"ނޫނޭ... މިރޭ ދެން އަހަރެން ނިދާލަން މިއުޅެނީ... މާދަން ގުޅާނަން އިނގޭ..." އާހިލް އެހެން ބުނެލާފައި ރޭގަނޑުގެ ސަލާން ކޮށްލުމަށްފަހު، "ރެޑް ހާޓް އެމޯޖީއެއް" ފޮނުވައިލަމުން އޭނާ މިންހާ ދެކެ އިންތިހާ ލޯބިވާކަމަށް ބުނެލިއެވެ. އެ މެސެޖުގައި މިންހާއަކީ ހަމައެކަނި އޭނާގެ މީހެއްކަން ހަނދާން ބެހެއްޓުމަށް އެދިފައިވެއެވެ. ދުވަހަކުވެސް އޭނާ މިންހާ ދެރަނުކުރާނަންކަމުގައި ބުނެފައި އޮތެވެ. މިންހާގެ ތުންފަތް މައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ.

ޖެހިގެން އައި ދުވަހު މިންހާ ގެއަށް އައީ ޒުބައިދާ އޭނާގެ ބައްޕައަށް ކާ އެއްޗެހި ހިފައިގެން ދިޔުމުން ނިދާލުމުގެ ބޭނުމުގައެވެ. ގޭތެރެއަށް ވަނުމަށްފަހު، ބަދިގެއަށް ގޮސް އޭނާ ސައި ތައްޓެއް ހަދާލިއެވެ. އެއަށްފަހު މޭޒުމަތީގައި އެ ބަހައްޓަމުން، ބަދިގޭގައި ހުންނަ ކުޑަދޮރު ހުޅުވައިލުމަށްފަހު އޭނާ، ބަލައިލީ ޔޫލިން ކުނިކަހަން ނުކުމެ އުޅޭތޯއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޖޯލިފަތީގައި އޮށޯވެލައިގެން އޮތް އައިހަމްއެވެ. އެހާ ހެނދުނާ އެކަނި މާއެކަނި އައިހަމް އޮތުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއްވެސް ވެރިވިއެވެ. އިރުކޮޅަކު އައިހަމްއަށް ބަލަން ހުރުމަށްފަހު މިންހާ، ކުޑަ ދޮރު ލައްޕައިލާ ސައިތަށި ބޯން މޭޒު ދޮށުގައި އިށީނުމަށްފަހު، އޭނާ އާހިލްއަށް މެސެޖެއް ކޮށްލިއެވެ. އޭނާ ނިދާލަން އުޅޭކަމަށް ބުނެފައެވެ.

ހަމަޖެހިލައިގެން އިނދެ ސައިތަށިން ކޯވަރެއް ބޮވުނުތަނާ ފޯނު ވައިބްރޭޓްވުމާއެކު އޭނާ ހީކުރީ އާހިލްގެ މެސެޖެއްކަމަށެވެ. އެހެންކަމުން ސައިތަށި ބަހައްޓަމުން އޭނާ ފޯނު ނަގާ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ. އެއާއެކު އޭނާއަށް ހައިރާންކަންވެރިވީ އެއީ އައިހަމްގެ މެސެޖަކަށް ވީތީއެވެ. އޭނާ އެ މެސެޖް ހުޅުވާ އޭގައި އޮތް އެއްޗެއް ކިޔައިލިއެވެ.

"އަހަންނާ ބައްދަލުކޮށްލެވިދާނެތަ؟" އައިހަމް އަހާފައި އޮތެވެ. މިންހާއަށް ބޭއިޚްތިޔާރުގައި އޭނާގެ ދެބުމަ އުފުއްލައިލެވުނެވެ. އައިހަމް އޭނާއާ ބައްދަލުކުރަން ބޭނުންވެގެން އެ އުޅެނީ ކީއްވެގެންކަމެއް ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ.

"އާނ... ކޮން އިރަކު؟" މިންހާ ޖަވާބު ފޮނުވައިލަމުން، އައިހަމްގެ ރިޕްލައިއަކަށް އިންތިޒާރުކުރިއެވެ.

