ދުނިޔޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ބުއިމެއް ކަމަށްވާ ސްޕްރައިޓުން އެ ބްރޭންޑުން މީގެ ކުރިން ބޭނުންކުރަމުން އައި ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފިއެވެ.

މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 ޕަސެންޓު ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ސާފު ސްޕްރައިޓް ފުޅި ރާއްޖޭގައި ރަސްމީކޮށް ނެރުނީ މި މަހުގެ 19ގައެވެ.

ސްޕްރައިޓުގެ ސާފު ފުޅީގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުޕަމާކެޓުތަކާއި ރީޓެއިލް ފިހާރަތަކުން 19 ސެޕްޓެމްބަރުން ފެށިގެން ލިބެން ހުންނާނެ އެވެ.

ސްޕްރައިޓުގެ އާ ޕެކޭޖިންއެއް ތައާރަފްކުރަންޖެހުނު ސަބަބުތަކާ ގުޅޭ ގޮތުން، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ ފަސޭހައިން ފުޅި ރީސައިކަލްކޮށް އަދި ތަފާތު އެއްޗެއްސަށް ބަދަލުކުރެވޭނެކަން އެނގިތިބެ، ދިވެހިންނަށް އެންމެ ކަމުދާ ސްޕާކްލިން ލެމަން-ލައިމް ބުއިމުގެ މީރު ރަހަ އެއްވެސް ބަދަލެއް ނައިސް މިހާރު ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.

"މިއީ، ދެމެހެއްޓެނިވި ތިމާވެށީގެ ކަންކަމަށް އެއްބާރުލުން ދިނުމާއެކު އަޅުގަނޑުމެންގެ ވިޔަފާރި ފުޅާކުރަން ކުރެވޭ މަސައްކަތްތަކުގެ ބައެއް. ފުޅީގެ ކުލަ ބަދަލުވިޔަސް، ފުޅިން ލިއްބައިދޭ ބުއިމަކީ ހަމަ ކުރިން ވެސް ތަޖުރިބާކޮށް ލޯބި ހޯދާފައިވާ ސްޕްރައިޓުގެ ރަހަކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ސަންޖޭ ވިދާޅުވިއެވެ.

"މިހާރަށް ވުރެ ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާކުރާ ކުރިމަގެއް ބިނާކުރުމަށް ކޮކާ-ކޯލާ ކުންފުނިން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރޭ. އާންމު ފަރުދުންގެ ދިރިއުޅުމާއި، މުޖުތަމައުތަކުގައި އަދި އަޅުގަނޑުމެންގެ ދުނިޔެއަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ ތަސައްވަރެއް. ފެހި ފުޅިން ސާފު ފުޅި އަށް ބަދަލުކުރުމުން، ރީސައިކަލް ކުރަން ބޭނުންކުރެވޭ ނިޒާމުތައް މިހާރަށް ވުރެ ހަލުއިކުރެވޭނެ. މިއީ، ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅިއާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރުން ހަލުއިކުރުމަށް ވަރަށް މުހިންމު ކަމެއް،" ޕަންކަޖު ސިންހަ، ކޮކާކޯލާ ރާއްޖެ އަދި ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު، ވިދާޅުވި އެވެ.

1960 ގައި ސްޕްރައިޓް ތައާރަފްކުރީއްސުރެ މިއަދާ ހަމައަށް ވެސް ސްޕްރައިޓް މަޝްހޫރު ވެފައިވަނީ ފެހި ފުޅިންނެވެ. ފުޅި ބަދަލުކުރުމަކީ ވަރަށް ބޮޑު ބަދަލެކެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބްރޭންޑު ކުރިއެރުވުމަށް ވެސް މުހިންމު ބަދަލެކެވެ.

ސާފު ފުޅިއަކާ އެކު، ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި އެއްކޮށް، ރީސައިކަލްކޮށް އަދި އަލުން ބޭނުންކުރުން އިތުރުވުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރެވިގެންދާނެ އެވެ. ސާފު ސްޕްރައިޓް ފުޅިއަކީ 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއެކެވެ. މީގެ ސަބަބުން، ބޭނުންކުރުމަށް ފަހު އުކާލާ ފުޅީގެ ވެލިއު އިތުރުކުރެވޭނެ އަދި ތަފާތު އެހެނިހެން ބޭނުންތަކަށް އެ ފުޅި ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ކޮކާ-ކޯލާގެ "އަ ވާލްޑް ވިތައުޓު ވޭސްޓް" މަޝްރޫއަކީ، 2030 އަންނަންވާއިރަށް، ކޮކާ-ކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމްގައި ހިންގޭ މަޝްރޫއެކެވެ.