ކުރުމަކީ ކޮއްގެން ވާނެ ކަމެއް ނޫން. ރައްޔިތުން އެބޭފުޅުން ހޮވާފައި އެތިބީ. އަދިވެސް އެބޭފުޅުން އިންތިހާބުވެ ވަޑައިގަންނަވަން ޖެހޭނެ ކަންވެސް ޖެހޭނެ ގަބޫލުފުޅު ކުރައްވަން،" ރައީސް ވިދާޅުވި އެވެ.