"މިގަޑީގައި ބިޒީ ނޫނިއްޔާ މީޓް ކޮށްލަބަލަ! އަހަރެން މިއޮތީ ބޭރު ޖޯލީގައި!" އައިހަމް އެދުނެވެ. މިންހާ އެމެސެޖަށް އާއެކޭ ބުނުމަށްފަހު، ސައިތަށި ތުމުގައި ޖައްސައިލިއެވެ.

ޖޯލީގައި އޮށޯވެގެން އޮތް އައިހަމް ފޯނުން ނަޒަރު ވަކިކޮށްލާ މައްޗަށް ބަލައިލިއެވެ. ރޭގައި އޭނާއަށް ނުނިދުމުގެ ސަބަބުން އަދިވެސް ހަށިގަނޑުގައިވަނީ ލޮޑުކަމެވެ. ލޯ މަތިވެސް ހިސާބަކަށް ދުޅަހެން ހީވެއެވެ. ދެލޯ އުނގުޅައިލުމަށްފަހު، އައިހަމް ނިތުގައިވެސް އަތް ހިންގައިލިއެވެ. އޭނާފުންނޭވާއެއް ދޫކޮށްލިއެވެ. މިންހާއާ ޔޫލިންއާ ބެހޭގޮތުން ސުވާލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބުނެ އޭނާގެ ސިކުނޑިން ހިތާ ދެބަސްވަމުން ދިޔަނަމަވެސް، އައިހަމް އެހީ އޭނާގެ ހިތުގެ އަޑެވެ. މިންހާގެ ފަރާތުން ޖަވާބު އެނގެން އޭނާ ހުރީ ކެތްމަދުވެފައެވެ. އިރުއިރުކޮޅަކާ ގޭގެ ދޮރާ ދިމާލަށްވެސް އޭނާއަށް ބަަލައިލެވެއެވެ.

މިންހާ ދޮރުހުޅުވައިލީވެސް އޭނާ ބަލަން އޮއްވައެވެ. މިންހާ އެ ދިމާލަށް ހިނގައިގަތުމުން އައިހަމް އޮށޯވެގެން އޮވެފައި ތެދުވެލާ އިށީނދެލިއެވެ.

"ކިހިނެއްވީ ކުއްލިއަކަށް އަހަންނާ ބައްދަލުކުރަން ބުނީ؟" މިންހާ ހުއްޓި އުނަގަނޑުގައި އަތް ވިއްދާލަމުން ސުވާލުކޮށްލިއެވެ.

"މީ... މީ... އަނެއް..." އައިހަމްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

"މީ... އަނެއް ކޯންޗެއް؟" މިންހާ ބުމަ އަރުވައިލިއެވެ.

"އަހަރެން..." އައިހަމްއަށް މިންހާއަށް ބަލައިލެވުނެވެ. މިންހާ އިޝާރާތް ކުރީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާ ގޮތަކަށެވެ. މިންހާގެ ހިތުގައިވެސް ތަފާތު ސުވާލުތައް ބުރުޖަހަން ފެށިއެވެ. އައިހަމް ދައްކަން އެ އުޅޭ ވާހަކައެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގެއެވެ. އެހާ ހާސްވަނީ ކޮން ކަހަލަ ވާހަކައެއް ބުނަން ހެއްޔެވެ؟

"ވާހަކައެއް އަހައިލަންތަ؟" އައިހަމް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ހިންގައިލަމުން ސީރިއަސް ރާގަކަށް ސުވާލުކޮށްލުމާއެކު، މިންހާއަށް ވެސް އައިހަމް ބުނަން އެ އުޅޭ ވާހަކައިގެ ބޮޑުކަން ވިސްނުނެވެ. އޭނާ ބޯ ޖަހައިލަމުން އިންތިޒާރުކުރީ އައިހަމްގެ ސުވާލަށެވެ.

"ޔޫލިން..." އަނެއްކާވެސް އައިހަމް މަޑުޖެހިލިއެވެ.

"ޔޫލިން ކިހިނެއްވީ؟" މިންހާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. މިއޮށް ހެނދުނާ އައިހަމް އޭނާއާ ބައްދަލުކުރީ ޔޫލިންގެ ކޮން ވާހަކައެއް އަހަން ހެއްޔެވެ؟ މިންހާގެ ހިތް ސުވާލު މާކުތަކުން ފުރުނެވެ.

"ލީން އެއްވެސް އިރެއްގައި އަހަންނާ ލައިކްވާ ވާހަކަ މިންނު ކައިރީގައި ބުނިތަ؟ ކުރިން ވިޔަސް... ފަހުންވިޔަސް..." ހިތްވަރުކޮށްފައި އައިހަމް ސުވާލުކޮށްލުމާއެކު، މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައިހަމްއަށް އެނގުނީ ކޮންކަމެއްހެއްޔެވެ؟ އެ ސުވާލު އެގޮތަށް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަނެއްކާ ޔޫލިން އައިހަމް ކައިރީގައި އެއްވެސް އެއްޗެއް ބުނީހެއްޔެވެ؟ ޔޫލިންގެ އެ ސިއްރު އެނގެނީ ހަމައެކަނި އޭނާއަށާއި ޔޫލިންއަށެވެ. އިތުރު މީހެއް ގާތުގައި އެ ދެމީހުންކުރެ އެކަކުވެސް އެ ވާހަކައެއް ނުދައްކައެވެ. މިންހާގެ ހިތުގައި ސުވާލުތައް އުތުރު އަރަން ފެށިއެވެ. އޭނާ ގަހުގައި އަތް ވިއްދައިލުމަށްފަހު، ގަހުގައި ލެނގިލިއެވެ.

"ކިހިނެއްވީ؟ ކީއްވެ ކުއްލިއަކަށް ތި ސުވާލު..."

"އަހަރެން ބޭނުންވަނީ ޖަވާބެއް...." އައިހަމް ހިތް އަވަސްވެފައިވާ ޙާލު ބުނެލިއެވެ. އެއާއެކު މިންހާގެ ހިތްވެސް އާދަޔާ ޚިލާފަށް ތެޅިލިއެވެ. ހަމަ ޔަޤީނުންވެސް އައިހަމްއަށް ކޮންމެވެސް އެއްޗެއް އެނގުނީކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ.

"ކިހިނެއްވީ؟ މިންނު އަހަރެން ގާތު އެއްވެސް އެއްޗެއް ނުބުނާނަންތަ؟" އައިހަމް ސުވާލުކޮށްލިއެވެ.

"ތި ސުވާލަށް ޖަވާބު ނުދޭކަށް އަހަރެން ނޫޅެމެއްނު. އަހަރެންގެ ސުވާލަކީ އައިހަމް ތި ސުވާލު ކުއްލިއަކަށް ކުރަން ޖެހުނީ ކީއްވެގެންހޭ؟" މިންހާ ބުނެލިއެވެ.

"އަހަންނަށް އެހެން ފީލް ވާތީ އޭ ބުނެފިއްޔާ މިންނު ބުނާނަންތަ؟ އަހަރެން ބަލަން ބޭނުންވަނީ އަހަރެންގެ ހީއަކީ ޔަޤީނެއްތޯ ނުވަތަ ނޫންތޯ!" އައިހަމް ތެދުވެރިކަމާއެކު ބުނެލަމުން ފުން ނަޒަރަކުން މިންހާއަށް ބަލައިލީ މިންހާގެ މޫނުމަތިން ވެސް އޭނާ ކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުންނެވެ.

"އެކަން އިނގިގެން މިހާރު އެއްވެސް މީހަކަށް ވާނެ ފައިދާއެއް ނޯންނާނެއެއްނު. ވީއިރު ކީއްކުރަން މިހާރު އެ އެއް އެނގެން ބޭނުންވަނީ؟" މިންހާ އައިހަމްގެ ދެލޮލަށް ބަލައިލުމަށްފަހު، އިސްޖަހައިލިއެވެ.

"ތީގެ މާނައަކީ ލީން އަހަރެންދެކެ ލައިކް ވެޔޭތަ؟" އައިހަމް މިންހާގެ ދުލުން އެހެން ބުނެލާ އަޑު އަހަން ބޭނުންވިއެވެ.

"އާނ.. ލީން ލައިކްސް ޔޫ... ވެރީ ވެރީ މަޗް... އެންމެ ފުރަތަމަ އައިހަމް މިރަށަށް އައިސްސުރެ ފަށައިގެން." މިންހާ އެންމެ ފަހުން އޭނާގެ އެކުވެރިޔާގެ ސިއްރު އައިހަމް ކުރިމަތީގައި ހާމަކޮށްލިއެވެ.

"އޭރުން ފަށައިގެން؟..." އައިހަމްއަށް ހައިރާންކަމެއް ލިބުނެވެ.

"އޭރުން ފަށައިގެން ލީން އައިހަމް ދެކެ ލައިކްވޭ. އެންމެ ފުރަތަމަ އޭނާ އަހަންނަށްވެސް އޮޅުވާލީ... އަހަންނަށް ވެސް އެނގުނީ ދުވަސްގަނޑެއް ފަހުން. އެފަހުން ލީންއަށް އެނގުނީ އައިހަމް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންކަން. އެ ހިސާބުން ލީން އުންމީދު ކަނޑައިލީ..." މިންހާ އައިހަމްއަށް ކިޔައިދިނެވެ. އައިހަމްއަށް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހުރިހާކަމެއް ޔަޤީންވުމުން އޭނާއަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރިއެވެ.

"އެހެންވީމަ މިހާރުވެސް ލީން އަހަރެން ދެކެ ލައިކްވޭދޯ... އެންޑް އޭރު އަހަންނާ ދުރުވީ އަހަރެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އެނގިގެން ދޯ! އޯމައި ގޯޑް..." އައިހަމްގެ ހިތުގައި އުފެދުނު ޝުއޫރުތައް ބޮއްސުން ލާ ހިސާބަށް ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. މިންހާގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު، ޔޫލިން އޭނާއާ މެދު އަމަލުތައް ކުރި ގޮތުގެ ސަބަބު އޭނާއަށް ސާފުވިއެވެ.

"ލީން ބޭނުމެއް ނުވޭ އައިހަމްއާ އައިހަމްގެ ޖީއެފްއާ ކޮންމެހެން ދުރުވާކަށް. އެހެންވެ ލީން އައިހަމްއާ ދުރުވީ... އެއީ އޮތް ހަމައެކަނި ހައްލުކަމަށް ލީން ދެކުނީ. އައިހަމްއާ ދުރުވީމަ އެ ހިތުގައި އޮތް އިޙްސާސްތައް ވެސް ކޮންމެވެސް ވަރަކަށް ފިލާނެކަމަށް ލީން ހީކުރީ..." މިންހާ އަނެއްކާވެސް ބުނެލިއެވެ. އިރުކޮޅަކު އެ ދެމީހުން އެތަނުގައި ވާހަކަ ދައްކައިލަން މަޑުކޮށްލިއެވެ. ޔޫލިން އިލޮށިފަތި ހިފައިގެން ނުކުތީވެސް އެ ދެމީހުން އެތަނުގައި ވާހަކައިގައި ތިއްބައެވެ.

ޔޫލިން ފެނުމާއެކު އެ ދެމީހުން ވާހަކަ ދެއްކުން ހުއްޓައިލިތަން ޔޫލިންއަށް ފެނުނެވެ. އޭނާ އައިސް މިންހާ ކައިރިއަށް ހުއްޓިލިއެވެ.

"މިންނު ބައްޕަ ކިހިނެއް؟" އައިހަމް ފެނުމުން ޔޫލިންގެ މޫނު ހިސާބަކަށް ރަތްވި ނަމަވެސް، އޭނާ އެ އަސަރުތައް ފޮރުވައިލަމުން މިންހާއާ ސުވާލުކޮށްލިއެވެ. އޭރު އައިހަމްގެ ނަޒަރު ހުއްޓިފައިހުރީ ޔޫލިންއަށެވެ. އޭނާގެ ހިތުގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާގެ ހިތުގައި ޔޫލިންއާ މެދު އިޙްސާސްތަކެއް ވީކަމުގައި އޭނާގެ ހިތަށް ފަހުމްވާން އެހާ ގިނަ ދުވަސް ނެގީ ކީއްވެހެއްޔެވެ؟ ނޭނގިނަމަވެސް، އެ އަންހެން ކުއްޖާގެ ހިތުގައި އޭނާއަށް ވަނީ ޖެއްސިފައެވެ. މިންހާ ފަހަރަކު މީހަކުގެ މޫނަށް ބަލައިލިއެވެ.

"ބައްޕަ ދެން އެކަހަލަ ގޮތެއް ލީން. އަދިވެސް އިންފެކްޝަންގެ އަސަރު ދަށެއް ނުވޭ... " މިންހާ ޖަވާބު ދިނެވެ.

"ދެން ޑޮކްޓަރުން ވަކި އެއްޗެއް ނުބުނޭތަ؟" ޔޫލިން ސުވާލުކޮށްލިއެވެ.

"އެމީހުންނަށްވެސް ރަނގަޅަށް ވާނުވާ ނޭނގޭ... ބައިދަވޭ އަހަރެން ގޮސްލީ އިނގޭ. ރޭގައި ނުނިދާ ހުރީމަ ވަރަށް ވަރުބަލިވެފަ މިހުރީ..." މިންހާ ބުނެލިއެވެ. ޔޫލިން ބޯ ޖަހައިލުމާއެކު، މިންހާ ގޮސް ގޭތެރެއަށް ވަނެވެ.

ޔޫލިން ކުނިކަހަމުން ގޮސް އައިހަމްއަށް ފުރަގަސްދިނެވެ. އައިހަމް މަޑުމަޑުން ޖޯލިން ތެދުވެގެން ޔޫލިންއާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ ސިކުނޑީގައިވަނީ ކީކޭކަން ލަފާކޮށްލާކަށް ނޭނގެއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ޔޫލިންގެ ފަހަތުގައި މަޑުކޮށްލިއެވެ. ޔޫލިން ތެދުވެލަމުން ފަހަތަށް އެނބުރިލިވަގުތު އޭނާއާ ދާދިގާތުގައި ހުއްޓިގެން ހުރި އައިހަމް ފެނި ސިއްސައިގެން ގޮސް މަޑު ހަޅޭކެއްގެ އަޑު އޭނާގެ އަނގައިން ބޭރުވެގެން ދިޔައެވެ. އެހާ ގާތުން އައިހަމް ފެނުމުން އަނެއްކާވެސް ކާގެ ތެރޭގެ ހާދިސާ އޭނާގެ ލޮލުގެ ކުރިމައްޗަށް ސިފަވިއެވެ. އޭނާ ލަދުން މޯޅިވާގޮތްވިއެވެ. އެ އަސަރުތައް ފޮރުވާނެ ގޮތެއް ނޭނގި ޔޫލިންއަށް ކުރެވުނުހާވެސް ކަމަކީ، އައިހަމްއާ ނަޒަރު ވަކިކޮށްލަމުން ދުރުބަލައިލުމެވެ. ޔޫލިންގެ ހަރަކާތްތަކުން އައިހަމްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އިތުރު އެއްޗެއް ބުނަން އުޅުނު ނަމަވެސް އެކަމަށް އޭނާއަށް ފުރުސަތު ނުލިބުނީ އެވަގުތު އެ ދިމާލަށް ނުކުމެގެން އައި ރައިހާން ފެނުމުންނެވެ. އައިހަމް ވެސް ނުވާކަމަކަށް ހަދާލާފައި ބޯ ކަހައިލަމުން ވާހަކަ ދެއްކިއެވެ.

"ހޭލިތޯ ބަލަން ވެގެން ގެއަށް ދަނިކޮށް ތިޔައީ..." އައިހަމް ކަރުކެހިލަމުން ބުނެލިއެވެ. ޔޫލިންވެސް އަނެއްކާ ކުނި ކަހަން ފެށިއެވެ. އައިހަމް އެއްޗެއް ބުނަން އުޅުނުކަން އޭނާއަށް އެނގުނެވެ. ރައިހާން އައުމުން އެ ފުރުސަތު އައިހަމް އަށް ނުލިބުނީކަންވެސް އޭނާއަށް އެނގުނެވެ. ޔޫލިންގެ ހިތް އިންތިހާ ބާރުމިނުގައި ތެޅެމުންދިޔައެވެ. އެހިތުގެ ހިނގުން ހަމައަކަށް އެޅުުވުން އޭނާއަށް ވީ އުނދަގޫކަމަކަށެވެ.

"ކޮފީއަކަށް ދާންވީނު." ރައިހާން ބުނެލިއެވެ.

"މަންމަ ސަޔެއް ނުހަދާނެތަ؟" އައިހަމް ބުނެލިއެވެ.

"ކޮފީއަކަށް ގޮސްފަ އައިސްވެސް ސައި ބޮވިދާނެއެއްނު." ރައިހާން ބުނެލިއެވެ.

ނިދާހޭލައިގެން ފެންވަރާ ތާޒާވެލައިގެން ޝިޒާންވެސް އަތްކުރު އަޅި ކުލައިގެ ޓީޝާޓަކާއި ސޯޓެއް ލައިގެން ނުކުތެވެ. އޭނާގެ ލޮލުގައި ޔޫލިންމެން އަޅައިގަތެވެ. އައިހަމްގެ ލޮލުގައި ޝިޒާން އަޅައިގަތުމާއެކު، އޭނާ ޝިޒާންއަށް އަތުން އިޝާރާތްކޮށްލިއެވެ. ގެއާ ދިމާލަށް ބަލަމުން ބަލަމުން ޝިޒާންވެސް އެ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާގެ ލޯ ހޯދަނީ މިންހާއެވެ. މިންހާ އަދިވެސް ގެއަށް ނާންނަނީ ހެއްޔެވެ؟

"އަހަރެމެން ކޮފީއަކަށް ދާ ވާހަކަ މިދައްކަނީ! ޖޮއިން ކުރާނަންތަ؟" އިސްވެ އައިހަމް ސުވާލުކޮށްލިއެވެ.

"އާނ... ހަމަ ދާންވީ..." ޝިޒާން އާއެކޭ ބުނެ ބޯ ޖަހައިލިއެވެ. އޭނާ އަނެއްކާވެސް ފަހަތް ބަލައިލިއެވެ.

"އެގޭ މީހަކުތަ ތި ހޯދަނީ؟ ކަމަކުތަ؟ މިންހާ ނިދާލަންވެގެން ގޮސްވީ..." ޔޫލިން ކުނި ކަހަން އޮތްގޮތަށް އޮވެ ބުނެލިއެވެ.

"އާނ. އެއީ ކަމަކު... އެކަމަކު ދެން ފަހުން އެކަމާ އުޅޭނީ... ހިނގާ ދަމާ..." ޝިޒާން ބުނެލިއެވެ. އެއަށްފަހު އޭނާ ރައިހާންމެންނާއެކު ހިނގައިގަތެވެ. އައިހަމް ދަމުން ދަމުން ވެސް ފަސް އެނބުރި ޔޫލިންއަށް ބަލައިލިއެވެ. އޭރު ޔޫލިންވެސް ހުރީ އެ ދިމާލަށް ބަލަންކަމުން އެ މަންޒަރު އޭނާގެ ލޮލުގައި ސާފުކޮށް އަޅައިގަތެވެ. އެއާއެކު އޭނާގެ މެއަށް ފިނިވެލިއެވެ. އައިހަމް ހިނިތުންވެލުމުންވެސް އޭނާއަށް އޭގެން ނަގަންވީ މާނައެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ޔޫލިންއަށް އެހުރިގޮތަށް އެތައް އިރަކު ހުރެވުނެވެ.

ފަސްވަރަކަށް ދުވަސްފަހުން އަނެއްކާވެސް ހަނީފްގެ ޙާލަތު ދަށަށް ދާންފެށިއެވެ. މީގެ ދެ ދުވަސްކުރިން ހަނީފް ގެއަށް ދޫކޮށްލެވުނު ނަމަވެސް އަނެއްކާވެސް އެޑްމިޓް ކުރީއެވެ. އޮކްސިޖަން ލެވެލް ދައްވެ އޮކްސިޖަން ނުހިފެއްޓުމުގެ ސަބަބުން އޭނާއަށް އޮކްސިޖަންގުޅަން ޖެހުނެވެ. ހަމައެއާއެކު އައިވީ ގުޅިއެވެ.

ޒުބައިދާ ހަނީފްގެ ކައިރީގައި މަޑުކޮށްލައިގެން އިނީ މިންހާ އަންނަން ދެނެވެ. އޭނާ އިނީ ތަނަކަށް ދާން ލަސްވެފައެވެ.

"މިންހާ ވެސް ބުނި އިރުކޮޅަކުން މި އަންނަނީ އޭ... ޒުބައިދާ ދެން ގޮސްލާ..." ހަނީފް ބުނެލިއެވެ.

"ނޫނޭ... ބޭބެ އެކަނި ބާއްވާފައި ދާކަށް ބޭނުމެއް ނޫން..." ޒުބައިދާ ގަޑިއަށް ބަލައިލަމުން ބުނެލިއެވެ.

"ދެން ދޭބަލަ!" ސްކޫލުން ބާއްވާ މީޓިންތަކަކީ މުހިންމު މީޓިން ތަކެކޭ..." ހަނީފް އަނެއްކާވެސް ބުނެލިއެވެ. ޝިޒާން އައިސް އެތެރެއަށް ވަތްއިރު ހަނީފް ބަލިކަށިގޮތަަކަށް ލޯ ހުޅުވާލައިގެން އޮތެވެ. އޭރު ރޭގަނޑު އަށެއްޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް އޭނާއަށް އޮތީ އޮކްސިޖަން ގުޅާފައެވެ. އިރުއިރުކޮޅުން ބަލި އަޑަކުން ހަނީފް ކެއްސައިލައެވެ. މާގަދައަށް ކޮށި އަރަން ފެށުމުން ހަނީފް ކުޑަކޮށް ތެދުކޮށްލުމަށްފަހު، ޝިޒާން ހަނީފްގެ ބުރަކަށީގައި ޖަހައިލިއެވެ. ޝިޒާން އައުމުން ޒުބައިދާ އެތަނުން ދާން ހިނގައިގަންނަމުން އޭނާ މިންހާއަށް ގުޅާ އަވަހަށް އަންނަން ބުނާނެ ކަމުގައި ބުނެލިއެވެ. ހަނީފް އުނދަގޫ ގޮތަަކަށް ބޯ ޖަހައިލިއެވެ. ކެއްސުން ކުޑަކޮށް މަޑުވުމާއެކު ހަނީފްއަށް ފެންފޮދެއް ދިނުމަށްފަހު، ޝިޒާން ހަނީފް އެނދުގައި ބާއްވައިލިއެވެ.

"މިހާރު ރަނގަޅުތަ؟" ޝިޒާން ސުވާލުކޮށްލިއެވެ. ހަނީފް ބޯ ޖަހައިލިއެވެ. އިރުކޮޅަކުން މިންހާވެސް ހަނީފްއަށް ދޭނޭ ކާއެއްޗެއް ހިފައިގެން އައިސް ވަނެވެ. ނަރުސްކުއްޖާ ވެސް އައިސް އެވަގުތު ވަނެވެ. ހަނީފްގެ އިތުރު ޓެސްޓްތަކެއް ހެދުމަށް ލޭނެގުމަށްފަހު، އެ ކުއްޖާ ދިޔުމާއެކު މިންހާ ގޮނޑީގައި އިށީނީ ހަނީފް ކާނީ އިރުކޮޅަކުންކަމަށް ބުނުމުންނެވެ. ޝިޒާންއާ މިންހާއާ ދެމީހުން އެތަނުގައި ތިބޭތާ ތިރީސް ވަރަކަށް މިނިޓް ވީފަހުން، ހަނީފްގެ ޙާލަތު އިތުރަށް ދަށްވާން ފެށިއެވެ.

"ބައްޕާ... ބައްޕާ... ކިހިނެއްވަނީ؟ އުނދަގޫވަނީތަ؟" މިންހާއަށް އުނދަގުލާއެކު ސުވާލުކޮށްލެވުނެވެ. ހަނީފްގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅަން ފެށިއެވެ. ޝިޒާންވެސް ކަންބޮޑުވިއެވެ. އޭނާ އަވަސް އަވަހަށް ގޮސް ޑޮކްޓަރަށް ގޮވައިގެން ގެނެެއެވެ. ޑޮކްޓަރުން ބެލުމަށްފަހު، ހަނީފްގެ ޙާލަތު ވަރަށް ނާޒުކު ކަމުގައި ބުންޏެވެ. ވާނުވާ ނޭނގި އެމީހުންނަށްވެއް ދެވޭނޭ އިތުރު ފަރުވާއެއްނެތްކަމުގައި އެމީހުން ބުނެލިއެވެ. އޮތީ ހަމައެކަނި އޮބްޒާވްކުރުން ކަމުގައި ބުނެލުމާއެކު، މިންހާ ފެންކަޅިވިއެވެ. އިތުރު ކުރިއެރުމެއް ނުލިބޭކަމަށްވާނަމަ މާލެދާން އެމީހުން ލަފާދިނެވެ. ބައްޕަގެ ޙާލު ދުވަހެއް ދުވަހަކަށް ދެރަވަމުން ދާތީ މިންހާ ވަނީ އިންތިހާ ދެރަވެފައެވެ. މި ފަހަރު ހަނީފްގެ ޙާލަތު ކުރިން ނުވާހާ ސީރިއަސްވިއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހަނީފް އޭނާގެ ފަހުނޭވާ މިދުނިޔެއަށް ދޫވަނީއޭ ވެސް ބުނެއެވެ. އެކަމުން މިންހާއަށް ހައްތަހާ ލިބެނީ ވޭނެވެ.

ދެ އިންޖެކްޝަނެއް ހަނީފްއަށް ދެވުނެވެ. އެއާއެކު ކޮންމެވެސް ވަރަކަށް އޭނާއަށް ލުއިވިއެވެ. އެހެންނަމަވެސް އޭރުވެސް އޭނާގެ ހަށިގަނޑުގައި ބުނެދޭން ނޭނގޭ އުނދަގުލެއް ހުއްޓެވެ. އަނެއްކާވެސް އިތުރު ޓެސްޓްތަކެއް ހެދުމަށް ލޭ ނެގުނެވެ. ގުޅާފައިވާ އައިވީ ފުޅި ހުސްވުމުން އިތުރު ފުޅިއެއް ލައްވައިލުމަށްފަހު، ނަރުސްކުއްޖާ ވެސް ނުކުތެވެ.

މިންހާ ރޮވިފައިވާ ޙާލު ބައްޕަގެ އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އޭނާ ކަރުނަތައް ފުހެލިއެވެ. އޭރު ޝިޒާންވެސް މިންހާއަށް ބަލަން ހުއްޓެވެ. މިންހާގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް އޭނާގެ ދެއަތުން ފުހެދޭން އޭނާ ހުރީ ބޭނުންވެފައެވެ. މިންހާއާ އެންމެ ގާތުގައި ހުންނަން އޭނާ ބޭނުންވިއެވެ.

"ދަރިފުޅާ..." ހަނީފް ބަލި އަޑަކުން މިންހާއަށް ގޮވައިލިއެވެ. ބަލިކަށިކަމުން އެ އަޑު އަންނަނީވެސް ކިރިޔަ ކިރިޔާއެވެ.

"ބައްޕާ އަވަހަށް ބުނޭ..." އަވަސް އަވަހަށް މިންހާ ބުނެލިއެވެ.

ހަނީފް ދެން ބަލައިލީ އަނެއްފަރާތު ގޮނޑީގައި އިން ޝިޒާންއަށެވެ. އޭނާ މަޑުމަޑުން ޝިޒާންގެ އެއް އަތުގައި ހިފައްޓައިލިއެވެ. އަދި އަނެއް އަތުން އޭނާ މިންހާގެ އަތުގައި ހިފައްޓައިލިއެވެ. ބައްޕަ ކުރާނެކަމެއް ނޭނގިފައި މިންހާއަށް އިނދެވުނުއިރު އޭނާގެ ހިތްތެޅިލިއެވެ. އޭނާއަށް ހަނީފްއަށް ގޮވައިލެވުނެވެ.

ހަނީފް މަޑުމަޑުން މިންހާގެ އަތް ޝިޒާންގެ އަތާ ގުޅުވައިލިއެވެ.

"ދަރިފުޅާ... ބައްޕައަށް ކަމެއް ކޮށްދެންޏާ ދަރިފުޅު ޝިޒާންއާ ކައިވެނިކުރޭ... ބައްޕަ... ބައްޕަ ދުނިޔޭގައި... އޮއްވާ... ދަރިފުޅުގެ ކައިވެނި ކުރެވުމަކީ ބައްޕަ ދެކެން ބޭނުންވާ ދުވަހެއް..." ހަނީފްގެ ޖުމްލައާއެކު، މިންހާގެ ފައިދަށުން ބިންގަނޑު ހީވީ ދެމިގެން ދިޔަހެންނެވެ.މިންހާއަށް ހަނީފްއަށް ބަލައިލެވުނީވެސް ކަރުނަވީ ދެލޮލުންނެވެ.

(ނުނިމޭ)